އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ލޯގޯ ފުރިހަމަ ކޮށްގެން ހިލޭ ޓިކެޓު ހޯދުމުގެ ފުރުސަތު

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ނިޔާޒް (ކ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް މިއަދު އެއްބަސްވުމުގެ ތެރެއިން --- ފޮޓޯ//އެފްއޭއެމް

އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021ގެ ލޯގޯ ފުރިހަމަ ކޮށްގެން ނަސީބުވެރި ދެ ފަރާތަކަށް މާދަމާ ރޭގެ މެޗު ހިލޭ ބަލާލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް އުރީދޫއިން ފަށައިފިއެވެ.

އެ ޕްރޮމޯޝަންގައި ބައިވެރި ވުމަށްޓަކައި، އުރީދޫގެ ސޯޝަލް މީޑިއާއަށް ލައިފައިވާ ވީޑިއޯ އިން ފެންނަ ބޯޅަ، އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ލޯގޯއާ ދިމާވުމުން ސްކީރީންޝޮޓެއް ނަގާނީއެވެ. އަދި އިންސްޓަގްރާމް، ޓްވިޓާ ނުވަތަ ފޭސްބުކް މެދުވެރިކޮށް، #OoredooSAFFChampionship2021 ޖެހުމަށް ފަހު ސްކްރީންޝޮޓް ޕޯސްޓު ކުރާނީއެވެ.

އެ ސްކްރީންޝޮޓު އަޕްލޯޑު ކުރާއިރު އުރީދޫއަށް ފެންނާނެހެން ޕަބްލިކް ކޮށް ފޮޓޯ ލުމަކީ ސަމާލުކަން ދޭން ޖެހޭ ކަމެއް ކަމަށް އުރީދޫއިން ބުންޏެވެ.

އެ ޕޮރޮމޯޝަން ކުރިއަށް ގެންދަނީ މިއަދު ހަވީރު ހަތަރެއް ޖެހުމާ ހަމައަށެވެ.

އެ ޕްރޮމޯޝަންގައި ނަސީބުވެރި ދެ މީހަކު ހޮވާ، ކޮންމެ މީހަކަށް ދެ ޓިކެޓު ދޭން ވަނީ ހަމަޖެހިފައެވެ. އެއީ މާދަމާ ރޭ ރާއްޖެ އާއި ނޭޕާލް ކުޅޭ މެޗަށް ވަނުމަށް ދޭ ޓިކެޓެވެ.

މާދަމާ ގަލޮޅު ދަނޑުގައި ފަށާ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކީ އުރީދޫއެވެ.

އެ މުބާރާތް ވެގެންދާނީ ރާއްޖޭގައި ބާއްވާ ހަތަރު ވަނަ ބައިނަލްއަގްވާމީ މުބާރާތަށެވެ. އަނެއް ތިން މުބާރާތަކީ ސާފް ޗެމްޕިއަންޝިޕު 2008ގެ އިތުރުން 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބިލީ މުބާރާތާއި 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕެވެ.

comment ކޮމެންޓް