އެންމެ ފުރަތަމަ އިސްކުރަންވީ ގައުމުގެ މަސްލަހަތު: ހުތުބާ

ޖުލައި 10، 2020: އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުސްލިމުންގެ ހައިސިއްޔަތުން އެންމެ ފުރަތަމަ އިސްކުރަންވީ އަމިއްލަ ގަައުމުގެ މަސްލަހަތުކަމަށާއި މުޖުތަމައުގެ ސުލްހައަށްޓަކައި މަސައްކަތްކުރުމަށް މިއަދުގެ ހުތުބާގަަައި ގޮވާލައިފިއެވެ.

ސުލްހަވެރި މުޖުތަމައުއެއް ބިނާކުރުމުގެ މައުޟޫއުގެ މައްޗަށް އަލިއަޅުވާލައި މިއަދު ދިން ހުތުބާގައި ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަބަދުވެސް ތަފާތު އެކި ނޭދެވޭ ކަންކަން ހިނގަމުން އަންނަކަމަށެވެ. އެގޮތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަބަދު ވެސް ލޭ އޮހޮރުވުމާއި، ބައިބައިވުމާއި، ދެކޮޅުވެރި އަމަލުތައް ހިނގަމުން އަންނަކަމަށް ހުތުބާގައި ބުންޏެވެ.

އޭގެ ތެރޭގައި ސިޔާސީ ފިތުނަތަކާއި، މަގާމާއި، ނުފޫޒާއި، ޖާހަށްޓަކައި ހަނގުރާމަކުރުމާއި، އެއްބަޔަކު އަނެއްބަޔަކު މައްޗަށް ގަދަވެ ގަތުމަށް މަސައްކަތްކުރާކުރުން ހިމެނޭކަމަށް ހުތުބާގައި ބުންޏެވެ.

އޭގެ ސަބަބުން އެކި ދުނިޔޭގެ ގައުމުތަކަށް އަސަރުކުރާއިރު ރާއްޖެއަށް ވެސް އެފަދަ ކަންކަންމުގެ އަސަރުކުރާކަމަށާއި، އަދި އެފަދަ ފިތުނަތަކުން ރައްކާތެރިވުމަށް މަސައްކަތްކުރުމަށް ވެސް ހުތުބާގަައި ގޮވައިލިއެެވެ.

"މިފަދަ ފިތުނަވެރިކަމެއްގެ ތެރެއަަށް ދުނިޔެ ވަންނަ ކޮންމެ ދުވަސްވަރެއްގައި، އަޅުގަނޑުމެން ފަދަ ޖަޒީރާ ގައުމުތަކަށް މި ކަންކަމުގެ އަސަރު ފޯރިޔަނުދީ ވޭތޯ ގަދައަޅައި މަސައްކަތްކުރަން ޖެހޭނެ،" ހުތުބާގައި ބުންޏެވެ.

މީގެ އިތުުރުން ހުތުބާގައި ވަނީ އިސްލާހުކުރުމުގެ މަސައްކަތްކުރާއިރު ވެސް ސަމާލުވާންޖެހޭ ކަންތައްތަކެއް ފާހަގަކޮށްފައެވެ. އެގޮތުން މީހުންގެ އަބުރާއި، ޝަރަފު ނަގައިލާ މީހުންގެ ސިއްރުތައް ހާމަކުރުމުން ދުރުވުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އަދި އެ ކަންކަން ކުރާނަމަ މުޖުތަމައު ފަސާދަވާނެކަމަށް ވެސް ހުތުބާގައި ބުންޏެވެ.

ހަމައެއާއެކު އިސްލާމީ މުޖުތަމައުއެއްގައި މީހުންގެ މެދުގައި ރަހުމުކުރުމާއި އޯގާތެރިވުމުގެ ސިފަ އޮންނަންޖެހޭނެކަމަށް ވެސް ހުތުބާގައި ބުންޏެވެ. ނަމަވެސް މިއަދު ދިވެހި މުޖުތަމައުގައި ވެސް މަދުން ނަމަވެސް މީހުންގެ އަގު ވެއްޓުމަށް މަސައްކަތްކުރަމުން އަންނަ މަންޒަރު ފެންނަމުން އަންނަކަމަށް ހުތުބާގައި ބުންޏެވެ.

"ކަމެއް ދިމާވާއިރަށް އަތް އިސްކުުރުމާއި، ހުތުރު ބަހުރުވައިން މުހާތަބުކޮށް، ޒާތީވެ ހަސަދަވެރިވުމަކީ ހިތާމަހުރި ކަމެއް،" ހުތުބާގައި ބުންޏެވެ.

މިއަދުގެ ހުތުބާގައި މުޖުތަމައުގެ މެދުގައި ސުލްހަވެރިކަން ގާއިމްކުރުމުގެ މައްޗަށް އަލިއަޅުވާލައިފައިވާއިރު ފަރުދުންގެ ކިބައިގައި ހުންނަންޖެހޭ ގިނަ ސިފަތަކެއްގެ މައްޗަށް ވަނީ އަލި އަޅުވާލައިފައެވެ. އަދި ގައުމުގެ މަސްލަހަތު އިސްކޮށް އެއްބައެއްްގެ ގޮތުގައި ސުލްހަވެރިކަމާއެކު މަސައްކަތްކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

comment ކޮމެންޓް