ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ދުރު ރާސްތާ އަދި މެދު ރާސްތާގެ ޕްލޭނެއް މުހިންމު: ނައިބު ރައީސް

ނައިބު ރައީސް ފައިސަލް ނަސީމު ސިއްހީ ދާއިރާއާ ގުޅޭގޮތުން މަޝްވަރާކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ޓަކައި ދުރު އަދި މެދު ރާސްތާގެ ޕްލޭނެއް އެކުލަވާލެވައިފައި އޮތުމަކީ މުހިންމު ކަމެއްކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ހެލްތު މިނިސްޓަރާއި، ބައެއް މިނިސްޓަރުންނާއެކު ސިއްހީ ދާއިރާއާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ޓަކައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރަނގަޅު ޕްލޭނަކާއެކު ސިއްހީ ދާއިރާގެ ހިދުުމަތްތެރިން ތަމްރީނުކުރުމަށް ވެސް ސަރުކާރުން މަސައްކަތްކުރަމުން އަންނަކަމަށެވެ.

އެގޮތުން ސިއްހީ ހިދުމަތްތެރިން ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ ސިއްހީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ސަރުކާރުން އަބަދުވެސް ކުރަމުން އަންނަކަމަަށެވެ. އެގޮތުން މަޝްވަރާގެރ ތެރެއިން މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރައްވަމުން އަންނަކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ މެޑިކަލް ކައުންސިލްތަކުން ނައިބު ރައީސްގެ އަރިހުގައި އެ ކައުންސިލްތަކަށް ދިމާވާ ދަތިތަކާ ގުޅޭ ގޮތުންވަނީ މަޝްވަރާކޮށްފައެވެ. އަދި ކަންބޮޑުވުންތައް ވެސް ވަނީ ހިއްސާކޮށްފައެވެ.

އެގޮތުން ބަޖެޓު ލިބުމުގައި ދިމާވާ ދަތިތަކާއި މުވައްޒަފުން ހޯދުމަށް ދިމާވާ މައްސަލަ މެޑިކަލް ކައުންސިލްތަކުން ވަނީ ފާހަގަކޮށްފައެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް މި ބައްދަލުވުމުގައި ނައިބު ރައީސްގެ އިތުރުން ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންގެ އިތުރުން، ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ، ޑރ. މުސްތަފާ ލުތުފީ ބައިވެރިވެވަޑައިގެންނެވިއެވެ.

ހަމައެއާއެކު މެޑިކަލް ކައުންސިލާއި، ނާސިން ކައުންސިލާއި، އެލައިޑް ހެލްތް ކައުންސިލްގެ މެންބަރުން ވެސް ބައިވެރިވިއެވެ.

comment ކޮމެންޓް