އޮސްޓްރޭލިއާގެ ބޯޑަރުތައް އަންނަ މަހު ހުޅުވާލަނީ

ސިޑްނީ އިންޓަނޭޝަނަލް އެއާޕޯޓު--- ފޮޓޯ/ގޫގަލް

ކޮވިޑް-19އާ ގުޅިގެން އޮސްޓްރޭލިއާއިން ބަންދުކޮށްފައިވާ އެގައުމުގެ ބައިނަލްއަގުވާމީ ބޯޑަރުތައް އަންނަ މަހު ހުޅުވާނެ ކަމަށް އެގައުމުން ބުނެފިއެވެ.

ކޮވިޑާ ގުޅިގެން އޮސްޓްރޭލިއާއިން ބޯޑަރުތައް ބަންދުކޮށް، އެގައުމަށް މީހުން ދިޔުމާއި އެގައުމުގެ ރައްޔިތުން ގައުމުން ބޭރަށް ދިޔުން މަނާ ކުރީ މިދިޔަ އަހަރުގެ މާޗް މަހުގައެވެ. މިހާރު އޮސްޓްރޭލިއާއިން ބޭރަށް ދެވެނީ ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް ނުވަތަ ގައުމުން ބޭރުގައި ހުރި އާއިލާގެ މެމްބަރެއްގެ ހާލު ސީރިއަސްވުން ފަދަ ހާއްސަ ހާލަތްތަކުގައިއެވެ.

އަންނަ މަހުން ފެށިގެން އެގައުމުން ބޯޑަރުތައް ހުޅުވާލަން ނިންމާފައި ވަނީ ހަރުކަށި ފިޔަވަޅުތަކާ އެއްކޮށެވެ. އެގޮތުން ގައުމުން ބޭރަށް ދެވޭނީ ވެކްސިން ރޭޓު 80 ޕަސެންޓަށް އަރާ ސްޓޭޓުތަކުގައި ދިރިއުޅޭ މީހުންނަށެވެ.

މީގެ އިތުރުން އޮސްޓްރޭލިއާއަށް ވަނުމަށް ހުއްދަ ދޭނީ ގައުމުގެ ރައްޔިތުންނަށާއި ހާއްސަ ހުއްދަ ލިބޭ އެހެން ގައުމުތަކުގެ މީހުންނަށެވެ. އަދި މިހާރު އެގައުމަށްދާ މީހުން 14 ދުވަހަށް ކަރަންޓީނު ވާން ޖެހޭ ނަމަވެސް، އެ ގަވާއިދަށް ބަދަލު ގެންނާނެއެވެ.

އެގޮތުން ކޮވިޑް ވެކްސިން ޖަހާފައިވާ މީހުން ކަރަންޓީނު ވާން ޖެހޭނީ ހަތް ދުވަހަށެވެ. އަދި ވެކްސިން ނުޖަހާ މީހުންނަށް އެގައުމަށް ވަނުމުގެ ހުއްދަ ދޭނީ ފަހުން ކަމަށްވާ އިރު އެމީހުން 14 ދުވަހަށް ކަރަންޓީނުވާން ޖެހޭނެއެވެ.

އޮސްޓްރޭލިއާގެ ބޯޑަރުތައް ހުޅުވާލި ނަމަވެސް އެގައުމަށް އަދި ފަތުރުވެރިންނަށް ދަތުރު ނުކުރެވޭނެއެވެ. ނަމަވެސް އެގައުމުގެ ސަރުކާރުން ވަނީ ފަތުރުވެރިން ގެންދިޔުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.

އޮސްޓްރޭލިއާގެ އެއާޕޯޓުތަކުން ވަނީ އެގައުމުގެ ބޯޑަރުތައް ދުވަސްތަކެއް ފަހުން ހުޅުވޭތީ ފްލައިޓްތަކަށް ބާރު ބޮޑުވެ، ފްލައިޓުތައް ޑިލޭ ވުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ބުނެފައިއެވެ.

އޮސްޓްރޭލިއާއަކީ ކޮވިޑް-19 ފެތުރުމާއެކު ހަރުކަށި ފިޔަވަޅުތައް އަޅާ، އެންމެ ކާމިޔާބުކަމާ އެކު ކޮވިޑް ކޮންޓްރޯލް ކުރި އެއް ގައުމެވެ. ނަމަވެސް އެގައުމުގެ ބައެއް ސަރަހައްދުތަކުގައި މިހާރު ޑެލްޓާ ވޭރިއެންޓު ފެތުރި، ސިޑްނީއާއި މެލްބަން އަދި ކެންބެރާ ވަނީ ލޮކްޑައުން ކޮށްފައެވެ.

comment ކޮމެންޓް