ނަހުލާ ހަދަނީ ދޮގު، ކައުންސިލްގެ މަސައްކަތަށް ހުރަސް އަޅާތީ ފިޔަވަޅު ވާނީ އަޅާފައި: އަދުރޭ

ޖޫން 25، 2020: އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ޕީޕީއެމްގެ ހަރަކާތަތްތަކުން ހަ މަސް ދުވަހުގެ މުއްދަތަކަށް ސަސްޕެންޑުކޮށްފައިވާ ވާހަކައަކީ ދޮގެއްކަމަަށް ބުނެ، ނަހުލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާ ހަވާލާދީ ދެެއްކެވި ވާހަކަ އޭނާ ދޮގުކުރައްވައިފިއެވެ.

ނަހުލާއާ މެދު ފިޔަވަޅު އަޅާފައިނުވާ ކަމަށް އަދުރޭ ވިދާޅުވިކަމަށް ބުނެ ނަހުލާ މިރޭ ވަނީ ބަޔާނެއް ނެރެފައެވެ.

ނަހުލާ ނެރުއްވި ބަޔާނާ ގުޅޭގޮތުން އަދުރޭ "ސަން"އަށް ވިދާޅުވީ ނަހުލާގެ ބަޔާނުގައި އަދުރޭއާ ހަވާލާދީ ދައްކަވާފައި ހުރި ހުރިހާ ވާހަކަތަކަކީ ދޮގެއްކަމަށެވެ.

"އަޅުގަނޑު ވަރަށް ސާފުކޮށް ނަހުލާގާތު ދެންނެވިން ފިޔަވަޅު އަޅާފައޭ ވާނީ. އެ ބަޔާނުގައި ދައްކާފައިހުރި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް،" އަދުރޭ ވިދާޅުވިއެވެ.

ނަހުލާއާ މެދު ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ފިޔަވަޅު އަޅާފައިވަނީ، ޕީޕީއެމްގެ ކައުންސިލަރެއްގެ ގޮތުގައި ހުރެ މާލޭ ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ހުރަސް އަޅާކަމުގެ ތުހުމަތުގައެވެ.

އެގޮތުން އެ ކޮމިޓީގެ ނައިބު މުގައްރިރު މުހައްމަދު ރަފީގް އަހްސަން "ސަން"އަށް ވިދާޅުވީ ނަހުލާއާ މެދު ފިޔަވަޅު އެޅީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ކުރާ މަސައްކަތްތަކަށް ދަތިތަކެއް ކުރިމަތިވާނެހެން ނަހުލާގެ އަމަލުތައް ހުރުމުންކަމަށެވެ.

"ފިޔަވަޅު އަޅަންޖެހޭ މިންވަރަށް ސާބިތުވީމަ ދެއްތޯ އަޅުގަނޑުމެން ފިޔަވަޅު އަޅާނީ. އެއީ އަސްލު ވެގެން ދިޔަ ގޮތަކީ. އޭގަ ހަމަ ބޮޑަށް ނަހުލާގެ ދާއިރާއަކީ ވިލިމާލެ ދާއިރާ ދެއްތޯ. ދާއިރާގެ ކަންތައްތަކުގައި ނަހުލާ އަމަލުކުރެއްވި ގޮތުންނާއި އެ މަސައްކަތް ދެން ނަހުލާ ބޭނުންވާ ގޮތަކަށް ނުކުރެވުނީމާ ދެން ޑރ. މުއިއްޒުއަށް ދަތިފުޅުވާކަހަލަ ގޮތަކަށް ކަންކަން ކުރެއްވިކަން އަޅުގަނޑުމެންނަށް އެނގިގެން ދިޔައީ،" ރަފީގް ވިދާޅުވިއެވެ.

މި ސަސްޕެންޝަނުގެ ސަބަބުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭ އެ ޕާޓީގެ ތެރޭގައި ބާއްވާ އެއްވެސް އިންތިހާބެއްގައި ވާދަކުރުމަށް އޮތް ފުރުސަތު ނަހުލާއަށް ގެއްލޭނެއެވެ.

އަދި ކުރިއަށް އޮތް ހަ މަސް ދުވަހު ޕާޓީގެ އެއްވެސް ރަސްމީ ޖަލްސާއެއްގައި ނުވަތަ އެއްވުމެއްގެ ޕޯޑިއަމްގައި ވާހަކަދެއްކުމުގެ ފުރުސަތު ވެސް ނަހުލާއަށް ވަނީ ގެއްލިފައެެވެ.

މި މައްސަަލައާ ގުޅިގެގެން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އެ ޕާޓީގެ ސުލޫކީ ކޮމިޓީގެ އެ ނިންމުން އިސްތިއުނާފުކުރުމުގެ ފުރުސަތު ނަހުލާއަށް ދިންކަމަށެވެ. އަދި މިހާރު ނަހުލާ އެ މައްސަލައިގެ ނިންމުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް