މެންބަރުންގެ ރަށްޓެހިންނަށް ވީއައިޕީ ލައުންޖު ހުޅުވައެއް ނުލާނަން: މަޖިލިސް އިދާރާ

މަޖިލީހުގެ ރައީސް އީވާ އަބްދުﷲ -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ރަށްޓެހިންނަށް ވީއައިޕީ ލައުންޖު ހުޅުވާލަން މަޖިލީހުގެ އާންމު ކޮމިޓީން ނިންމި ނިންމުން މަޖިލީހުގެ އިދާރާއިން ތަންފީޒުނުކުރާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

މިދިޔަ ހަފްތާގައި ބޭއްވި ބައްދަލުވުމެއްގައި މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއެކު ދަތުރުކުރާ އާއިލީ މީހުންނާއި ރަހުމަތްތެރިންނަށް ހިލޭ ވީއައިޕީ ލައުންޖު ބޭނުންކުރެވޭ ގޮތަށް ފާސްކޮށްފައެވެ. މި ބައްދަލުވުން ބާއްވައިފައިވަނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.

ކޮމިޓީގެ ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު "ސަން"އަށް ވިދާޅުވީ އާންމު ކޮމިޓީން ނިންމި ނިންމުމަށް މަޖިލީހުގެ ރިޔާސަތުން ތާއީދުނުކުރާ ކަމަށެވެ.

"މަޖިލީހުގެ ރިޔާސަތާ މިހާރު ހަވާލުވެވަޑައިގެން ހުންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ގަބޫލުކުރައްވާ މިގޮތަށް އުސޫލު ބަދަލުކޮށްފިނަމަ މަޖިލީހުގެ ބަޖެޓު ބޮޑުވެ، އިދާރާއަށް އިތުރު ބުރައަކަށް ވާނެ ކަމަށް،" ޒިޔާއު ވިދާޅުވިއެވެ.

ޒިޔާއު ވިދާޅުވީ އާންމު ކޮމިޓީގެ މި ނިންމުމާ ގުޅިގެން ނައިބު ރައީސް އީވާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވަން ނިންމަވައިފައިވާ ކަމަށެވެ.

މީގެ އިތުރުން މަޖިލީހުން ކޮމިޓީގެ ނިންމުން ތަންފީޒުނުކުރާނެ ކަމަށް ވެސް ޒިޔާއު ވިދާޅުވިއެވެ.

ނަވާރަ ވަނަ މަޖިލީހުގައި ވީއައިޕީގެ ހިދުމަތް ދެމުން އައީ މެންބަރުންގެ އަނބިންނާއި، ފިރިންނާއި، ދަރިންނާއި، މައިންބަފައިންނަށް އެކަންޏެވެ.

ކޮމިޓީން ނިންމައިފައިވަނީ މެންބަރުންގެ އާއިލާގެ އިތުރުން މެންބަރުން އިޚްތިޔާރުކުރާ ދެ ރަހުމަތްތެރިޔަކަށް ވެސް ލައުންޖު ހުޅުވާލުމަށެވެ.

އާންމު ކޮމިޓީން މި ނިންމުން ނިންމާފައިވާއިރު އެ ކޮމިޓީގައި ތިއްބަވާ ނުވަ މެންބަރުންގެ ތެރެއިން އަށް މެންބަރުންނަކީ އެމްޑީޕީ މެންބަރުންނެވެ. މީގެ އިތުރުން ދެން އެ ކޮމިޓީގައި އިންނަވަނީ ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފެވެ.

comment ކޮމެންޓް