މިދިޔަ މަހު 11،000އަށް ވުރެ ގިނަ މީހުންނަށް އަރިދަފުސް ރޯގާ ޖެހުނު: އެޗްޕީއޭ

އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު -- ފޮޓޯ/ ހެލްތު މިނިސްޓްރީ

އަރިދަފުސް ރޯގާ ޖެހިގެން ޖުލައި މަހު ޖުމުލަ 3،838 މީހުން ޑޮކްޓަރަށް ދައްކާފައިވާއިރު، މިދިޔަ މަހު އެ ރޯގާ ޖެހިގެން ޖުމުލަ 11،348 މީހުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެ ދިޔަ ތިން އަހަރާ އަޅާބަލާއިރު ވެސް އަރިދަފުސް ރޯގާ ޖެހުނު މީހުންގެ އަދަދު މި އަހަރުގެ މިހާތަނަށް ވަނީ އިތުރުވެފައެވެ.

މި ދުވަސްވަރު ރާއްޖޭގައި އަރިދަފުސް ރޯގާ އާއި ވައިރަލް ހުން ވަރަށް ބޮޑަށް ފެތުރެމުން ދާތީ މިދިޔަ މަހު އެޗްޕީއޭ އިން ވަނީ ސަމާލުވާން އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން ވަނީ ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭތަންތަނަށް ނުދިއުމުށާއި، ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމުގެ އިތުރުން އާއްމު ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިރުޝާދު ދީފައެވެ. އަދި ދުންފަތުގެ ދުމުން ކުޑަކުދިން ސަލާމަތް ކުރުމަށާއި ރޯގާޖެހިއްޖެނަމަ ކުޑަ ކުދިންނާއި ދުރުހެލިވެ އުޅުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

މިނޫނަަސް އާއްމު އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ކޮންމެ ދުވަހަކު ވެސް ހެނދުނު 08:30 އިން ފެށިގެން ރޭގަނޑު 10:00 އަށް ރޯގާއާއި ކެއްސުން ފަދަ ބަލިތައް ހުންނަ މީހުންނަށް ހިދުމަތް ލިބޭނެ ފުލޫ ކުލިނިކެއް އައިޗީއެމްއެޗުން ވަނީ މިދިޔަ ހޮނިހިރު ހުޅުވާފައެވެ.

comment ކޮމެންޓް