ސުލްތާންގެ ހަށިގަނޑު ރާއްޖެ ގެނެސްފި، ކަށުނަމާދު މަޣްރިބް ނަމާދަށްފަހު

ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން އިބްރާހިމް--

އިންޑިއާގައި ޓްރެއިނިންއެއް ފުރިހަމަކުރަމުންދަނިކޮށް މަރުވި އެމްއެންޑީއެފް ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން އިބްރާހިމްގެ ހަށިގަނޑު ރާއްޖެ ގެނެސްފިއެވެ.

ސުލްތާންގެ ހަށިގަނޑު ރާއްޖެ ގެނެސްފައިވަނީ މިއަދު މިއަދު މެންދުރު 12:43 ގައެވެ.

އެމްއެންޑީއެފުން ބުނީ ސުލްތާންގެ ޖަނާޒާގެ ކަންކަން ރަސްމީ އިއްޒަތުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ. ސުލްތާންގެ ކަށުނަމާދު އޮންނާނީ މިއަދުގެ މަގްރިބް ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.

ސުލްތާންގެ މަރު ތަހުގީގު ކުރުމަށް ޕޯސްޓްމޯޓަމް ހަދާނެ ކަމަށް މީގެ ކުރިން ސުލްތާން ކިޔަވަމުން އައި ޕޫނޭގެ ނޭޝަނަލް ޑިފެންސް އެކެޑެމީ (އެންޑީއޭ) އިން ބުނި ނަމަވެސް އެމްއެންޑީއެފުން ވަނީ ޕޯސްޓްމޯޓަމް ނުހަދާ ކަމަށް ބުނެފައެވެ. ނަމަވެސް ޕޯސްޓްމޯޓަމް ނުހަދަން ނިންމީ ކޮން ސަބަބަކާ ގުޅިގެން ކަމެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ޕޯސްޓްމޯޓަމް ނުހަދަން ނިންމައިފައިވަނީ އާއިލާއިން އެކަމަށް އެއްބަސްނުވުމުގެ ސަބަބުންނެވެ.

ސުލްތާންގެ މަރާ ގުޅިގެން ސިފައިންގެ ހުރިހާ މަރުކަޒުތަކެއްގެ ދިދަ ވަނީ 48 ގަޑިއިރަށް ބައި ދަނޑިއަށް ތިރިކޮށްފައެވެ.

އުމުރުން 22 އަހަރުގެ ސުލްތާންގެ މަރާ ގުޅިގެން އެމްއެންޑީއެފުން މީގެކުރިން ނެރުނު ބަޔާނުގައި ބުނީ ސުލްތާން މަރުވެފައިވަނީ ނޭޝަނަލް ޑިފެންސް އެކެޑެމީގެ، ކޭމްޕް ގްރީންހޯންގައި ހޮނިހިރު ދުވަހު އޮތް އެންޝިއުރެންސް ދުވުމެއް ފުރިހަމަ ކުރަމުންދަނިކޮށް ކަމަށާއި ދުވުމުގެ ތެރެއިން ސުލްތާން ވެއްޓުމާއެކު އޭނާއަށް އިމަޖެންސީގައި ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ.

އެމްއެންޑީއެފުން ނެރުނު ބަޔާނުގައި އިތުރަށް ބުނީ ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް ސުލްތާން މަރުވެފައިވާ ކަމަށެވެ.

ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން އިބްރާހިމް ސިފައިންގެ ހިދުމަތާ ގުޅިފައިވަނީ 2018 ވަނަ އަހަރުގެ އޭޕްރިލް މަހުގެ އަށް ވަނަ ދުވަހުއެވެ. ތިން އަހަރު ދުވަހުގެ ކޯހަށް އިންޑިއާއަށް ދިއުމުގެ ކުރިން ސުލްތާން މަސައްކަތް ކުރަމުން އައީ އިންޓަގްރޭޓެޑް ހެޑްކުއާޓާޒްގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ސުލްތާންގެ މަރާ ގުޅިގެން ޕޫނޭގެ ނޭޝަނަލް ޑިފެންސް އެކެޑެމީ (އެންޑީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ ޓްރެއިނިންގެ ތެރެއިން ސުލްތާން ވެއްޓުމާއެކު، އޭނާއަށް ފަރުވާ ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ.

comment ކޮމެންޓް