އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރަ އަންނަމަހު ބޮޑު ކުރަނީ

އެމްއޭސީއެލްގެ މުވައްޒަފުންތަކެއް ޑިއުޓީގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންގެ މުސާރަ އަންނަ މަހު ބޮޑު ކުރަން ނިންމައިފިއެވެ.

އެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މުސާރަ ބޮޑު ކުރާނީ ފަސް ޕަސެންޓުން ފެށިގެން 20 ޕަސެންޓާ ހަމައަށް ކަމަށެވެ. އެގޮތުން ދަށް މުސާރަ ލިބޭ މުވައްޒަފުންނަށް 20 ޕަސެންޓު އިތުރު ކޮށްދޭއިރު ބޮޑެތި މުސާރަތައް ލިބޭ މީހުންނަށް އިތުރު ކޮށްދެނީ ފަސް ޕަސެންޓު ކަމަށެވެ.

އެމްއޭސީއެލް މުވައްޒަފުންގެ މުސާރަތައް ބޮޑުކުރި ނަމަވެސް ސީނިއާ މަގާމުތަކުގައި ތިބޭ ބޭރު މުވައްޒަފުންގެ މުސާރައަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެ ކުންފުނިން ބުނީ މިއީ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.

ކޮވިޑް-19ގެ ދަތި އުނދަގޫ ދަނޑިވަޅުގައި ވެސް އެމްއޭސީއެލުން އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ ކުޑަ ކޮށްފައެއް ނުވެއެވެ. އަދި ކޮވިޑްގެ ހާލަތުން އަރައިގަނެވެން ފެށޭއިރަށް އެމްއޭސީއެލުން މިވަނީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ނިންމައިފައެވެ.

މުސާރައިގެ އިތުރުން އެމްއޭސީއެލްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ގިނަ ފައިދާތަކެއް ލިބެއެވެ، އެގޮތުން ހެލްތު އިންޝުއަރެންސާއި ހިލޭ ދަތުރުފަތުރާއި ހިލޭ ޕާކިންއާއި ސްޓާފް ލޯން ސްކީމާއި ސްޓާފް ޗިލްޑްރެން ލޯން ސްކީމުގެ އިތުރުން ސްޓާފް ޑެވެލޮޕްމަންޓް ސްކީމް ފަދަ އެތައް ފައިދާއެއް ލިބެއެވެ

comment ކޮމެންޓް