އެއް އަހަރުތެރޭ ޑައިބެޓިކް ސެންޓަރުން 800އަށްވުރެ ގިނަ ބަލި މީހުންނަށް ފަރުވާ ދީފި

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ހަކުރު ބަލީގެ މީހުންނަށް ފަރުވާ ދިނުމުގެ ގޮތުން ގާއިމްކުރި ނޭޝަނަލް ޑައިބެޓީސް ސެންޓަރު (އެންޑީސީ)އިން އެއް އަހަރުގެ ތެރޭ 835 ބަލި މީހުންނަށް ފަރުވާ ދީފިއެވެ.

އެންޑީސީ ހުޅުވިތާ އެއް އަހަރު ދުވަސް ފުރުމާ ގުޅިގެން އައިޖީއެމްއެޗުން ބުނީ އެ ސެންޓަރުގެ ސަބަބުން ހަކުރު ބަލީގެ މީހުންނަށް ހިދުމަތް ދިނުމަށް އެތައް ގޮތަކުން ފަސޭހަވެފައިވާކަމަށެވެ.

އެގޮތުން ފާއިތުވި އެއްް އަހަރު ދުވަހުގެ ތެރޭގައި 241 މީހެއްގެ އީސީޖީ ހަދައިދީފައިވާއިރު ހިދުމަތް ހޯދާ މީހުންގެ އަދަދު ވެސް މަތިވަމުން އަންނަކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

"އެންޑީސީއިން ފަރުވާ ދީފައިވާ ބަލި މީހުންގެ ތެރެއިން 10 މީހަކުވަނީ ސެންޓަރުން ހިދުމަތް 11 ފަހަރު ހޯދާފައެވެ. އަދި ދެ މީހަކު 13 ފަހަރު މި ހިދުމަތް ހޯދާފައިވާއިރު 440 މީހަކުވަނީ ދެ ފަހަރު މަތިން އެންޑީީސީ އިން ހިދުމަތް ހޯދާފައެވެ،" އައިޖީއެމްއެޗްގެ ބަޔާނުގައި ބުންޏެވެ.

އެންޑީސީގެ ހިދުމަތްތަކުގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމާއި، ހަކުުރު ބަައްޔާ ގުޅުންހުރި ޓެސްޓުތައް ހެދުމާއި ރިޕޯޓު ދޫކުރުން ހިމެނެއެވެ. މީގެ އިތުރުން ހަކުރު ބަލީގެ މީހުންގެ ކެއުން ބަހައްޓާނެ ގޮތާމެދު ޑައިޓީޝަނުންގެ ލަފާ ވެސް އެ ސެންޓަރުން ދެއެވެ.

މީގެ އިތުރުން އައިޖީއެމްއެޗުން ބުނީ އެ ސެންޓަރުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ހަަކުރު ބަލީގެ މީހުންގެ ޑާޓާބޭހެއް ތައްޔާރުކުރުމުގެ މަސައްކަތްކަމަށެވެ. އެގޮތުން އެ މަސައްކަތުގެ ދަށުން 127 ރަށަކުން ބޭނުންވާ މައުލޫމާތު އެއްކޮށްފައިވާކަމަށް ބުންޏެވެ. އަދި އިތުރު 58 ރަށަކުން މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ވެސް ބުންޏެވެ.

އެންޑީސީގެ އެންމެ މުހިންމު އެއް މަގްސަދަކީ ހަކުރު ބަލީގެ މީހުންނަށް ފަސޭހައިން، ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމެވެ. އަދި މި ބަައްޔާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުވުމެވެ.

comment ކޮމެންޓް