އަކްޝޭގެ "ބައްޗަން ޕާންޑޭ" ރިލީޒް ކުރާނީ ސިނަމާތަކުގައި!

ބައްޗަން ޕާންޑޭގެ ޕޯސްޓަރެއް---

ކާމިޔާބު އެކްޓަރު އަކްޝޭ ކުމާރު ތަފާތު ރޯލަކުން ފެނިގެންދާ ފިލްމު "ބައްޗަން ޕާންޑޭ" ސިނަމާތަކުގައި ރިލީޒް ކުރާ ގޮތަށް ހަމަޖައްސައި، ފިލްމު ދައްކާ ތާރީހު އިއުލާން ކޮށްފިއެވެ.

އިންޑިއާގެ ސިނަމާތައް އަންނަ މަހުގެ 22 ވަނަ ދުވަހު ހުޅުވާނެކަން ސަރުކާރުން އިިއުލާން ކުރުމާއެކު ރިލީޒް ނުކުރެވި މަޑުޖެހިފައިވާ ހުރި ފިލްމުތަކަށް މިހާރު ފުލުފުލުން ތާރީހުތައް ދަނީ ދެމުންނެވެ.

ބަތަލާ ކްރިތީ ސެނަން އަންހެން ލީޑު ރޯލު ކުޅޭ ބައްޗަން ޕާންޑޭ ތިއޭޓާތަކުގައި އަޅުވާނީ އަންނަ އަހަރުގެ މާޗު މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

މި ފިލްމުގައި ބަތަލާ ޖެކަލީން ފާނަންޑޭޒް ވެސް ފެންނާނެއެވެ. ބައްޗަން ޕާންޑޭއަކީ 2014 ގައި ރިލީޒްކުރި ތަމަޅަ ފިލްމު "ވީރަމް"ގެ ރިމޭކެކެވެ. އެ ފިލްމަކީ ދުޝްމަނުންގެ ކިބައިން އާއިލާ ހިމާޔަތް ކުރަން މަސައްކަތް ކުރާ ހިތްހެޔޮ މީހެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އަކްޝޭ ގޭންގް ސްޓާރެއްގެ ރޯލުން ފެނިގެންދާއިރު މި ފިލްމުގައި ކްރިތީ ފެނިގެންދާނީ ނޫސްވެރިއެއްގެ ރޯލުންނެވެ.

ފަރްހާން ސަމްޖީ ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމަކީ އެކްޝަން ކޮމެޑީއެވެ. ފިލްމުގެ ކެރެކްޓާއާ ގުޅޭ ގޮތުން މީގެ ކުރިން އަކްޝޭ ބުނީ މި ރޯލަކީ އޭނާ ވަރަށް ތަފާތު ގޮތަކަށް ފެނިގެންދާ ފިލްމެއް ކަމަށާއި މިފަދަ ރޯލެއް އެކްސްޕްލޯ ކޮށްލަން ލިބުމުން ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.

comment ކޮމެންޓް