އަހާން ޝެޓީ ބޮލީވުޑަށް ނުކުންނަ ފިލްމު މި އަހަރު!

ތަޅަޕް ގެ ޕޯސްޓަރުތަކެއް--

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ބޮލީވުޑަށް ތައާރަފު ކުރާ ފިލްމު "ތަޅަޕް" މި އަހަރު ސިނަމާތަކަށް ގެންނަން ނިންމައިފިއެވެ.

ސާޖިދު ނަޑިއަދުވާލާގެ ޕްރޮޑަކްޝަން ހައުސްގެ ދަށުން ގެނެސްދޭ އެ ފިލްމު ރިލީޒްކުރާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު ތިއޭޓާތަކުގައެވެ. މިލަން ލުތުރިޔާގެ ޑައިރެކްޝަނަކަށް އުފައްދާ އެ ފިލްމުގެ ޕޯސްޓަރުތައް ވެސް މިހާރު ވަނީ އާންމުކޮށްފައެވެ.

އެ ފިލްމަކީ "އާރްއެކްސް 100" ގެ ރިމޭކެކެވެ.

އަހާން ބޮލީވުޑަށް ނުކުންނަ ފިލްމު "ތަޅަޕް"ގެ އަންހެން ބަތަލާގެ ރޯލު ކުޅޭނީ "ސްޓޫޑެންޓް އޮފް ދަ އިޔާ 2" އިން ބޮލީވުޑަށް ތައާރަފްވި ބަތަލާ ތާރާ ސުތާރިއާ އެވެ. މިއީ އޭނާ ކުޅޭ ތިން ވަނަ ފިލްމު ވެސް މެއެވެ.

ޕްރޮޑިއުސަރު ސާޖިދް ނަދިއަދްވާލާ ބޭރުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ އަހާން އާއި ތާރާގެ ޖޯޑު ވަރަށް ފުރިހަމަ ވާނެ ކަމަށާއި އެ ދެތަރިންގެ ކެމިސްޓްރީ ވަރަށް ވަރުގަދަ ވާނެ ކަމަށެވެ.

އެ ފިލްމުން ވަރުގަދަ އެކްޝަން މަންޒަރުތައް ފެންނާނެއެވެ. އެހެން ނަމަވެސް އެ ފިލްމަކީ ރޮމޭންޓިކް ޑްރާމާއެކެވެ.

އަހާން ޝެޓީ ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުން އަންނައިރު އޭނާގެ ދައްތަ އާތިޔާ ޝެޓީ ވަނީ 2015 ވަނަ އަހަރު "ހީރޯ"އިން ބޮލީވުޑަށް ތައާރަފު ވެފައެވެ.

comment ކޮމެންޓް