ތާލިބާނުން އަފްޣާނިސްތާނުގެ ރަސްކަމުގެ ދުވަސްވަރުގެ ގާނޫނު އަސާސީއަކަށް އަމަލުކުރަނީ

އަފްޣާނިސްތާނުގެ ކުރީގެ ރަސްގެފާނު މުހައްމަދު ޒާހިރު ޝާހު

ކާބުލް (ސެޕްޓެމްބަރު 28): އަފްޣާނިސްތާނުގެ ރަސްކަމުގެ ދުވަސްވަރު އަމަލުކުރި ގާނޫނު އަސާސީ އަށް އަމަލުކުރަން ގަސްދުކުރާކަން އެގައުމުގައި ވެރިކަންކުރާ ތާލިބާން ޖަމާއަތުން ބުނެފިއެވެ.

ތާލިބާން ސަރުކާރުގެ އަދުލުއިންސާފާބެހޭ ވަޒީރު (ޖަސްޓިސް މިނިސްޓަރު) އަބްދުލްހަކީމް ޝަރުޢީ ވިދާޅުވީ އަފްޣާނިސްތާނުގެ ރަސްކަލެއް ކަމަށްވާ މުހައްމަދު ޒާހިރު ޝާހުގެ ދުވަސްވަރު އެގައުމުގައި އަމަލުކުރި ގާނޫނޫ އަސާސީ ރަނގަނޅު ކަމަށާ އައު ގާނޫނު އަސާސީ އެއް އެކުލަވާލެވެންދެން އެ ގާނޫނު އަސާސީއަށް އަމަލުކުރުމަށް މިހާރު ނިންމާފައިވާ ކަމުގައެވެ.

ނަމަވެސް ޒާހިރު ޝާހުގެ ދުވަސްވަރު އަމަލުކުރި ގާނޫނު އަސާސީގައި ހުރި އިސްލާމީ ޝަރީއަތާ ފުށުއަރާ ކަމަށް ބެލެވޭ މާއްދާތައް އިސްތިސްނާކޮށް އެމާއްދާތަކަށް އަމަލު ނުކުރާނެކަމަށް އަބްދުލްހަކީމް ޝަރުޢީ ވިދާޅުވިއެވެ.

ޒާހިރު ޝާހު އަފްޣާނިސްތާނުގައި ރަސްކަން ކުރެއްވީ 1933 ން 1973 އަށެވެ. ޒާހިރު ޝާހުގެ ވެރިކަމުގައި 1964 ވަނައަހަރު އޭނާވަނީ އައު ގާނޫނު އަސާސީއެއް ރައްޔިތުންނަށް ހުށަހަޅުއްވައި އެއަށް އަމަލުކުރަން ފައްޓަވާފައެވެ. އެ ގާނޫނު އަސާސީގައި އަންހެނުން ގެ ހައްގުތައް ރައްކާތެރިކޮށްދީފައިވެއެވެ. އަންހެނުންނަށް ތައުލީމާއި ވަޒީފާގެ ފުރުސަތުތައް ކަށަވަރުކޮށްދީފައިވެއެވެ. އަދި އޭގައި ޑިމޮކްރެޓިކް އާސާސްތައްވެސް ހިމެނިފައިވެއެވެ. މީގެތެރޭގައި ރައްޔިތުން އިންތިޚާބުކޮށްފައިވާ ޕާލަމެންޓެއް އުފެއްދުން ހިމެނެއެވެ.

ތާލިބާން ސަރުކާރުގެ އަދުލުއިންސާފާބެހޭ ވަޒީރު (ޖަސްޓިސް މިނިސްޓަރު) އަބްދުލްހަކީމް ޝަރުޢީ ވިދާޅުވިގޮތުގައި ތާލިބާނުން ގެ ވިސްނުމާ އެންމެ ގާތީ ޒާހިރު ޝާހުގެ ދުވަސްވަރު ގައި އަމަލުކުރި ގާނޫނު އަސާސީއާއެވެ. އެއިން އިސްލާމީ ޝަރީއަތާ ފުށުއަރާ ކަމަށް ބެލެވޭ މާއްދާތައް އިސްތިސްނާކުރުމަށްފަހު އަމަލުކުރުމުން މައްސަލައެއް ނެތްކަމަށާ މިގޮތަށް އަމަލުކުރުމަށް ތާލިބާން ސަރުކާރުގެ ކެބިނެޓުން މިހާރު ނިންމާފައިޥާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް