އެމްއެންޕީ އުފައްދަން ބާއްވާ ޖަލްސާ އަންނަމަހު އަށެއްގައި

އެމްއެންޕީ ރެޖިސްޓްރީކުރަން އީސީއަށް ހުށަހެޅުން --

ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން އުފައްދަވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމަށް، ބާއްވާ ޖަލްސާ އަންނަމަހު، އަށެއްގައި ބާއްވާނެކަން އެ ޕާޓީން އިއުލާނު ކޮށްފިއެވެ.

ދެ ސެޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދާގޮތަށް ނިންމާފައިވާ މި ޖަލްސާ ބާއްވަން ހަމަޖައްސާފައިވަނީ އޮކްޓޯބަރު އަށެއްވާ ހުކުރު ދުވަހުގެ މެންދުރުފަހު، 2:00 އިން ފެށިގެން ޣިޔާސުއްދީން ސްކޫލް ހޯލްގައެވެ.

އެމްއެންޕީގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި މުހިއްމު ބައިވެރިއެއް ކަމުގައިވާ ޕޮލިސް ކޮމިޝަނަރުކަން ވެސް ކުރެއްވި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ޕާޓީ އުފެއްދުމަށް ޓަކައި ބާއްވާ މުހިއްމު ޖަލްސާއަށް މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް މެމްބަރަކު ގެނައުމަކީ އަޒުމެއް ކަމަށެވެ.

"މި ޖަލްސާއަށް މީހުން ދިރިއުޅޭ ކޮންމެ ރަށަކުން މެމްބަރަކަށް ދައުވަތު ދިނުމަކީ ޕާޓީގެ އަޒުމެއް. އިލެކްޝަނަށް 5،500 ފޯމް ހުށަހެޅިއިރު ވެސް އަޅުގަނޑުމެން ވާނީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން މެމްބަރަކު ރެޕްޒެންޓްވާ ގޮތަށް ހުށަހަޅާފަ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އެއްވެސް ރަށެއް ބާކީ ނުކޮށް ކޮންމެ ރަށެއްގެ ބައިވެރިވުން ވެސް އޮންނަ ގޮތަށް މި ޖަލްސާ ބޭއްވުން. މިއީ ގައުމީ ފިކުރެއް،" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ޕާޓީގެ އެކިއެކި މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރުން ފެށިގެން އަންނަމަހު، ތިންވަނަ ދުވަހުގެ މެންދުރުފަހު، 2:00ގެ ނިޔަލަށް ހުޅުލާފައިވާ ކަމަށެވެ.

އެހެންކަމުން ޕާޓީއަށް ސޮއިކޮށްފައިތިބި މެމްބަރުންގެ ތެރެއިން މަގާމު ތަކަށް ޝައުގުވެރިވާ ފަރާތްތަކުން، ވީހާ ވެސް އަވަހަކަށް ކުރިމަތިލުމަކީ ޕާޓީގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މަސައްކަތް މި ނިމުނީކީ ނޫން. ޕާޓީ ރެޖިސްޓްރޭޝަން އާ ހަމައަށް މި ދެވެނީ. ކުރިން ވެސް ފާހަގަ ކުރި ފަދައިން އަޅުގަނޑުމެންގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ޕާޓީގެ މެމްބަރޝިޕް ދިހަ ހާހަށް ގެންދިއުން. އަޅުގަނޑުމެން ޓީމްތައް އެ މަސައްކަތުގަ މިހާރުވެސް އެބަ ކުރިއަށްދޭ،" ރިޔާޒް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުން، ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ ސޮއި އީސީއަށް ހުށަހަޅާތާ ހަ މަސް ދުވަހުގެ ތެރޭގައި އެ ޕާޓީ ހިންގުމާއި އަސާސީ ގަވާއިދާއި މައިގަނޑު މެނިފެސްޓޯއާ ބެހޭ ގޮތުން ނިންމުންތައް ނިންމުމަށް ބައްދަލުވުމެއް ބާއްވާން ވާނެއެވެ.

އަދި އެ ބައްދަލުވުމުގައި ޕާޓީއަށް ސޮއި ކުރި މީހުންގެ ތެރެއިން 300 މީހަކު ބައިވެރިވާން ވާނެއެވެ.

އެ ބައްދަލުވުމުގައި ނިންމަން ޖެހޭ ކަންތައްތަކުގެ ތެރޭގައި ޕާޓީގެ ނަން، އަސާސީ ގަވާއިދު އަދި ދާއިމީ މަގާމުތަކަށް މީހުން ހޮވެންދެން ޕާޓީ ތަމްސީލު ކުރާނެ ފަރާތްތައް އައްޔަން ކުރުން ހިމެނެއެވެ.

އެމްއެންޕީ ރެޖިސްޓްރީ ކުރުމަށް، 5،000 އަށް ވުރެ ގިނަ މެންބަރުންގެ ފޯމާއެކު އިލެކްޝަންސް ކޮމިޝަންސް (އީސީ)އަށް ހުށަހެޅީ މިމަހު، 15 ވީ ބުދަ ދުވަހުގައެވެ.

އެމްއެންޕީން ބުނީ އެ ޕާޓީ އުފެއްދުމުގެ މަގްސަދަކީ ދިވެހީންގެ ތެރޭގައި ގައުމީ ފިކުރު އާލާކޮށް، ދިވެހިން އެދޭ ކަންކަން ފުރިހަމައަށް ހާސިލް ކުރުމަށްޓަކައި، ގާނޫނީ ގޮތުން ލިބިދޭ އެންމެހައި ބާރާއި އިހްތިޔާރާއި ހައްގުތައް ބޭނުންކޮށް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން ކަމަށެވެ.

comment ކޮމެންޓް