އެމެރިކާ އަފްޣާނިސްތާނުގެ ވައިގެ ސަރަހައްދުގެ ހުރުމަތްކަނޑައި އެގައުމުގެ މިނިވަންކަަމަށް އަރައިގަންނަނީ

އެެމެރިކާގެ ޑްރޯނެއް އަފްޣާނިސްތާނުގެ ވައިގެ ސަރަހައްދުގައި އުދުހެނީ

ކާބުލް (ސެޕްޓެމްބަރު 30) : އެމެރިކާއިން އަފްޣާނިސްތާނުގެ ވައިގެ ސަރަހައްދުގެ ހުރުމަތް ކަނޑައި އަފްޣާނިސްތާނުގެ ސިޔާދަތަށް އަރައިގަންނަމުންދާކަމަށް އަފްޣާން ވަގުތީ ސަރުކާރުކަމަށްވާ ތާލިބާން ސަރުކާރުން ބުނެފިއެވެ.

ތާލިބާން ސަރުކާރުގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދު ވިދާޅުވީ އެމެރިކާއިން އަފްޣާން ސަރުކާރުގެ ހުއްދައަކާނުލައި އަފްޣާން ވައިގެ ސަރަހައްދަށް ޑްރޯން ބޯޓުތައް ފޮނުވައި ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަންނަމުން ދާކަމަށާއި އެއީ ބައިނަލްއަގްވާމީގޮތުން މަނާކަމެއްގެ އިތުރުން އެއީ ތާލިބާން ޖަމާއަތާ އެމެރިކާ ސަރުކާރާދެމެދު 2020 ގައި ސޮއިކޮށްފައިވާ ސުލްހައިގެ އެއްބަސްވުމާވެސް މުޅިން ޚިލާފު ކަމެއްކަމުގައެވެ.

މުޖާހިދު ވިދާޅުވީ އެމެރިކާގެ މިފަދަ އަމަލުތައް ތަކުރާރުވާނަމަ އަމިއްލަނަފްސުގެ ދިފާއުގައި އަފްޣާން ވަގުތީ ސަރުކާރުން ފިޔަވަޅުތައް އަޅާނެކަމުގައެވެ. ނަމަވެސް އަޅާނީ ކޮން ފިޔަވަޅުތަކެއްކަން މުޖާހިދު ހާމައެއް ނުކުރައްވައެވެ.

އެމެރިކާ މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ވަރަށް ހިތްދަތި ގޮތަކަށް އަފްޣާނިސްތާނުން ފޭބިނަމަވެސް އެމެރިކާގެ ކަޅި އަދިވެސް ހުރީ އަފްޣާނިސްތާނާ ދިމާއަށްކަން އެމެރިކާގެ މަސްއޫލުވެރިންގެ ވާހަކަފުޅުތަކުން އެނގެއެވެ. އެމެރިކާ ބުނާގޮތުން އެގައުމުން އަފްޣާނިސްތާނަށް ލޯ އަޅައި ފާރަވެރިވަނީ އެމެރިކާގެ އަމަނާއި ސަލާމަތަށް ނުރައްކާކުރާފަދަ ޓެރަރިސްޓް ޖަމާއަތެއް ނޫނީ ޖަމާއަތްތަކެއް އަފްޣާނިސްތާނުގައި ހަރަކާތްތެރިވެދާނެތީއާއި އެފަދަ ޖަމާއަތެއްގެ ހަމަލާތައް އެމެރިކާގެ ރައްޔިތުންނަށާއި އެމެރިކާގެ މަސްލަހަތުތަކަށް އަމާޒުވެދާނެތީއެވެ.

ނަމަވެސް އެމެރިކާ ސިފައިން 20 އަހަރުވަންދެން އަފްޣާނިސްތާނުގައި ހަނގުރާމަ ކުރިއިރުވެސް އަލްގާއިދާގެ ވުޖޫދު އަފްޣާނިސްތާނުން އެއްކޮށް ނައްތާލެވިފައެއް ނުވެއެވެ. އަނެއްކޮޅުން އެމެރިކާ އަސްކަރީ ފުރިހަމަ ބާރުގައި އަފްޣާނިސްތާނުގައި ފައިހަރުކޮށްލައިގެން އޮތްއިރު އައިއެސް ޖަމާއަތް ވަނީ އަފްޣާނިސްތާނުގެ އެކި ކަންކޮޅުތަކުގައި ވަރަށް ބޮޑަށް ފައިހަރުކޮށްލާފައެވެ.

ތާލިބާނުން ބުނާގޮތުގައި އެ ޖަމާއަތުގެ ވެރިކަމެއްގައި އަފްޣާނިސްތާނުގެ ބިން ބޭނުންކޮށްގެން އެއްވެސް ގައުމަކަށް އަދި ބަޔަކަށްވެސް ހަމަލާދިނުމަށް ޖާގަ އެއްވެސް ފަރާތަކަށް ނުދޭނެއެވެ. އަދި އެއްވެސް ގައުމަކުން އަދި ޖަމާއަތަކުންވެސް އަފްޣާނިސްތާނުގެ ކަންކަމުގެ ތެރެއަށް ވަނުމުގެ ފުރުސަތާ އަދި އަފްޣާނިސްތާނުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ ފުރުސަތުވެސް ނުދޭނެއެވެ.

މިހާތަނަށް އަފްޣާނިސްތާނުގެ މިނިވަންކަމާއި ސިޔާދަތަށް އެންމެ ބޮޑަށް އަރައިގެންފައިވާ ގައުމަކީ އެމެރިކާއެވެ. އެމެރިކާވަނީ 2001 ވަނައަހަރު އަފްޣާނިސްތާނަށް އަސްކަރީ ގޮތުންއަރައިގަނެ އެގައުމަށް ބަރުހަތިުޔާރުން ހަމަލާދީ މިލިޔަނެއްހާ މީހުން މަރާލައި ދޮޅު މިލިޔަނަށްވުރެ ގިނަމީހުން ޒަޚަމްކޮށްލާފައެވެ.

މީގެއިތުރުން އަފްޣާނިސްތާނުގެ ސްކޫލްތަކާއި ހޮސްޕިޓަލްތައްފަދަ މަދަނީ ތަންތަނަށް އެމެރިކާ ހަމަލާދީ އާންމުން މަރުންފަދަ ހަނގުރާމައިގެ ބޮޑެތި ޖަރީމާތަކެއް ހިންގި ކަމުގެ ޖިނާއީ ތުހުމަތުވެސް އެމެރިކާގެ ވެރިންނާއި ސިފައިންގެ މައްޗަށް ވަނީ ކުރެވިފައެވެ.

އެމެރިކާ އަފްޣާނިސްތާނުގައި އިސްތިއުމާރީ އުސޫލުން ވެރިކަންކުރީ ޑިމޮކްރަސީގެ ދަޅަތައް ދައްކައިގެން އެގައުމުގައި ގޮނޑިކޮއްކޮ ސަރުކާރެއް އުފައްދައިގެންނެވެ. އެމެރިކާ އަފްޣާނިސްތާނުން ފާބައި ނުނިމެނީސް އެމެރިކާ އުފެއްދި އަފްޣާން ގޮނޑިކޮއްކޮ ސަރުކާރުވަނީ ވެއްޓިފައެވެ. އެސަރުކާރުގެ ރައީސް އަޝްރަފްޣަނީ ވަނީ ގައުމު ދޫކޮށް ފިއްލަވާފައެވެ.

އަދި އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރު ހިމާޔަތް ކުރުމަށް އެމެރިކާ އުފެއްދި އަފްޣާން ސިފައިންގެ ލަޝްކަރުތައްވެސްވަނީ ހީވެސް ނުކުރެވޭފަދަ ބަލިކަށި ގޮތަކަށް ރޫޅިގެން ގޮސްފައެވެ. މިއާއެކު ތާލިބާނުންވަނީ މުޅި އަފްޣާނިސްތާނުގެ ކޮންޓްރޯލް ނަގާފައެވެ.

comment ކޮމެންޓް