ސަމާ އާންޓީ: ތުއްތު ކުދިންގެ މަދަދުވެރިޔާ، ދުވަހަކު ވެސް ސަލާމެއް ނުބުނޭ!

އަމީރު އަހްމަދު ޕްރީސްކޫލްގެ ޓީޗަރު ސަމާ އާދަމް "ސަން"އަށް އިންޓަވިއު ދެނީ --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ދެބެއިންގެ ދެދަރި ކުއްޖަކަށް ހާށަވިޔަނި ކިޔަވައިދިނުމުގެ ތެރެއިން ތައުލީމީ ދާއިރާއަށް ޝައުގުވެރިކަން އުފެދުނު ސަމާ އާދަމް، މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަތާ 17 އަހަރުވީއެވެ.

އުމުރުން 32 އަހަރުގެ ސަމާ އަކީ އެންމެ ކުޑަ އިރުން ފެށިގެން ވެސް ކިޔަވައިދިނުމުގެ ދާއިރާއަށް ލޯބި ޖެހިފައިވާ ޝަހުސިއްޔަތެކެވެ. މިހާތަނަށް އައިއިރު އެތައް މައިންބަފައިންނަކާއި ދަރިވަރުންގެ ލޯބި ހާސިލް ކޮށްފައިވެއެވެ. ކަށި ކުނބުރު ޖަންގައްޔަކުން އަލި ހަވާސާ މަންޒިލަކަށް ވާސިލު ވެވޭނެ ރާސްތާއެއް ހޯދައިދިނުމުގެ މަގުސަދުގައި ސަމާ އެކުދިންނަށް ކިޔަވައިދޭން މަސައްކަތް ފެށީ އޭނާގެ އުމުރުން އެންމެ 16 އަހަރުގަައެވެ.

ޖީސީއީ އޯލެވެލް ނިންމާލުމަށްފަހު، އާއިލާގެ ރައްޓެއްސެއްގެ ފަރާތުން އަމީރު އަހުމަދު ޕްރީ ސްކޫލްގައި ކިޔަވައިދިނުމަށް ފުރުސަތު ލިބުނު ދުވަހަކީ ސަމާގެ ހަޔާތުގައި އައި ވަރަށް އުފާވެރި ދުވަހެކެވެ.

ސަމާގެ ހުވަފެންތަކުގައި ކުލަ ޖެހުމަށް ލިބުނު އެންމެ ފުރަތަމަ ހިތްވަރަކީ އެއީއެވެ. ސަމާގެ ކިޔަވައިދިނުމުގެ ދާއިރާގައި އެންމެ ފުރަތަމަ ބިންގާ އެޅުނު ދުވަހަކީ ވެސް އެއީއެވެ.

މިއަދާ ހަމައަށް އައިއިރުވެސް ސަމާ މުދައްރިސެއްގެ މަގާމުގައި ހުރީ އޭނާ އެންމެ ފުރަތަމަ ދުވަހު ވެސް މަސައްކަތް ކުރަމުން އައި ސްކޫލްގައެވެ.

އަމީރު އަހުމަދު ޕްރީސްކޫލުގެ ހޯލަށް ވަދުމާއެކު އިވުނީ ތުއްތު ކުދިންތަކެއް "ސަމާ އާންޓީ"އޭ ކިޔާ ގޮވާ އަޑެވެ. އުމުރުން އެންމެ ދެ އަހަރާ ބައިގެ ކުދިންއިން ފެށިގެން ހަ އަހަރާ ދެމެދުގެ ކުދިންތަކެކެވެ. އެއީ ފިޒިކަލް އެޑިއެކޭޝަން (ޕީއީ) ގަޑިއެވެ. ސަމާގެ ކައިރީގައި ތުއްތު ކުދިންތައް ތިބީ ވަށާލައިފައެވެ.

އަމީރު އަހްމަދު ޕްރީސްކޫލްގެ ޓީޗަރު ސަމާ އާދަމް ކްލާހުގައި ކިޔަވައިދެނީ --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

"އަބަދުވެސް ތުއްތު ކުދިންނަށް ކިޔަވައިދޭ ހިތްވޭ. އެހެންވެ ޕްރީ ސްކޫލަށް ވަނީ ވެސް. މިދާއިރާއަށް ޝައުގު ވެރިކަން އުފެދުނީ އެންމެ ފުރަތަމަ ގޭތެރެއިން. އެއީ އަޅުގަނޑުގެ މަންމަ ފަރާތު ދެބެއިންގެ ދެދަރި ކުއްޖަކަށް ކިޔަވައިދިނުމުގެ ތެރެއިން،" ސަމާ ބުންޏެވެ.

ތުއްތު ކުދިންނަށް ކިޔަވައިދިނުމުގައި ޓީޗިން މެޓީރިއަލްސް ހެދުމަކީ ދިމާވާ ގޮންޖެހުމެކެވެ. އަދި ކްލާސް ތެރޭގައި އުޅޭނެ ގޮތާއި ވަކިވަކި ކުދިންނަށް އަކުރު އަޅާނެ ގޮތް އުނގަންނައިދިނުމަކީ ބުރަ ކަމެކެވެ.

އެހެންނަމަވެސް މިކަމަކީ ސަަމާ ވަރަށް ކުރާ ހިތުން ކުރާ ކަމަކަށްވާތީ އޭނާ މި މަސައްކަތް ކުރަނީ އެއްވެސް ފޫހިކަމެއް ނެތިއެވެ. ވަރަށް ހިތްހަމަޖެހިގެންނެވެ.

ސަމާ، އަމީރުއަހްމަދާ ގުޅުނީ 2005 ވަނަ އަހަރެވެ. ސްކޫލާ ގުޅުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް އައި އިރު ދުވަހަކު ވެސް އޭނާ ސްކޫލަށް ސަލާން ބުނެފައެއް ނުވެއެވެ.

ސަމާ ކިޔަވައިދިނުމުގެ ދާއިރާގައި އެންމެ ދެކެން ބޭނުންވާ ދުވަހަކީ ފައުންޑޭޝަން ސްޓޭޖް ނުވަތަ ޕްރީ ސްކޫލަކީ ވަރަށް މުހިއްމު އުމުރުފުރާއެއް ގޮތުގައި ހުރިހާ ބެލެނިވެރިންވެސް އަދި ސަރުކާރުންވެސް ބަލައިގަނެ މި އުމުރުފުރާގެ ކުދިންނަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއްދޭ ތަން ފެންނަ ދުވަހެވެ.

އަމީރު އަހްމަދު ޕްރީސްކޫލްގެ ޓީޗަރު ސަމާ އާދަމް ކްލާހުގައި ކިޔަވައިދެނީ --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

"އަޅުގަނޑު ވަރަށް އުފާވާނެ މިހާތަނަށް ކިޔަވައިދިން ހުރިހާ ކުދިންނަކީވެސް ގައުމަށް ފައިދާވާނެ ކޮންމެވެސް ރޮނގަކުން ކުރިއަށްދާ ކުދިންތަކަކަށް ވާ ދުވަހަކުން،" ސަމާ ބުންޏެވެ.

ސަމާ ތުއްތު ކުދިންނަށް ކިޔަވައިދޭން ބޭނުންވާ އެތައް ސަބަބުތަކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި އެކުދިން ބުނެލާ ބަސްތަކުން ސަމާގެ ހިތަށް ލިބޭ ހިތްހަމަ ޖެހުމަކީ އޭނާއަށް ބުނެދޭން ވެސް ނޭނގޭ އުފާވެރި އިހުސާސްތަކެކެވެ.

"ވަރަށް ލޯބިން އައިއްސަ ލޯބިވާ ވާހަކަ ބުނާތީ ވަރަށް އުފާވޭ. އެހެން އުޅެލާފަ ދަރިވަރުން ކޮށްލާ ލޯބި ކަންތައްތަކުން ވަރަށް ބޮޑަށް ހިތް އުފާ ކޮށްދޭ،" ސަމާ ބުންޏެވެ.

ސަމާއަށް މިހާ ހިސާބަށް އާދެވުނުއިރު އެއްވެސް ބެލެނިވެރިއަކު އޭނާއާ ދިމާއަށް ހިތުގައި ޖެހޭފަދަ ބަހެއް ބުނެފައެއް ނުވެއެވެ. ބެލެނިވެރިން އަބަދުވެސް ބުނަނީ ސަމާ ކިޔަވައިދޭގޮތާމެދު ހިތްހަމަ ޖެހޭ ކަމަށާއި ވަރަށް އުފާވާ ކަމަށެވެ.

ކިޔަވައިދިނުމުގެ ދާއިރާގައި އޭނާ އެންމެ އުފާވާ އެއް ކަމަކީ ކޮންމެ ކުއްޖަކަށް ވެސް ކުރިއެރުންތައް ލިބި އެކިދާއިރާތަކުން ކުރިއަށް ދާތަން ފެނުމެވެ.

ކިޔަވައިދިނުމުގެ ދާއިރާގައި ސަމާ އެންމެ ދެރަވި ދުވަހަކީ ދަރިވަރުން ކުޅެން ނިކުން ދުވަހަކު، އެއް ކުއްޖެއްގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސް ވަރަށް ބޮޑަށް އަނިޔާވި ދުވަހެވެ. ކޮންމެ ދުވަހަކު ވެސް ސަމާއަށް ކުރެވެނީ ތަފާތު ތަޖުރިބާއެކެވެ.

ޕްރީ ސްކޫލުގައި ސަމާ ކިޔަވއިދިން ބައެއް ދަރިވަރުން މިހާރު ރަނގަޅު ފެންވަރުގެ ކޯސްތަކުގައި ވެސް އެބައުޅެއެވެ. އެ ކުދިންނާމެދު ސަމާއަށް ކުރެވެނީ ފަޚުރުވެރިކަމުގެ އިހްސާސެކެވެ.

ތައުލީމީ ގޮތުން ސަމާ ވަނީ އެތައް ހަރުފަތްތަކެއް ގިރާކޮށްފައެވެ. އެގޮތުން އޭނާ ވަނީ އެޑްވާންސްޑް ސެޓްފިކެޓް ނިންމާ އެސޯސިއޭޓް ޑިގްރީ ނިންމައިފައެވެ. އަދި އޭނާވަނީ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ވެސް ހާސިލް ކޮށްފައެވެ.

ސަމާ އެ ހުރިހާ ކޯސްތަކެއް ވެސް ހެދީ ޕްރީ ސްކޫލުގައި މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތްތަނުގައި މާސްޓާސް ހެދުމަކީ ސަމާގެ އުއްމީދެކެވެ. ސަމާ ބޭނުންވަނީ ކިޔަވައިދިނުމުގެ ދާއިރާއިން ހާސިލް ކުރެވެން އޮތް ހުރިހާ ކާމިޔާބެއް ހާސިލް ކުރާށެވެ.

ކޮންމެ މީހަކަށްވެސް ކާމިޔާބީއާ ހަމައަށް ވާސިލް ވެވޭނީ އެތައް ބައެއްގެ މަސައްކަތުންނެވެ. އެގޮތުން ސަމާއަށް އޭނާގެ އާއިލާގެ ފަރާތުންނާއި ފިރިމީހާގެ ފަރާތުން ލިބުނު އެއްބާރުލުމަކީ އޭނާ ދުވަހަކު ވެސް ހަނދާން ނައްތާލާނެ ކަމެއް ނޫނެވެ.

އެމީހުންނަށް އަބަދުވެސް ހިތުގެ އެންމެ ފުން މިނުން ޝުކުރު އަދާ ކުރާނެ ބައެކެވެ. ހަމައެހެންމެ ސަމާއާ އެކު މަސައްކަތް ކުރި ޓީޗަރުންނާއި ޕްރިންސިޕަލުންނާއި ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ސަމާ ޝުކުރު އަދާކުރިއެވެ.

ސަމާގެ މަންމަ ފަރީޝާ އަލީ ބުނި ގޮތުގައި މަންމައެއްގެ ހައިސިއްޔަތުން ލިބެން ޖެހޭ ފުރިހަމަ އެއްބާރުލުން ސަމާއަށް އަބަދުވެސް ލިބިލިބި ހުންނާނެއެވެ. ފަރީޝާ ބުނީ ސަމާއަކީ ވަރަށް އަހުލާގު ރަނގަޅު މަންމަ ދެކެ ލޯބިވާ ދަރިއެއް ކަމަށެވެ.

"ތުއްތުއިރުން ފެށިގެން ކުޅޭއިރު ވެސް ސަމާ އުޅޭނީ ފޮތްތައް ހިފައިގެން ޓީޗަރަކަށް ވެގެން. ސަމާ ގުރޭޑް 10 ނިންމާފައި ސްކޫލަށް ވަޒީފާ އަށް ދިޔަ ދުވަހަކީ ވަރަށް އުފާވި ދުވަހެއް. އެހާ ކުޑައިރުންސުރެ ސަމާ ބޭނުންވާކަމެއް ޓީޗަކަށް ވުމަކީ. އެހެންވީމަ މިހާރުވެސް ޓީޗަރެއްގެ ގޮތުގައި ހުރީތީ ވަރަށް ހިތްހަމަ ޖެހޭ،" ސަމާގެ މަންމަ ބުންޏެވެ.

ސަމާއަކީ ވަރަށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޓީޗަރެއްކަން ސަމާގެ މަންމަ ދެއްކި ވާހަކަތަކުން ފާހަގަވިއެވެ. ކުދިންނާ ގުޅޭ މިޒާޖެއްގެ މީހަކަށް ސަމާ ވުމުން ގިނަ ބެލެނިވެރިންތަކެއް ސަމާ ދެކެ ވަރަށް ލޯބިވާ ކަމަށް ސަމާގެ މަންމަ ބުންޏެވެ.

ހަމައެހެންމެ ކިޔަވައިދނުމުގައި ސަމާ ގެންގުޅޭ ތަފާތު އުކުޅުތަކުގެ ސަބަބުން ކުދިން ކިޔެވުމަށް އިތުރަށް ޝައުގު އުފެދޭ ކަމަށް ގިނަ ބެލެނިވެރިންތަކެއް ފާހަގަ ކުރެއެވެ.

ސަމާގެ ފިރިމީހާ ހުސައިން ރަޝީދު ކިޔައިދިން ގޮތުގައި ކިޔަވައިދިނުމަކީ ސަމާ ކުރާހިތުން ކުރާ ކަމަކަށް ވާތީ އަބަދުވެސް ސަމާއަށް އޭނާގެ އެއްބާރުލުން ލިބޭނެއެވެ.

"ސަމާއަކީ ސްކޫލަށް ސަލާން ބުނާ ހިތްވާވެސް މީހެއް ނޫން. ބަރާބަރަށް ދާހިތްވާނެ. އަބަދުވެސް ގަޑިއަށް ފަރުވާތެރިވާނެ. ނެޗުރަލް ކަމެއްގެ ސަބަބުން ވިޔަސް ކިރިޔާ މިނެޓެއް ލަސްވެ ގަޑި ޖެހިއްޖެއްޔާ ވެސް ވަރަށް ދެރަވާނެ. އަބަދުވެސް ބޭނުންވަނީ ވީހާވެސް ގިނަ ދުވަހަކު ސަމާ ޓީޗަރެއްގެ ގޮތުގައި ހުންނަން. އޭނާ ވަރަށް ކުރާ ހިތުން ކުރާ ކަމެއް އެއީ،" ސަމާގެ ފިރިމީހާ ބުންޏެވެ.

ސަމާއާ އެކު އެންމެ ގިނަ ދުވަހު އަމީރު އަހްމަދު ޕްރީސުކޫލުގައި މަސައްކަތް ކުރި ޕްރިންސިޕަލް ހަދީޖާ ހުސައިން "ސަން"އަށް ވިދާޅުވީ ސަމާއަކީ އަމީރު އަހުމަދުގައި އުޅޭ އެންމެ ރަނގަޅު އަދި އަމިއްލައަށް އިސްނަގައިގެން ކަންކަން ކުރާ މުދައްރިސެއް ކަމަށެވެ.

"ސަމާއަކީ ބެލެނިވެރިންނާއި ކުދިންނާ ގުޅިގެން ވަރަށް ހިތްވަރާ އެކު އަބަދުވެސް މަސައްކަތް ކުރާ މުދައްރިސެއް. ވަރަށް ގާބިލް ހުނަރުވެރި މުދައްރިސެއް. ސަމާއަށް ދޭން ބެނުންވާ މެސެޖަކީ ތިގޮތުގައި އަބަދުވެސް މަސައްކަތް ކުރާށޭ،" ހަދީޖާ ވިދާޅުވިއެވެ.

ސަމާއަކީ މިހާރު ހަމައެކަނި ޓީޗަރެއް ނޫނެވެ. މިހާރު އޭނާއަކީ ޒިންމާދާރު މަންމައެއް ވެސް މެއެވެ. ގިނަ ވަގުތު ޕްރީ ސުކޫލުގައި އުޅެން ޖެހުމުގެ ސަބަބުން އެވަގުތުތަކުގައި ދަރިފުޅު ބަލައިދެނީ އޭނާގެ މަންމައެވެ.

ސަމާ ހަގީގަތުގައިވެސް އެކޮށްދެނީ ގައުމީ ހިދުމަތެކެވެ. އަބަދުވެސް ހިނިތުންވުމަކާއެކު ފެންނަ ސަމާއަކީ އެންމެނާވެސް ގުޅޭ ރިވެތި އަހްލާާގެއްގެ ވެރިއެކެވެ. މަޑުމައިތިރި، ހިތްހެޔޮ، އޯގާތެރި ކަނބަލެކެވެ.

ތަފާތު ކުރުމެއްނެތި ހުރިހާ ދަރިވަރުންނަށްޓަކައި އުނގަންނައިދިނުމުގެ ގޮތުން ގުރުބާން ވާން ޖެހިލުމެއް ނުވާ ވަރުގަދަ ސަހުސިއްޔަތެއްގެ ވެރިއެކެވެ. އަދި މިނޫންވެސް އަހުލާގީ ގޮތުންނާއި އެކި ގޮތްގޮތުން މީހެއްގެ ގައިގައި ހުންނަ ހުރިހާ ރަނގަޅު ސިފަތަކެއް ހިމެނޭ، އެހެން މީހުންނަށް ހުރި ނަމޫނާ މުދައްރިސެކެވެ.

comment ކޮމެންޓް