އެޗްޑީސީގެ "އީޖާދީ މަންސަ" ކާމިޔާބު ކުރި މީހުންނަށް ހިޔާ ފްލެޓުން ވިޔަފާރި ޔުނިޓު

އެޗްޑީސީގެ "އީޖާދީ މަންސަ" މުބާރާތުން މޮޅުވި ފަރާތްތަކަށް ލިޔުން ހަވާލުކުރުން-- އެޗްޑީސީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން "އީޖާދީ މަންސަ"ގެ ނަމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ވަނަވަނައަށް ހޮވުނު މީހުންނަށް ހިޔާ ފްލެޓުން ވިޔަފާރި ޔުނިޓު ހަވާލުކޮށްފިއެވެ.

އެޗްޑީސީގެ އެގްޒިބިޝަން ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނަތަކަށް ހޮވުނު މީހުންނަށް ލިޔުން ހަވާލުކުރެއްވީ އެ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފްއެވެ.

އީޖާދީ މަންސައަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހުޅުމާލޭގައި އިތުރަށް ތަރައްގީކޮށް ކުރިއެރުވުމުގެ މަގްސަދުގައި އެޗްޑީސީން ހުޅުވާލި މުބާރާތެކެވެ.

ގޭގައި ކުރާ (ހޯމް-ބޭސްޑް) ވިޔަފާރިތަކަށާއި އޮންލައިން ވިޔަފާރިތަކަށާއި މުޅިން އަލަށް ވިޔަފާރިއެއް ފެށުމަށް ޝައުގުވެރިވާ މީހުންނަށްވެސް އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލިއެވެ.

އެޗްޑީސީން ހުޅުވާލި އެ ފުރުސަތުގައި ފަސް ކެޓަގަރީއަކަށް ޖުމްލަ 36 ފަރާތަކުން ވަނީ ޕްރޮޕޯސަލް ހުށަހަޅާފައެވެ. ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި ކެޓަގަރީތަކަކީ؛

  • ކާބޯތަކެތި
  • ފަންނު
  • ދުޅަހެޔޮ
  • ވައްޓަފާޅި
  • ހިދުމަތް

ކޮންމެ ކެޓަގަރީއަކުންވެސް އެންމެ ރަނގަޅު ދެ ޕްރޮޕޯސަލް ހޮވަން ރާވާފައި އޮތް ނަމަވެސް މާކްސް ލިބުނު އަދަދަށް ބެލުމަށްފަހު ހޮވާފައިވަނީ ނުވަ މީހެކެވެ.

އެ މީހުންނަށް އެޗްޑީސީން ކަނޑައަޅާ ވަކި މުއްދަތަކަށް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓުގެ ގްރައުންޑް ފްލޯއިން ވިޔަފާރި ޔުނިޓުތަކެއް ވަނީ ހަވާލުކޮށްފައެވެ.

އެއީ 550 އަކަފޫޓުގެ ޔުނިޓުތަކެކެވެ. އޭގެ ތެރެއިން މުބާރާތުގައި ހިމެނޭ ކެޓަގަރީތަކުގެ ތެރެއިން ކޮންމެ ކެޓަގަރީއަކުން އެއްވަނައަށް ހޮވުނު މީހުންނަށް ހަވާލުކުރާ ޔުނިޓްތަކަކީ އެއްވެސް ކުއްޔަކާ ނުލައި އެއް އަހަރު ދުވަހުގެ މުއްދަތަށް ހަވާލު ކުރާ ޔުނިޓުތަކެކެވެ. އަދި ދެ ވަނައަށް ހޮވޭ މީހުންނަށް ހަވާލު ކުރާ ޔުނިޓުތަކަކީ އެއްވެސް ކުއްޔަކާ ނުލައި ހަ މަސް ދުވަހުގެ މުއްދަތަށް ހަވާލު ކުރާ ޔުނިޓުތަކެކެވެ.

"މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް، އެ ފަރާތްތަކުގެ ވިޔަފާރި ތަރައްގީ ކުރުމަށްޓަކައި ލިބިގެންދާނެ ރަނުގެ ފުރުސަތެއް،" އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ މިފަދަ މުބާރާތެއް ހިންގުމުގެ މައިގަނޑު މަގުސަދަކީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ ނޭދެވޭ އަސަރު ކުޑަކޮށް، އާންމު އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް، އެފަދަ ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުން ކަމަށެވެ.

comment ކޮމެންޓް