ކޮރަޕްޝަންގެ މައްސަލައެއްގައި ވެމްކޯގެ ކުރީގެ އެމްޑީގެ މައްޗަށް ދައުވާކޮށްދޭން އެދިއްޖެ

ވެމްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއު ނޫސްވެރިންގެ ބައްދަލުވުމެއްގައި --- ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހު

ވެމްކޯއަށް ސޮފްޓްވެއާއެއް ގަތުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއުގެ މައްޗަށް ދައުވާކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފިއެވެ.

އެ ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ވެމްކޯއަށް ކަސްޓަމާ ރިލޭޝަންޝިޕް މެނޭޖްމަންޓް ސިސްޓަމެއް (ވެށިފާރަ ސޮފްޓްވެއާ) ހޯދުމުގެ މަސައްކަތް ޖޫން 11، 2017 ގައި ހަވާލުކޮށްފައިވަނީ އިއުލާން ނުކޮށް، އިމަޖެންސީ މަސައްކަތެއްގެ ގޮތުގައި ނޮނި ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑާކަން ފާހަގަވާކަމަށެވެ.

އޭސީސީން ބުނިގޮތުގައި ވެށިފާރަ ސޮފްޓްވެއާ ޑިވެލޮޕް ކުރުމަށް އެ ކުންފުންޏާ ހަވާލުކުރިއިރު، ވެމްކޯ ހިންގުމާ ހަވާލުވެހުރީ މުހައްމަދު ޝިފާއުއެވެ. އަދި އެ ސޮފްޓްވެއާ ޑިވެލޮޕްކުރުމަށް ހަވާލުކުރުމުގެ ހުރިހާ ކަމެއް ދިޔައީ ޝިފާއުގެ ބެލުމުގެ ދަށުންކަން ތަހުގީގަށް ލިބިފައިވާ މައުލޫމާތުން އެނގޭ ކަމަށް އެ ބަޔާނުގައިވެއެވެ.

ހަމައެހެންމެ ނޮނި ސޮލިއުޝަންގެ ވެރިޔާއާއި ޝިފާއުއާ ގާތް ގުޅުން އޮންނަކަން ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

"ވެމްކޯގެ އިމަޖެންސީ ރިކުއެސްޓްތަކަށް ކޯޓޭޝަން ހޯދަނީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް އެ ރިކުއެސްޓެއް ހުށަހެޅުމުން އެ ޑިޕާޓްމަންޓުންކަމަށް ވީނަމަވެސް، ވެށިފާރަ ސޮފްޓްވެއާ ޑިވެލޮޕްކުރުމަށް ނޮނި ސޮލިއުޝަންއާ ހަވާލުކުރީ މި އުސޫލާ ޚިލާފަށް އަދި ވެމްކޯގެ ޕްރޮކިއުމަންޓް ޕޮލިސީއާ ޚިލާފަށްކަން ފާހަގަކުރެވެއެވެ،" އޭސީސީގެ ބަޔާނުގައިވެއެވެ.

އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ އިމަޖެންސީ މަސައްކަތެއްގެ ގޮތުގައިވާއިރު، ވެމްކޯގެ ޕްރޮކިއުމަންޓް ޕޮލިސީގެ އަށް ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދައިން އިމަޖެންސީ ހާލަތު ސާފުކޮށް ބަޔާންކޮށްފައިނުވާ ކަމަށް އޭސީސީގެ ބަޔާނުގައިވެއެވެ.

"އަދި އެ ރިކުއެސްޓްތައް ލޮޖިސްޓިކްސް އެންޑް މެއިންޓެނަންސް ޑިޕާޓްމަންޓާއި، ކުންފުނީގެ ބޯޑަށް ހުށަހަޅާފައި ނުވެއެވެ،" އޭސީސީން ބުންޏެވެ.

އެ ކޮމިޝަނުން ބުނިގޮތުގައި ނޮނި ސޮލިއުޝަންއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިފާއުއެވެ.

މީގެއިތުރުން ވެށިފާރަ ސޮފްޓްވެއާ ޑިވެލޮޕް ކުރުމަށް ވެމްކޯއިން ނޮނި ސޮލިއުޝަންއާ ހަވާލުކުރުމާ ހަމައިން ފެށިގެން އެ ކުންފުނީގެ ވެރިޔާގެ އެކައުންޓުން ޝިފާއުގެ އެކަންޓަށް އެކި ދުވަސްމަތިން ފައިސާ ޓްރާންސްފާ ކޮށްފައިވާކަން ތަހުގީގުން އެނގޭ ކަމަށް ވެސް އޭސީސީން ބުންޏެވެ.

"އެހެންކަމުން، މި މައްސަލައިގައި ވެމްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝިފާއު ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން އަދި މުޙައްމަދު ޝިފާޢުއާ ނޮނި ސޮލިއުޝަންގެ އޯނަރއާ ދެމެދު އޮތް ގާތްގުޅުމުގެ ތެރެއިން ނޮނި ސޮލިއުޝަންގެ އޯނަރއަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަމާއި، އަދި މި މައްސަލައިގައި މުހައްމަދު ޝިފާއު ނާޖާއިޒު ފައިދާ ހޯދާފައިވާކަން ތަހުގީގަށް ސާބިތުވެއެވެ،" އޭސީސީގެ ބަޔާނުގައިވެއެވެ.

comment ކޮމެންޓް