ފިރިމީހާ ދިނީ ޑްރަގް ފައިސާ ކަމެއް ނޭނގޭ، އަނބިމީހާއަށް ބޮޑު ދައުވާއެއް!

މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަމަށް ޝައްކު ކުރެވޭ ފައިސާ ފިރިމީހާ ފޮނުވުމުން ބޭނުންކުރި ރާމިޒާ: އޭނާއަށް ވަނީ މަނީ ލޯންޑަރިންގގެ ދައުވާ އުފުލާފައި ----

ފިރިމީހާ ދިން ފައިސާ އަކީ ޑްރަގް ވިޔަފާރީ ކޮށްގެން ހޯދާފައިވާ ފައިސާކަން ނޭންގޭ ކަމަށް މަނީލޯންޑަރިންގެ ދައުވާ އުފުލާފައިވާ އޭނާގެ އަނބިމީހާ ބުނެފިއެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، ރާމިޒާ އަލީ(އަނބިމީހާ) އާއި ހަސަން ލޫތު (ފިރިމީހާ) އިތުރު ދެ މީހަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްފައިވާ ކަމަށެވެ.

ހަމައެއާއެކު އެ މީހުންނާ ގުޅުން ހުރި ހަތަރު ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ލިބުނު އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން ފިރިމީހާ ދިރިއުޅެމުންދިޔަ މ. ކުރެދިމާގެއިން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

އެގޮތުން، ކޯޓު އަމުރެއްގެ ދަށުން އެ ދެމީހުން ދިރިއުޅޭ ގޭގެ ދެވަނަ ފަންގިފިލާގައި ހުރި ކޮޓަރި ބަލައި ފާސްކުރިއިރު، ލޮކަރެއް ތެރެއިން 16،000 ރުފިޔާ އާއި ކޮތަޅެއްގެ ތެރެއިން އެއް މިލިއަން ރުފިޔާ އާއި އިތުރު ކޮތަޅެއްގެ ތެރެއިން 450،000 ރުފިޔާ ފެނިފައިވާ ކަމަށް ވަކީލް ވިދާޅުވިއެވެ.

ނަގުދު ފައިސާގެ އިތުރުން ރާމިޒާގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ސޭވިން އިންވެސްޓްމެންޓް އެކައުންޓަށް އެކި ދުވަސް މަތިން ހަސަން ލޫތު 95،510 ދިވެހި ރުފިޔާ ފޮނުވާފައިވާކަން ވެސް ދައުލަތުން ފާހަގަކުރިއެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ރާމިޒާގެ އެކައުންޓަށް 194،170 ރުފިޔާގެ އިތުރުން އެ ދެ މީހުންގެ ފިރިހެން ދަރިފުޅުގެ ނަމުގައި އެމްއައިބީގައި ހުޅުވާފައިވާ އެކައުންޓަށް 103،370 ރުފިޔާ، ހަސަން ލޫތް ޖަމާކޮށްފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަމަށް ޝައްކު ކުރެވޭ ފައިސާ ފިރިމީހާ ފޮނުވުމުން ބޭނުންކުރި މައްސަލައިގައި އުފުލާފައިވާ ލޯންޑަރިންގގެ ދައުވާގެ އަޑުއެހުމުގެ ތެރެއިން ----

އެގޮތުން ނަގުދު ފައިސާގެ ގޮތުގައި ފެނިފައިވާ 1،466،000ރ. (އެއް މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ހަ ހާސް) ރުފިޔާގެ ފިޔަވައި، ހަސަން ލޫތު ޖަމާކޮށްފައިވާ 393،050ރ. (ތިންލައްކަ ނުވަދިހަ ތިން ހާސް ފަންސާސް) ރުފިޔާ އަކީ އޭނާ މަސްތުވާތަކެތީގެ ވިޔަފާރީކޮށްގެން ހޯދާފައިވާ ފައިސާކަމަށް ޝައްކު ކުރެވޭ ހިނދު އެ ފައިސާ ރާމިޒާ ބޭނުންކޮށްފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

ރާމިޒާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާ ފަސް އަހަރާއި 15 އަހަރަށް ޖަލަށް ލުމުގެ އިތުރުން އެއްލައްކަ ރުފިޔާއާ ދިހަ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެއެވެ.

އެ ދައުވާ ސާފުނުވާކަން ފާހަގަކޮށް ރާމިޒާ ބުނެފައިވަނީ، ދައުވާގައި ބުނާ ގިނަ ކަންކަން ހިނގާފައިވަނީ އޭނާ ރަށުގައި ނެތީސް ކަމަށެވެ.

އޭގެ ތަފްސީލް ދެއްވަމުން ރާމިޒާގެ ވަކީލް އަލީ ޝާހް ވިދާޅުވީ، އޭނާގެ މުވައްކިލު ދިރިއުޅެމުންދިޔައީ ގދ. ތިނަދޫގައި ކަމަށާއި އޭނާ މާލެ އައިސްފައިވަނީ ފިރިމީހާ (ހަސަން ލޫތު) ހައްޔަރު ކުރިތާ ހަފްތާއެއް ފަހުން ކަމަށެވެ. އަދި މީހެއްގެ އެކައުންޓުގައި ހުރި ފައިސާއެއް ނަގައިގެން ބޭނުން ކުރުމުން މަނީ ލޯންޑަރިންގެ ދައުވާ ނުކުރެވޭނެ ކަމަށް ވެސް ދިފާއީ ވަކީލް ވިދާޅުވިއެވެ.

"ހަސަން ލޫތު މަސްތުވާތަކެތި ވިއްކައިގެން ހޯދި ފައިސާއެއްކަން އެނގިހުރެ އަޅުގަނޑު ނުހުންނާނެ އޭގެން އެއްވެސް ބޭނުމެއް ކޮށްފައެއް،" ރާމިޒާ ވިދާޅުވިއެވެ.

ރާމިޒާގެ ފިރިމީހާއަކީ ލޯންޗު ދަތުރު ކުރުމުގެ އިތުރުން ގެދޮރުކުއްޔަދީގެން ވެސް ފައިސާ ހޯދާ މީހެއް ކަމަށް ދިފާއީ ވަކީލް ޝާހު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، ލޫތަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ފައިސާ ހޯދާ މީހެއް ކަން ސާބިތު ނުވާ ކަމަށެވެ. އެފަދަ އެއްވެސް ހުކުމެއް އެއްވެސް ކޯޓަކުން ކޮށްފައި ނުވާކަން ވެސް ދިފާއީ ވަކީލު ފާހަގަކުރެއްވިއެވެ.

މައްސަލަ ބައްލަވާ ގާޒީ ވަނީ ދިފާއަށާއި ދައުލަތަށް ހެކި ހުށަހެޅުމަށް ފުރުސަތު ދިނުމަށްފަހު މިއަދުގެ އަޑުއެހުން ނިންމާލައްވާފައެވެ.

comment ކޮމެންޓް