ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މާދަމާ ބަހުގެ ހިދުމަތް ދޭން ފަށަނީ

ހުޅުމާލެ -- ފޮޓޯ/ އެޗްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މާދަމާ ބަހުގެ ހިދުމަތް ދޭން ފަށާނެކަމަށް އެމްޓީސީސީން ބުނެފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަހުގެ ހިދުމަތް ފުޅާކުރަން ނިންމީ، ދަތުރުފަތުރުކުރުމުގައި ރައްޔިތުންނަށް މިހާރު ދިމާވާ ދަތިތައް ހައްލު ކުރުމަށް ސަރުކާރުން ޓްރާންސްޕޯޓު މިނިސްޓްރީ އާއި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އިތުރުން އެމްޓީސީސީއާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު ކަމަށް އެ ކުންފުނިން ބުންޏެވެ.

އެގޮތުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނަށް ދެމުންދާ ބަހުގެ ހިދުމަތް ފުޅާކޮށް މި ހިދުމަތް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށްވެސް ދެވޭނެ ގޮތަށް މިހާރުވަނީ ބަސް ރޫޓަށް ބަދަލު ގެނެސްފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބަހުގެ ހިދުމަތުގެ އަގަކީ ފަސް ރުފިޔާއެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަަވަހި ގުޅުވައިދޭ މި ބަސް ދަތުރުތަކުން ތިރީގައިވާ ބަސް ރޫޓުތައް ބޭނުން ކުރާނެއެވެ.
1. ހުޅުމާލެ – ވެސްޓް ޕާކް ރޫޓް
2. ހުޅުމާލެ – ކާނިވަލް ރޫޓް
3. ހުޅުމާލެ – ވީއައިއޭ ބަސް ރޫޓް
4. ހުޅުމާލެ - ނެއިބަހުޑް 1 ،2 އަދި 3

އެމްޓީސީސީން ބުނީ ބަހުގެ ހިދުމަތް އެކަށީގެންވާ ފެންވަރެއްގައި ދިނުމަށް ބޭނުންވާނެ އިތުރު ބަސްތައް ގެނައުމާއި، އެ ހިދުމަތާ ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް މިހާރުވެސް ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް