ޓިކްޓޮކްގައި ބަރަހަނާ ވީޑިއޯ އާންމުކުރި ނަބީލްގެ ބަންދަށް 12 ދުވަސް

ކުރިމިނަލް ކޯޓު: ޓިކް ޓޮކްގައި ބަރަހަނާވި ނަބީލްގެ ބަންދުގެ މުއްދަތު އަނެއްކާވެސް ވަނީ އިތުރުކޮށްފައި ---ސަން ފޮޓޯ: މުހައްމަދު އަފްރާހް

ޓިކްޓޮކްގައި ބަރަހަނާ ވީޑިއޯ އާންމުކުރި މުހައްމަދު ނަބީލް، 36، ގެ ބަންދަށް 12 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

ޓިކްޓޮކްގައި ދިވެހިންގެ ސަމާލުކަން ހޯދާފައިވާ ނަބީލް ހައްޔަރުކުރީ އޭނާ ބަރަހަނާވާ ވީޑިއޯ ޓިކްޓޮކްގައި އާންމުކުރިތާ އެއް ދުވަސް ފަހުން، މި މަހުގެ 11 ވަނަ ދުވަހުގެ ރޭގައިއެވެ.

އޭނާގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން 12 ދުވަސް އިތުރުކޮށްދީފައިވަނީ، މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެތީ އާއި ހެކި ނައްތާލަފާނެ ކަމަށް ބެލެވޭތީ ކަމަށް ގާޒީ ވިދާޅުވިއެވެ.

ނަބީލްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުށަހެޅި ފޯމުގައި އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބުކަމަށް ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށްފައިވާނެ ކަމަށް ވެސް މުއްދަތު އިތުރުކުރި ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މީގެ ކުރިން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ބުނެފައިވަނީ ބަރަހަނާކޮށް ޓިކްޓޮކް ވީޑިއޯ ހަދާފައިނުވާނެ ކަމަށެވެ.

ކޯޓުގައި ނަބީލް ބުނީ ޓިކްޓޮކަށް ތިން މިނެޓުގެ ވީޑިއޯ ނުލެވޭ ކަމަށާއި ލެވެނީ 60 ސިކުންތުގެ ވީޑިއޯ ކަމަށެވެ. އޭނާ ބުނި ގޮތުގައި އެ ވީޑިއޯއަކީ އޭނާ ބޭޒާރުކޮށްލުމަށް، ބަޔަކު އޭނާގެ މޫނު ބޭނުންކޮށްގެން ހަދައިގެން އުޅޭ ވީޑިއޯއެކެވެ.

ނަބީލް ވަނީ އޭނާ އަންހެން ހެދުން އަޅައިގެން އުޅޭ ކަމަށް އެއްބަސްވެފައެވެ. އަދި އޭނާއަށް މަރުގެ އިންޒާރުދީފައިވާ ކަމަށް ވެސް ބުންޏެވެ.

ޝަރީއަތުގައި ފުލުހުން ވަނީ ބަރަހަނާވި ވީޑިއޯގައި ނަބީލް ލައިގެން އުޅުނު ކަމަށް ބުނާ އަންނައުނު، އޭނާ ދިރިއުޅޭ ކޮޓަރިން ފެނިފައިވާ ކަމަށް ބުނެފައެވެ.

comment ކޮމެންޓް