މާލޭ ރައްޔިތުންގެ ހައްގުގައި، ހިޔާ ފްލެޓުގެ ކުލި ކުޑަ ކުރަން އަނެއްކާ ވެސް މުއިއްޒު ނިކުމެއްޖެ

އޮގަސްޓް 30، 2021: މާލޭ ސިޓީ މޭޔަރު މާލޭ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު ސަން އަށް ދިން ހާއްސަ އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާަ

ހިޔާ ފްލެޓުގެ ކުލި ކުޑަކޮށްދިނުމަށާއި ފިނިޝިންއަށް ދީފައިވާ މުއްދަތު އިތުުރު ކޮށްދިނުމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ތިން ވަނަ ފަހަރަށް އެދިވަޑައިގެންފިއެވެ.

މުއިއްޒު އެދިވަޑައިގެންފައިވަނީ ހިޔާ ފްލެޓުގެ ކުލި 5،600 ރުފިޔާއަށް ވުރެ ކުޑަ ކޮށްދިނުމަށެވެ. ހިޔާ ފްލެޓުގެ މެއިންޓެނަންސް ފީއާއެކު މިހާރު ދައްކަން ހަމަޖައްސައިފައިވަނީ މަހަކު 8500 ރުފިޔާއެވެ.

ފިނިޝިން އަށް ސަރުކާރުން ތިން މަސް ދުވަސް ދީފައިވާއިރު މުއިއްޒު ވަނީ އެ މުއްދަތު މަދުވެގެން ނުވަ މަސް ދުވަހަށް އިތުރުކޮށްދިނުމަށް ވެސް އެދިވަޑައިގެންފައެވެ.

މިކަމާ ގުޅިގެން މުއިއްޒު "ސަން"އަށް ވިދާޅުވީ މޭޔަރުކަމާ ހަވާލުވީއްސުރެ މިކަމަށް މަސައްކަތް ކޮށް އަޑު އުފުލަމުން އަންނަ ކަމަށާއި ނަމަވެސް މިކަމުގައި މިހާތަނަށް އެދެވޭ އިޖާބައެއް ސަރުކާރުން ލިބިފައިނުވާ ކަމަށެވެ.

މުއިއްޒު ވަނީ ފްލެޓުތަކުގެ އަގު ބޮޑުވެފައިވަނީ ކުރީގެ ސަރުކާރުން ކުރި ކަމަކުން ނޫން ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރުކުރައްވާފައެވެ.

"އޭގެ އަގު ބޮޑުވެފަ ވަނީ ކުރީގެ ސަރުކާރުން ކުރި ކަމަކުންނޭ ކިޔާ ވާހަކަ ދައްކާތީ އެ ކަމުގެ މައުލޫމާތު ވެސް ވާނީ ވަރަށް ތަފްސީލުކޮށް ރިޕޯޓު ހަދާފަ ފޮނުވާފަ. ސިޓީ ކައުންސިލްގެ ހައިސިއްޔަތުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން މިދަނީ." މުއިއްޒު ވިދާޅުވިއެވެ.

ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ ފެނި، ކުލި ކުޑަކުރެވިގެންދާނޭ ކަމަށް ގަބޫލުކުރައްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މި ކަމަށް މަސައްކަތް ކުރަނީ މާލޭގެ އެތައް ހާސް ރައްޔިތުންނަށް ނިކަމެތިކަން ލިބޭތީ، އެ ރައްޔިތުންގެ ހައްގުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ރައްޔިތުންނަށްޓަކައި އަޅުގަނޑު ހަމަ މި މަސައްކަތް މިކުރަނީ. އެއް ފަހަރު ދެންނެވީމަ އިޖާބަ ނުދެއްވީމަ ދެވަނަ ފަހަރަށް ވެސް ދަންނަވާފަ އިޖާބަ ނުދެއްވީމަ ތިން ވަނަ ފަހަރު ވެސް މި ދެންނެވީ. އަޅުގަނޑު ދެންނެވިން އިންތިހާބު ކުރެއްވިއިރު ވެސް ރައްޔިތުންނަށް ޓަކައި ހުއްޓައިނުލާ ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާނަމޭ" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައި ފެށި ހިޔާ ފްލެޓު މަޝްރޫއުގައި ރައްޔިތުން ދިރިއުޅެން ބޭނުންވާ ވަސީލަތްތައް ގާއިމްވެފައި ނެތުމުން އޭނާ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ތިން އަހަރު ވެގެން ދިޔައިރު ވަސީލަތްތައް ގާއިމް ނުވެ، މަސައްކަތް ނުފެށި އޮތީ ކަމާ ބެހޭ މިނިސްޓްރީތަކުން އެކަމަށް މަސައްކަތް ނުކުރާތީ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ޕަބްލިކް ޓްރާންސްޕޯޓާއި، މިސްކިތާއި ސުކޫލުގެ އިތުރުން ހޮސްޕިޓަލެއް އެ ސަރަހައްދުގައި ގާއިމްވެފައި ނެތް ކަން ފާހަގަކުރެއްވިއެވެ.

ހިޔާ ފްލެޓުގެ ފިނިޝިންއަށް ދީފައިވާ މުއްދަތު ހަމަވުމުން، އަންނަ ޖެނުއަރީ މަހުން ފެށިގެން ހިޔާ ފްލެޓަށް ކުލި ނަގަން ފަށާނެއެވެ.

ފްލެޓުތަކުގެ ކުލި ކުޑަކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން އަންނަނީ މި ޕެޓިޝަން ދިރާސާކުރަމުންނެވެ.

comment ކޮމެންޓް