ބަންގްލަދޭޝްއިން ރާއްޖެއަށް ދަތުރުކުރެވޭނެ ކްރޫޒް ޝިޕްތަކެއް ބަންނަނީ

ކާނަފުލީ ޝިޕް ބިލްޑާސް އިން ބަންނަމުންދާ އުޅަނދުތަކުގެ މޮޑެލްއެއް-- ފޮޓޯ/ދާކާޓްރިބިއުން

ރާއްޖެއަށް ދަތުރުކުރެވޭނެ ކްރޫޒް ޝިޕްތަކެއް ބަނުމުގެ މަސައްކަތް ބަންގްލަދޭޝްގެ ސަރުކާރުން ފަށައިފިއެވެ.

ބަންގްލަދޭޝް ސަރުކާރުން މިހާރު ވަނީ ތިން ކްރޫޒް ޝިޕެއް ބަނުމުގެ މަސައްކަތް، އެގައުމުގެ ބޯޓު ބަންނަ އެންމެ ބޮޑު އެއް ޕްރައިވެޓް ކުންފުނި ކަމަށްވާ ކާނަފުލީ ޝިޕް ބިލްޑާސްއާ ހަވާލުކޮށްފައެވެ.

ބަންގްލަދޭޝްގެ ސްޓޭޓް މިނިސްޓާ ފޯ ޝިޕިން ހާލިދް މަހްމޫދު ޗޯދުރީ ވިދާޅުވީ އެ ކްރޫޒް ޝިޕްތަކަކީ ބައިނަލްއަގުވާމީ ފެންވަރުގެ ބޯޓުތަކަށް ވާނެ ކަމަށެވެ.

"މިބާވަތުގެ ކްރޫޒް ޝިޕް މިހާރު ފެންނާނީ ހަމައެކަނި ޔޫރަޕުން، އިންޑިއާގަވެސް ނުހުރޭ. މި ބޯޓުތަކަށް އިންޑިއާ، ސްރީ ލަންކާ އަދި ރާއްޖެއަށް ދަތުރު ކުރެވޭނެ،" ޗޯދުރީ ވިދާޅުވިއެވެ.

ޗޯދުރީ އިތުރަށް ވިދާޅުވީ ކޮންމެ ކްރޫޒް ޝިޕެއްގައިވެސް ފަތުރުވެރިން މުނިފޫހިފުލުވުމަށް ޒަމާނީ ހިދުމަތްތައް ލިބެން ހުންނާނެ ކަމަށެވެ.

އެގޮތުން ކޮންމެ އުޅަނދެއްގައި 3ޑީ ސިނަމާއަކާއި ދެ ސްވިމިން ޕޫލާއި ލޯންޑްރީ ސާވިސް އާއި ބާ އަދި ކެފޭ ފަދަ ތަންތަނާއި ހެލިކަޕްޓަރު ޖައްސަން ވަކި ޖާގައަކާއި އޯޕެން ސްޕޭސް އާއި ޕޫލް ސައިޑް ކެފޭއަކާއި ޕާލާއަކާއި ކިޑްސް ކޯނާއަކާއި ފުޑް ކޯޓެއް ހިމެނޭނެއެވެ.

އޭގެ ތެރެއިން ސިނަމާއަކީ 60 މީހުންގެ ޖާގައިގެ ސިނަމާއެކެވެ.

މީގެ އިތުރުން ކޮންމެ އުޅަނދެއްގައި ފަސިންޖަރުންނަށް 150 ކެބިން އަދި ފަޅުވެރިންނަށް 50 ކެބިން ހުންނާނެއެވެ. އަދި މި ކެބިން ތަކުގެ އިތުރުން ކޮންމެ ބޯޓެއްގައި 20 ޕްރެޒިޑެންޝަލް ސުއީޓް ހުންނާނެއެވެ.

ބަންގްލަދޭޝްގެ އިންލޭންޑް ވޯޓާ ޓްރާންސްޕޯޓް ކޯޕަރޭޝަންގެ ޗެއާމެން ސައީދު ތަގުލް އިސްލާމް ވިދާޅުވީ އެ ބޯޓުތައް 2023ގައި ނިންމަން ކާނަފުލީ ޝިޕް ބިލްޑާސްއިން އެއްބަސްވެފައިވާ ކަމަށެވެ. އަދި ކްރޫޒް ދަތުރުތައް ފެށޭނީ ކަމާ ބެހޭ ބައިނަލްއަގުވާމީ އިދާރާއިން އެކަމަށް ދިނުމުން ކަމަށެވެ.

އޭގެ ތެރެއިން ކޮންމެ އުޅަނދަކީ ނުވަ މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި އުޅަނދެކެވެ. އެއީ 139 މިލިއަން ރުފިޔާއެވެ. އެހެންކަމުން މުޅި މަޝްރޫއަށް ޖުމްލަ 27 މިލިއަން އެމެރިކާ ޑޮލަރު ހަރަދުވާނެ ކަމަށް ބަންގްލަދޭޝްގެ އޮފިޝަލުން ލަފާ ކުރެއެވެ. އެއީ ގާތްގަނޑަކަށް 417 މިލިއަން ރުފިޔާއެވެ.

ޗޯދުރީ ވިދާޅުވީ އެ މަޝްރޫއުގެ ސަބަބުން ފަތުރުވެރިކަމުގެ އިތުރުން ގައުމުގެ އިގުތިސާދަށްވެސް ފައިދާ ކުރާނެ ކަމަށެވެ.

"[ކްރޫޒް ދަތުރުތަކާއެކު] ފަތުރުވެރިކަމުގެ އިތުރުން ގައުމުގެ އިގްތިސާދުވެސް ކުރިއަރައިގެން ދާނެ،" ޗޯދުރީ ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ ފުރަތަމަ ލަކްޒަރީ ކްރޫޒް ޝިޕްގެ ދަތުރުތައް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައިއެވެ. އެ ބޯޓު ދަތުރު ކުރަނީ އެގައުމުގެ ކޮކްސް ބާޒާރާއި ސެއިންޓް މާޓީންއާ ދޭތެރޭގައިއެވެ.

comment ކޮމެންޓް