ހަ ހަފްތާއަށް ފަހު ލަންކާގެ ލޮކްޑައުން އުވާލައިފި

ލަންކާއިން ވަނީ ހަ ހަފްތާއަށް ފަހު ލޮކްޑައުން އުވާލާފަ -- ފޮޓޯ: އޭޕީ

ސްރީލަންކާ ލޮކްޑައުން ކުރިތާ ހަ ހަފްތާ ފަހުން އެގައުމުގެ ލޮކްޑައުން މިއަދު އުވާލައިފިއެވެ.

ލަންކާގައި ކޮވިޑް-19ގެ ޑެލްޓާ ވޭރިއެންޓު ފެތުރި، ބަލި ޖެހުނު މީހުންގެ އަދަދު އިތުރުވުމުން އެގައުމު ލޮކްޑައުން ކުރީ މިދިޔަ އޮގަސްޓު މަހުގެ 20ގައެވެ. ނަމަވެސް އެގައުމުން ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު މިހާރު ވަނީ މަދުވެފައެވެ.

އެގޮތުން ކޮންމެ ދުވަހަކު އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 1،000އަށް ވުރެ ދަށްވެ، ދުވާލަކަށް ބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ 100އަށް ވުރެ މަދުވެފައެވެ. އެއާ އަޅާ ބަލާއިރު މިދިޔަ މަހުގެ ކުރީކޮޅު އެގައުމުން ދުވާލަކަށް 3،000އަށް ވުރެ ގިނަ ކޭސް ފެނި، ކޮންމެ ދުވަހަކު ބަލީގައި 200އަށް ވުރެ ގިނަ މީހުން މަރުވަމުން ދިޔައެވެ.

ލަންކާއިން ލޮކްޑައުން އުވާލި ނަމަވެސް އެގައުމުން ވަނީ ގައިދުރު ކުރުމަށް ހަރުކަށި ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ގެއިން ބޭރަށް ދާން ވާނީ ވަޒީފާއަށް ނުވަތަ ކޮންމެހެން ބޭނުންވާ ތަކެތި ގަންނަން ކަމަށް އެގައުމުގެ ސަރުކާރުން ވަނީ އަންގާފައެވެ.

މީގެ އިތުރުން ބޮޑެތި އެއްވުންތައް ބޭއްވުން މަނާކޮށް، ސިނަމާތަކާއި ސްކޫލްތަކާއި ރެސްޓޯރެންޓުތައް އަދިވެސް ހުންނާނީ ބަންދުކޮށްފައި ކަމަށް ލަންކާގެ ހެލްތު މިނިސްޓްރީން ބުންޏެވެ.

ލަންކާއިން ލޮކްޑައުން އުވާލީ އެގައުމުގައި ހަކުރާއި ކިރާއި ކައްކަން ބޭނުން ކުރާ ގޭސް ލިބުން ދަތިވެފައިވާ ދަނޑިވަޅެއްގައެވެ. އެގައުމުގެ ވިޔަފާރިވެން ބުނި ގޮތުގައި އޭގެ އެއް ސަބަބަކީ އެމެރިކާ ޑޮލަރު ލިބުން ދަތިވެ، ކާބޯތަކެތި އިމްޕޯޓު ކުރަން ހުރަސް އެޅިފައިވުމެވެ.

ލަންކާގެ ސަރުކާރުން އުއްމީދު ކުރަނީ ލޮކްޑައުން އުވާލުމުން ގައުމުގެ ފަތުރުވެރިކަން ކުރިއަރައި، ބޭރުގެ ފައިސާ ލިބޭ މިންވަރު އިތުރު ވާނެ ކަމަށެވެ.

ލަންކާއިން މިހާތަނަށް ފަސް ލައްކައަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެ، ބަލީގައި 12،847 މީހަކު މަރުވެފައިވެއެވެ. އަދި އެގައުމުގެ 22 މިލިއަން މީހުންގެ އާބާދީގެ ތެރެއިން މިހާރު 50 ޕަސެންޓަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފައެވެ.

comment ކޮމެންޓް