އެމެރިކާގެ ރައީސްގެ މަގްބޫލުކަން އެމެރިކާގެ އާންމުންގެ މެދުގައި ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ

އެމެރިކާގެ ރައީސް ޖޯ ބައިޑެން

ވޮޝިންޓަން (ސެޕްޓެމްބަރު 30) : އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ މަގްބޫލުކަން އެމެރިކާގައި ވަރަށް ބޮޑަށް ދަށަށް ހިނގައްޖެކަން އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ސާވޭ އަކުން ހާމަވެއްޖެއެވެ.

އޮޕީނިއަން ޕޯލް ނެގުމަށް ނަން މަޝްހޫރު އެމެރިކާގެ ވެބްސައިޓެއް ކަމަށްވާ "ފައިވް ތާރޓީ އެއިޓް"އިން ކުރި އެމެރިކާގެ އާންމުންގެ ޚިޔާލުގެ ސާވޭއެއްގެ ނަތީޖާ ދައްކާ ގޮތުން އެމެރިކާ ރައްޔިތުންގެ ތެރެއިން ބައިޑެން އާމެދު މިހާރު ހިތްހަމަޖެހެނީ އެންމެ 40 އިންސައްތަ މީހުންނެވެ. އަދި 49 އިންސައްތަ މީހުން ވަނީ ބައިޑަންގެ ސިޔާސަތުތަކާމެދު އެއްގޮތަކަށްވެސް ހިތްހަމަނުޖެހޭކަން ހާމަކޮށްފައެވެ.

އޮޕީނިޔަން ޕޯލް ނެގުމަށް މަޝްހޫރު އެމެރިކާގެ އެހެން ކުންފުންޏެއް ކަމަށްވާ "ރަސްމުސެން ރިޕޯޓްސް" އިން ހެދި ޚިޔާލުގެ ސާވޭއެއްގެ ނަތީޖާ ދައްކާ ގޮތުން އެމެރިކާގެ 58 އިންސައްތަ އާންމުން ބައިޑަންއާ މެދު ހިތްހަމަ ނުޖެހެއެވެ. މި ސާވޭގެ ނަތީޖާއިން ހާމަވެފައިވާ ގޮތުގައިވެސް އެމެރިކާ ރައްޔިތުންގެ ތެރެއިން ބައިޑެން އާމެދު ހިތްހަމަޖެހެނީ އެންމެ 40 އިންސައްތަ މީހުންނެވެ.

ބައިޑެން އެމެރިކާގެ ރައީސްކަމަށް އިންތިޚާބުވެ ވަޑައިގެންނެވި ދުވަސްވަރު އޭނާގެ މަގްބޫލުކަން ވަނީ 55 އަށްވުރެވެސް މަތީގައެވެ. ރިޕޯޓްތައް ބުނާގޮތުން ބައިޑެންގެ މަގްބޫލުކަން ދަށަށް ދިޔަ ސަބަބުތަކަކުގެ ތެރޭގައި ކޮވިޑް-19 ގެ ސަބަބުން އެމެރިކާގެ އިގްތިސާދަށް ލިބުނު ހީނަރުކަމާއި އިނދަޖެހުމުން އަރައިގަތުމަށް ކުރަންޖެހޭ ކަންކަން ކުރުމުގައި އޭނާގެ ސަރުކާރުގެ ދުވެލި ލަސްވުން ހިމެނެއެވެ. ދުވެލި ލަސްވަނީ އެކަމަށް ބޭނުންވާ ގާނޫނުތައް ފާސްކުރުމުގައި ބައިޑެންގެ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ކޮންގްރެސް މެންބަރުންގެ މެދުގައި އުފެދިފައިވާ ދެބަސްވުންތަކުގެ ސަބަބުންނެވެ.

އަނެއްކޮޅުން ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އޭނާގެ ސަރުކާރުން ގެންގުޅު ހަރުކަށި ސިޔާސަތުތަކާ އެއްގޮތް ސިޔާސަތުތަކެއް ބައިޑެން ގެ ސަރުކާރުން ތަންފީޒު ކުރުމަކީވެސް އާންމުންގެ ނުރުހުން ބައިޑެން އަށް އަމާޒުވާ ސަބަބެކެވެ. ޓްރަމްޕްގެ ވެރިކަމުގައި ބައިޑެން އިދިކޮޅުގައި ހުންނެވިއިރު ބައިޑެންއަކީ ޓްރަމްޕްގެ ހަރުކަށި ސިޔާސަތުތަކަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއްފަރާތެވެ.

މިގޮތުން ޓްރަމްޕްގެ ދުވަސްވަރު މެކްސިކޯގެ ބޯޑަރު ހުރަސްކޮށް ގަވައިދާ ޚިލާފަށް އެމެރިކާއަށް ވަންނަ ހިޖްރަވެރިންނާ ދެކޮޅަށް ޓްރަމްޕް ގެންގުޅުއްވި ލާއިންސާނީ ހަރުކަށި ސިޔާސަތުތައް ބައިޑެންގެ ވެރިކަމުގައިވެސްވަނީ ހަމައެގޮތަށް ފެންނަން ފަށާފައެވެ. ބައިޑަންގެ ވެރިކަމުގައި މި ހަފްތާތެރޭގައި އެމެރިކާގެ ސަރަހައްދީ ރޮނގު ބަލަހައްޓާ ގާޑުންވަނީ މެކްސިކޯ ބޯޑަރު ހުރަސްކޮށް ވަން ހިޖްރަވެރިންނަށް އަނިޔާކޮށް އެމީހުންނާމެދު ވަރަށް ލާއިންސާނީކޮށް މުއާމަލާތްކޮށްފައެވެ.

މީގެއިތުރުން އެމެރިކާގެ ސިފައިން އަފްޣާނިސްތާނުން ފޭބުމުގެ ކަންތައް ދިޔަލެއް ދޯދިޔާ ކަމަކީވެސް ބައިޑެންގެ ސަރުކާރަށް އެމެރިކާގެ އެތެރެއިން ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިކަމެކެވެ. ބައިޑެންގެ ވެރިކަމުގައި އަފްޣާނިސްތާނުން އެމެރިކާ ފާބައިފައިވަނީ ޓްރަމްޕްގެ ވެރިކަމުގައި އެކަން ކުރަން ރާވާފައިއޮތް ގޮތަށެވެ. ނަމަވެސް ޓްރަމްޕްގެ ވެރިކަމުގައި އެކަން ރާވާފައިވާ ގޮތަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއްބޭފުޅަކީ ބައިޑެން އެވެ.

މީގެއިތުރުން ބައިޑެން ގެންދަވަނީ ޓްރަމްޕްގެ ދުވަސްވަރެކޭ އެއްގޮތަށް ޗައިނާއާމެދުވެސް ހަރުކަށި ސިޔާސަތެއް ގެންގުޅުއްވަމުންނެވެ. ޗައިނާއާއި އެމެރިކާގެ ކުންފުނިތަކާ ދެމެދު ވިޔަފާރީގެ ގުޅުންތައް ބޮޑުކަމުން ޗައިނާއާ ދެކޮޅަށް ހަރުކަށިގޮތް ގެންގުޅުމަކީ އެމެރިކާގެ ގިނަބަޔަކަށް އެކަމުގެ ނޭދެވޭ އަސަރު ކޮންމެވެސް ސިފައެއްގައި ކުރާކަމެކެވެ.

comment ކޮމެންޓް