ރައީސް ޔާމީން ފަދަ ލީޑަރެއް ރާއްޖެއިން ފެންނާކަށް ނެތް: އަދުރޭ

ސެޕްޓެމްބަރު 30، 2021: އިދިކޮޅުން ބޭއްވި "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ޖަލްސާގައި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވާހަކަދައްކަވަނީ -- ފޮޓޯ/ ޕީޕީއެމް

ވެރިކަން ހިންގުމުގެ ގާބިލުކަމާއި، އެފަދަ ހިތްވަރެއް ހުރި ހަމައެކަނި ލީޑަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށާއި ރައީސް ޔާމީން ފަދަ އިތުރު ލީޑަރެއް ރާއްޖޭގައި މިއަދު ނެތްކަމަށް، އިދިކޮޅު ކޯލިޝަން ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރޭ އިދިކޮޅުން ބޭއްވި "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ޖަލްސާގައި އަދުރޭ ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ގައުމިއްޔަތުގެ ދިފާއުގައި ވަކާލާތު ކުރެއްވި ހަމައެކަނި ލީޑަރަކީ ވެސް ރައީސް ޔާމީން ކަމަށެވެ.

"އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫ އަރާނެ އެއްވެސް ކަމެއް ތިމަން މަނިކުފާނުގެ ޒައާމަތެއްގައި ވިޔަކަ ނުދެއްވާނަމޭ،" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީންގެ މަސައްކަތްކުރެއްވީ ވަކި ގައުމަކަށް ބަރޯސާނުވެ ހުރިހާ ގައުމަކާ ގުޅިގެން ރާއްޖޭގައި ތަރައްގީގެ މަޝްރޫތައް ހިންގުމަށް ކަމަށެވެ. އަދި ރާއްޖޭގައި އިސްލާމީ ވަހުދަތު ވަރުގަދަ ކުރެއްވުމަށް ކަމަށެވެ. އެއާއެކު އެއީ ރައްޔިތުންގެ މެދުގައި ރައީސް ޔާމީން ބަލައިގަތް ސަބަބުކަމަށް އަދުރޭ ވިދާޅުވިއެވެ.

"މި ކަންކަން އަލުން އަނބުރާ ގެނައުމަށްޓަކައި މައިދާނަށް ފެއްސާ ރަތާ ހުދުގެ ދިދަ ހިއްޕަވައިގެން ނިކުމެވަޑައިގަންނަވާނެ ގާބިލް، ހިތްވަރުގަދަ، ކެރޭ، ތަޖުރިބާކާރު މައިދާނުގައި ސާބިތުވެ ހުންނާނެ ގާއިދަކަށް ދިވެހިން ބޭނުންވަނީ. އެފަދަ ގާއިދަކަށް މި ޖީލުން ފެންނަން ހުރީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް،" އަދުރޭ ވިދާޅުވިއެވެ.

ސެޕްޓެމްބަރު 30، 2021: އިދިކޮޅުން ބޭއްވި "މިނިވަންކަމުގެ ދިފާއުގައި ދިވެހިން"

ރޭ އިދިކޮޅުން ބޭއްވި ޖަލްސާގައި އެ ކޯލިޝަންގެ އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމުންވެސް ބައިވެރިވެފައެވެ.

"މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ނަމުގައި އިދިކޮޅުން ހިންގާ އެ ހަރަކާތުގެ ލަވަ ވެސް ރޭގެ ޖަލްސާގައި އެ ކޯލިޝަނުން ވަނީ އިފްތިތާހުކޮށްފައެވެ.

އިދިކޮޅުން ބުނީ އެ ހަރަކާތަކީ ގައުމީ ހަރަކާތެއްކަމަށެވެ. އަދި ސިޔާސީ ކޮންމެ ފިކުރެއްގެ މީހަކަށް ވެސް އެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމަށެވެ.

comment ކޮމެންޓް