ވަކީލަކު ހަމަޖައްސާފައި ނެތުމުން އަމީން ދޫކޮށްލި މައްސަލަ ކުރިއަކަށް ނުގެންދެވުނު

މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި އަމީން ވާހަކަ ދައްކަނީ -----

އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ބުނާ ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާތައް ހައި ކޯޓުން ބާތިލްކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުގައި މިއަދު ތާވަލު ކުރި ނަމަވެސް ވަކީލަކު ހަމަޖެއްސިފައި ނެތުމުން އެ އަޑުއެހުން ކުރިއަކަށް ނުގެންދެވުނެވެ.

މިއަދު ނުވައެއް ޖެހިއިރު ފެށި އެ އަޑުއެހުމަށް އަމީން ހާޒިރުވެފައިވަނީ ވަކީލަކާއި ނުލައި، އެކަންޏެވެ.

އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން އާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ހުސްނުއް ސުއޫދު އެވެ.

އަޑުއެހުން ފެއްޓެވުމަށްފަހު ވާހަކަ ދައްކަވަމުން ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އަމީންގެ ވަކީލް އަހްމަދު ޔާމީން ބަލިވެ އުޅޭ ކަމަށް ކޯޓަށް އަންގާފައިވާ ކަމަށާއި ދެވަނަ ވަކީލެއްގެ ގޮތުގައި ހަމަޖެއްސުމަށް ފޮނުވާފައިވާ ވަކީލްގެ މައުލޫމާތު ފޯމް ފުރިހަމަ ނުވާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން އަމީން ބުނީ، މެޑިކަލް މައްސަލައެއް ހުރީ އޭނާގެ ކަމަށާއި އެގޮތުން، ރޭ ފުލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ. އަދި ޑޮކްޓަރަށް ދެއްކުމަށްފަހު ގެއަށް އާދެވުނީ ފަތިހު ހަތަރެއް ޖެހި ފަހުން ކަމަށް ވެސް އަމީން ބުންޏެވެ. އެކަމުގެ ތަފްސީލް ފުލުހުންނަށް އިނގޭނޭ ކަމަށާއި މެޑިކަލް ސެޓްފިކެޓް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ވެސް އަމީން ބުންޏެވެ.

ދެވަނަ ވަކީލެއްގެ ގޮތުގައި ހަމަޖެއްސުމަށް އަމީންގެ ފަރާތުން ފޮނުވާފައިވާ އިސްމާއިލް ވިޝާމްގެ ފޯމުގައި އިނގިލީގެ ނިޝާނާއި ސޮއި ނެތް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އަދި އެ މައްސަލައިގެ ބާވާތުން އެއީ ހަތް ދުވަސްތެރޭގައި ނިންމަން ޖެހޭ މައްސަލައެއް ކަމަށް ވުމުން މައުލޫމާތު ފޯމް އަލުން ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް އުއްތަމަ ފަނޑިޔާރު ވަނީ ދަންނަވާފައެވެ. އަދި އިތުރު އަޑުއެހުމެއް މާދަމާ ބާއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ހައި ކޯޓުން އަމީންގެ ހުކުމްތައް ބާތިލް ކުރީ ދައުވާ ކުރަން ކަނޑައެޅި މުއްދަތުގައި ދައުވާނުކުރުމުގެ ސަބަބުންނެވެ.

ޕީޖީން ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފްކޮށްފައިވާ އިރު ހައިކޯޓުން ވަނީ އަމީންގެ މައްޗަށް މޮނިކޮން އަމުރެއް ނެރެފައެވެ.

މޮނިކޮން އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާއަށް ރޭގަނޑު ހަޔަކުން ހެނދުނު ހަޔަކަށް ގެއިން ބޭރަށް ނުކުތުން މަނާވާނެއެވެ. އަދި އެ އަމުރުގައި ވާ ގޮތުން އޭނާއަށް ފުލުހުންގެ ހުއްދަނެތި މާލެއިން ބޭރަކަށް ނުދެވޭނެއެވެ.

އަމީނަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ތުހުމަތު ކުރެވުނު އެކަކެވެ. މައްސަލާގައި ހައްޔަރު ކުރަން އުޅުމުން އަމީން ވަނީ ފިލައިގެން ލަންކާއަށް ގޮސްފަ އެވެ. އަދި އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ވެސް އޭރު ނެރުނެވެ. ލަންކާއިން ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު 2012 ވަނަ އަހަރު އޭނާ ދޫކޮށްލީއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް އަމީން ވަނީ ހިމަނައިފައެވެ. އޭނާއަކީ އެ ލިސްޓުގައި ހިމެނި ފުރަތަމަ ދިވެއްސެވެ.

އަފްޣާނިސްތާން އަދި ޕާކިސްތާނުގައި އައިއެސް އިން ހިންގަމުން އަންނަ ގޮތްޕަށް އެކި ގޮތްގޮތުން އަމީން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެގޮތުން ފައިސާގެ އެހީތެރިކަމާއި، މުދަލާއި، ޓެކްނޮލޮޖީގެ ދާއިރާއިންވެސް އަމީން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ތުހުމަތު ކުރެއެވެ.

comment ކޮމެންޓް