އަފްޣާނިސްތާނުގައި އެމެރިކާކުރި އަންދާޒާތަކާއި ޖެހި ހިސާބުތައް ދިމާނުވި ކަމަށް ޕެންޓަގަން އިން އެއްބަސްވެއްޖެ

އޮސްޓިން ކޮންގްރެސް އަށް މައުލޫމާތު ދެއްވަނީ

ކާބުލް (ސެޕްޓެމްބަރު 29) : އަފްޣާނިސްތާނުން އެމެރިކާ ފައިބާއިރު ކަންކަން ދާނެގޮތަކާމެދު އެމެރިކާކުރި އަންދާޒާތަކާއި ޖެހި ހިސާބުތައް ދިމާނުވިކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން އެއްބަސްވެ ވަޑައިގެންފިއެވެ.

އޮސްޓިން މިކަމަށް އެއްބަސްވެ ވަޑައިގެންނެވީ އަފްޣާނިސްތާނުން އެމެރިކާ ފައިބަންޖެހުނު ގޮތާމެދު ކޮންގްރެސްއަށް މައުލޫމާތު ދެއްވަމުންނެވެ. ސެނެޓްގައި އޮންނަ އެމެރިކާގެ ސިފައިންގެ ކަންތައްތަކާބެހޭ ސަބްކޮމިޓީގެ މެންބަރުންގެ ކުރިމަތީގައި ވާހަކަ ދައްކަވަމުން އޮސްޓިން ވިދާޅުވީ ތާލިބާނުންގެ އަސްކަރީ ކުރިއެރުމުގެ ކުރިމަތީގައި އަފްޣާން ސިފައިންގެ ބިޔަ ލަޝްކަރުތައް ރޫޅިގެންދިޔަގޮތާމެދު ޕެންޓަގަންއަށް ކުއްލި ސިހުމެއް ލިބުނުކަމަށާއި އެހާ އަވަހަށް އަފްޣާން ލަޝްކަރުތައް ރޫޅިގެންދާނެކަމަށް ޕެންޓަގަންގެ އަސްކަރީ ތަޖްރިބާކާރުން ޚިޔާލުވެސް ކުރައްވާފައި ނުވާކަމުގައެވެ.

އަފްޣާން ސިފައިން ކުއްލި ގޮތަކަށް ރޫޅިގެންދިޔައީ ތާލިބާނުންނާ ދިމާއަށް އުންޑައެއްވެސް ފޮނުވާލާނެ ހަކަތަނެތިކަމަށާ އެއީ ހައިރާންވެ ސިހުން ލިބުނުކަމެއްކަމަށް އޮސްޓިން ވިދާޅުވިއެވެ. އޮސްޓިން ވިދާޅުވީ މި ޚުތޫރަތްތެރި ދަނޑިވަޅުގައި އަފްޣާނިސްތާނުގައި އެމެރިކާއަށް ކުރެވޭނެ ކަމެއް ނެތްކަމަށާ އެތަށް ބިލިޔަން ޑޮލަރެއް ޚަރަދުކޮށްގެން އެތަށް އަހަރަކުން އަފްޣާނިސްތާނުގައި އެމެރިކާ ބިނާކުރި ލަޝްކަރުތަކާމެދު އެމެރިކާކުރި އަންދާޒާތަކާއި ޖެހި ހިސާބުތައް ދިމާނުވުމަކީ އެމެރިކާގެ ނާކާމިޔާބެއް ކަމުގައެވެ.

އަނެއްކޮޅުން ތާލިބާނުންނަކީ އެމެރިކާގެ ޒަމާންވީ އެންމެ ބޮޑު އެއްދުޝްމަން ކަމަށްވާއިރު އެދުޝްމަން އާ ސުހްލަހްވާން އެމެރިކާއަށް މަޖްބޫރު ވެގެންދިޔުމަކީވެސް ބޮޑު މައްސަލައެއްކަމަށާ ނަމަވެސް އަފްޣާނިސްތާނުން ރައްކާތެރިކަމާއެކު ފޭބުމަށް އެނޫންގޮތެއް އެމެރިކާއަށް ނެތްކަމަށް އޮސްޓިން ވިދާޅުވިއެވެ.

އޮސްޓިން ވިދާޅުވީ ތާލިބާނުން ކާބުލްއަށް އެރިއިރު އަފްޣާނިސްތާނުގައިވާ އެމެރިކާގެ އެންމެ ބޮޑު ބޭސްކަމަށްވާ ބަގްރާމް ވައިގެ ބޭހުގައި އެމެރިކާގެ ފަސް ވަރަކަށް ހާސް ސިފައިން ތިބިކަމަށާ އެމީހުންނަށް ތާލިބާނުން ހަމަލާދިންނަމަ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހުނީސް ކަމުގައެވެ. ނަމަވެސް ތާލިބާނުންނާއެކު ސޮއިކުރި ސުލްހައިގެ އެއްބަސްވުމުގެ ދަށުން ތާލިބާނުން އެމެރިކާ ސިފައިންނަށް ހަމަލާ ނުދިނުމަކީ ލިބުނު ކާމިޔާބެއްކަމަށް ދެކެވަޑައިގަންނަވާ ކަމުގައެވެ.

އެމެރިކާ 20 އަހަރުވަންދެން އަފްޣާނިސްތާނުގައި ހަނގުރާމަ ކުރިއިރު އަފްޣާނިސްތާނުގައި އެމެރިކާ ސިފައިންގެ އަށް ލައްކައަށްވުރެ ގިނަމީހުން އެހަނގުރާމައިގާ އެކިގޮތްގޮތުން ބައިވެރިވެފައިވާ ކަމަށާ އެމެރިކާގެ 20 ހާސް ސިފައިން ޒަޚަމްވެފައިވާއިރު 2450 އަށް ވުރެ ގިނަ ސިފައިން މަރުވެފައިވާކަމަށްވެސް އޮސްޓިން ވިދާޅުވިއެވެ. ވިހި އަހަރުގެ މި ހަނގުރާމައިގާ އެމެރިކާ ގެ ބަޖެޓުން ގާތްގަނޑަކަށް ދެ ޓްރިލިޔަން ޑޮލަރު ޚަރަދުކޮށްފައިވާކަމަށް އެމެރިކާގެ މަސްއޫލުވެރިން ކުރިން ވިދާޅުވެފައިވެއެވެ.

ޓެރަރިޒަމާ ދެކޮޅަށް ކަމަށް ބުނެ އަފްޣާނިސްތާނަށް އަރައި އެމެރިކާ ކުރި ހަނގުރާމައިގާ އަފްޣާނިސްތާނުގެ މިލިޔަނެއްހާ މީހުން މަރާލާފައިވާއިރު އޭގެތެރޭގައި ގިނައީ އާންމުންކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެއިތުުރުން އަފްޣާނިސްތާނުގައި އޮވެގެން އެމެރިކާ ޑްރޯން ބޭނުންކޮށްގެން ޕާކިސްތާނަށް ދިން ހަމަލާތަކުގައި ޕާކިސްތާނުގެ 80 ހާހަށްވުރެ ގިނަ އާންމުން މަރާލާފައިވާ ކަަމަށް ޕާކިސްތާނުން ބުނެފައިވެއެވެ.

އަފްޣާނިސްތާނުން އެމެރިކާ ފައިބަންޖެހުނު ގޮތާމެދު އެމެރިކާ ސިފައިންގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް ޖެނެރަލް މާކް މިއްލޭ ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. އެމެރިކާ އަފްޣާނިސްތާނުން ފޭބީ ނޫންކަމަށާ ތާލިބާނުންގެ ކުރިމަތީގައި ނިކަމެތި ގޮތަކަށް ފިލައިގެން ދިޔައީ ކަމަށް މުހައްލިލުން ސިފަކުރައްވައެވެ.

comment ކޮމެންޓް