އެއްބާރުލުން ބޭނުންވާތީ އެސްއޯއެފްގެ ވެރިންނަށް ދައުވާނުކުރަން ދައުލަތުން ނިންމައިފި

އެސްއޯއެފް ކުންފުނީގެ އިސް ތިން މީހުން: އެ މީހުންނާ ދެކޮޅަށް ދައުވާ ނުކުރުމަށް ވަނީ ނިންމާފައި ----

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އެކި ފަރާތްތަކަށް ބަހާލުމަށް މެދުވެރިއެއްގެ ރޯލު އަދާކުރި ސްކޯސް އޮފް ލޭއާސް (އެސްއޯއެފް)އާއި އެ ކުންފުނީގެ ވެރިންނަށް ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށާއި ގެއްލިފައިވާ ފައިސާ ހޯދުމަށް އެ ކުންފުނީގެ އިސް މީހުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ދައުލަތުން ބުނެފިއެވެ.

ދައުލަތުން އެހެން ބުނެފައިވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން އެއް މިލިއަން ޑޮލަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ލިބިފައިވާ ކަމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައެވެ.

ރައީސް ޔާމީންގެ މައްސަލައިގައި ދެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި ނިންމައިލައިފައިވާއިރު، މިހާރު ކުރިއަށް ގެންދަނީ މައްސަލަ ބައްލަވާ ބެންޗުން ސާފުކުރުމަށް ބޭނުންވާ ކަންކަމުގައި ސުވާލު ކުރުމުގެ މަރުހަލާއެވެ.

ބެންޗުގައި ތިން ފަނޑިޔާރުން ހިމެނިވަޑައިގަންނަވާއިރު، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ވަނީ އެއްވެސް ކަމެއް ސާފުކުރަން ނެތް ކަމަށް ވިދާޅުވެފަ އެވެ. ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ ބައެއް ސުވާލުތައް ކުރައްވާފައެވެ.

އެގޮތުން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ އެސްއޯއެފް ކުންފުނީގެ މައްސަލަ ތަހުގީގު ކުރަމުންދޭތޯއާ އެ ފަރާތްތަކަށް އެއްވެސް ދައުވާއެއް ކުރުމަށް ނިންމާފައިވޭތޯ އެއްސެވީ ޑރ. އަޒްމިރަލްދާއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ އެސްއޯއެފްއަކީ އެ މައްސަލައިގައި ހިމެނޭ ފައިސާ ލޯންޑާ ކުރުމަށް ބޭނުން ކުރި އެއް ފަރާތް ކަމަށާއި އެންމެ ފުރަތަމަ އެ މައްސަލަ އޭސީސީން ތަހުގީގު ކުރިއިރު އެސްއޯއެފްގައި ޝާމިލްވާ ފަރާތްތައް ރާއްޖޭގައި ނެތް ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލއިގައި ހިމެނޭ އެސްއޯއެފްގެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އައްލާމް ލަތީފް (މޮހޯ): އެސްއޯއެފުން ބޮޑު އަގުގައި ޑޮލަރު ވިއްކާފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައި --

އެހެން ކަމުން އޭރު އެ ފަރާތްތަކާ ސުވާކުރެވިފައި ނުވާކަން ދައުލަތުން ފާހަގަކުރެއްވިއެވެ. ނަމަވެސް އެ މައްސަލައިގައި ގިނަ އަދަދެއްގެ މީހުންނަށް ފައިސާ ފޮނުވައިފައިވަނީ އެސްއޯއެފުން ކަމަށްވާތީ، ހަގީގަތާ ހަމައަށް ވާސިލްވުމަށް އެ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

"އެސްއޯއެފެގް ފަރާތްތަކާއި ސުވާލުކުރެވި ކަންކަން ސާފުކުރެވިފައިވާނީ. ނަމަވެސް އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމާފައިވަނީ މި މައްސަލައިގައި،" ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން ފައިސާ ދިޔަގޮތް ނުވަތަ މަނީ ޓްރަޔަލް އެނގެން ހުރީ ހަމަ އެކަނި ޗެކްތަކުން ފައިސާ ދިޔަ ތަންތަނަށް ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. އޭގެ އިތުރަށް ފައިސާ ދިޔަ ގޮތް ހޯދުމަކީ މުހިންމު ކަމެއް ކަމަށް ދައުލަތުން ގަބޫލުކުރާ ކަމަށް ވެސް ވަކީލް ވިދާޅުވިއެވެ.

"އެކަން ކުރެވެން އޮތީ އެ ފައިސާ ގެންދިޔަ ފަރާތްތަކުގެ އެއްބާރުލުން ލިބިގެން ކަމަށް ދައުލަތަށް ގަބޫލުކުރެވެނީ. އަދި އެ ފަރާތްތަކުގެ އެއްބާރުލުން ހޯދުމަށްޓަކައި ދައުލަތަށް ގަބޫލުކުރެވެނީ އެ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރުމަށް ވުރެން އާންމު މަސްލަހަތު އޮތީ އެފަރާތްތަކުން ދޭ ހެކިބަސް ނުވަތަ އެ ފަރާތްތަކުން ދޭ އެއްބާރުލުމުގެ މައްޗަށް ބިނާކޮށް ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުން ކަމުގައިވާތީ އެގޮތުގެ މަތިން އެ ފަރާތްތަކުގެ މައްޗަށް ދައުވާ ނުކުރުމަށް ދައުލަތުން ނިންމާފައި ވަނީ،" ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

އެ މައްސަލައިގައި ހިމެނޭ އެސްއޯއެފުން އެކި ފަރާތްތަކަށް 70 މިލިއަން ޑޮލަރާއި 100 މިލިއަން ރުފިޔާ ފޮނުވާފައިވާ ކަމަށް ވެސް މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ބުނެފައެވެ.

މިއަދުގެ އަޑުއެހުން މެންދުރު 12 ޖަހަން ވެފައިވަނިކޮށް ނިންމައިލައިފައިވާއިރު، މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ، އިތުރު ކަންތައްތަކެއް އޭނާ ސާފުކުރައްވަން ބޭނުންވާ ކަމަށެވެ. އެހެން ކަމުން ދެން އޮންނަ އަޑުއެހުމެއްގައި އެ ކަންތައްތަކާ ގުޅޭ ގޮތުން ސުވާލު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް