އެކްސްޕޯ 2020ގައި 25 މިލިއަން މީހުންގެ މެދުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ އަމާޒު!

އެކްސްޕޯ 2020 ދުބާއީ--

އަންނަ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހު ފަށާ ވޯލްޑް އެކްސްޕޯ، "އެކްސްޕޯ 2020 ދުބާއީ"ގައި ގާތްގަނޑަކަށް 25 މިލިއަން މީހުންގެ މެދުގައި ރާއްޖެ އިޝްތިހާރު ކުރެވޭނެ ކަމަށް އިކޮނޮމިކް މިިނިސްޓްރީން ލަފާކޮށްފިއެވެ.

ވޯލްޑް އެކްސްޕޯއަކީ ގައުމުތަކުގެ ސަރުކާރުތަކާއި ބޮޑެތި ކުންފުނިތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކާ އާންމުން ގުޅުވައިލައި، ދިރާސަތަކާއި އިނޮވޭޝަން މެދުވެރިކޮށް ދުނިޔެއަށާއި އާބާދީތަކަށް އިންގިލާބީ ހެޔޮ ބަދަލެއް ގެނައުމަށް ޓަކައި 1851 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު އެކްސްޕޯއެވެ.

މިއީ ކޮންމެ ފަސް އަހަރުން އެއް އަހަރު ބާއްވާ ވޯލްޑް އެކްސްޕޯގައި ރާއްޖެއިން ބައިވެރިވާ ހަތަރު ވަނަ ފަހަރެވެ.

ހަ މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ އެކްސްޕޯގައި 200 އަށްވުރެ ގިނަ ގައުމުތަކުން ބައިވެރިވާނެއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މި އަހަރުގެ އެކްސްޕޯއަށް ދުވާލަކު ތިން ލައްކަ މީހުން އަދި މުޅި ޖުމްލަ 25 މިލިއަނަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރާނެ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ.

ރާއްޖޭގެ ޕެވީލިއަން ގާއިމުކުރާނީ އެކްސްޕޯ 2020ގެ ތިން ޑިސްޓްރިކްޓުގެ ތެރެއިން 'ސަސްޓެއިނަބިލިޓީ' ޑިސްޓްރިކްޓުގައެވެ.

"މި ޕެވީލިއަން މެދުވެރިކޮށް ރާއްޖޭގެ ސަގާފީ ކުޅިވަރުތަކާއި ދިވެހި ޒުވާނުންގެ ރީތި މިއުޒިކީ ހަރަކާތްތަކާއި ސަގާފީ ނެށުންތަކާއި ފަންނުވެރިކަން މުޅި ދުނިޔެއަށް ދައްކާލުމުގެ ފުރުސަތު ހުޅުވިގެންދާނެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކްސްޕޯ 2020އަށް ޒިޔާރަތް ކުރާނެ ކަމަށް ލަފާކޮށްފައިވާ 25 މިލިއަން މީހުންގެ ތެރެއިން ގިނަ ބަޔަކަށް ރާއްޖޭގެ މި ހަރަކާތްތައް ފެނިގެން ދިއުމަކީ އަޅުގަނޑުމެންގެ އަމާޒު." އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އެ ޕެވީލިއަންގައި ރާއްޖެ ރަމްޒުކޮށްދޭ ރީތި ގުދުރަތީ މަންޒަރުތަކުގެ އިތުރުން، ރާއްޖެ މިއަދާ ހަމައަށް ކޮށްފައިވާ ތަރައްގީގެ ދަތުރުގައި ބޭނުންކޮށްފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމާއި ސިޔާސަތުތަކާއި ރާއްޖޭގެ ތާރީހާއި ސަގާފަތް މުޅި ދުނިޔެއަށް ދައްކާލާނެއެވެ.

މީގެ އިތުރުން ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތައް، ދުނިޔޭގެ އެކިއެކި ގައުމުތަކުގެ އުފެއްދުންތައް ވިއްކަން ހާއްސަކޮށްފައިވާ ވޯލްޑް މާކެޓުން ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެ އެކްސްޕޯ ކުރިއަށްދާ މުއްދަތުގައި ދިވެހި ސަރުކާރުން ތަފާތު ދާއިރާތަކަށް އަމާޒުކޮށްގެން އިންވެސްޓްމަންޓް ފޯރަމްތަކާއި ހާއްސަ އިވެންޓުތައް ކުރިއަށްގެންދާނެއެވެ. އަދި އެ ފޯރަމްތަކާއި އިވެންޓުތަކުގައި ރާއްޖޭގައި ހުރި ފުރުސަތުތައް ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލާނެއެވެ.

އެކްސްޕޯ 2020ގެ ބައިވެރިއެއްގެ ހައިސިއްޔަތުން ރާއްޖޭގެ 'އޮނާ ޑޭ'ގެ ގޮތުގައި ފާހަގަ ކުރަން ހާއްސަކޮށްފައިވާ ދުވަހަކީ އޮކްޓޫބަރު 25 ވަނަ ދުވަހެވެ. އެ ދުވަހު ރާއްޖޭގެ އޮނާ ޑޭ ފާހަގަ ކުރަން ހާއްސަ ހަފުލާއެއްގެ އިތުރުން މުޅި އެކްސްޕޯގެ ސައިޓުގައި ރާއްޖޭގެ ސަގާފީ ހަރަކާތްތައް ދައްކާލާނެއެވެ.

އެކްސްޕޯ 2020 ދުބާއީ ހުޅުވައިފައި ހުންނާނީ ކޮންމެ ހަފުތާއެއްގެ ރަސްމީ ބަންދު ދެ ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށެވެ. ހަފުތާ ބަންދު ދެ ދުވަހު އެކްސްޕޯ ހުޅުވާނީ ހެނދުނު 10:00 އިން ދަންވަރު 2:00 އާ ހަމައަށެވެ. ކިޔަވާ ކުދިންނާއި 18 އަހަރުން ދަށުގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޓިކެޓަކާ ނުލައި އެކްސްޕޯއަށް ޒިޔާރަތް ކުރުމުގެ ފުރުސަތު، އެކްސްޕޯ އިންތިޒާމު ކުރާ ބިއުރޯ އޮފް އިންޓަނޭޝަނަލް އެކްސްޕޮޒިޝަން (ބީއައިއީ)އިން ވަނީ ފަހިކޮށްދީފައެވެ.

އެކްސްޕޯ 2020ގައި ރާއްޖެ ބައިވެރިވުމުގެ އިންތިޒާމުތައް ކުރިޔަށް ގެންދަނީ އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން، ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ އަދި ސަރުކާރުގެ އެކިއެކި އިދާރާތަކުގެ ބައިވެރިވުމާ އެކުގައެވެ.

އެކްސްޕޯ 2020 ދުބާއީގައި ރާއްޖޭގެ ޕެވީލިއަންގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ މައުލޫމާތު އެކްސްޕޯއަށް ހާއްސަ ސޯޝަލް މީޑިއާ އެކައުންޓްތަކުންނާއި ވެބްސައިޓް މެދުވެރިކޮށް ހިއްސާ ކުރާނެއެވެ. އަދި އެކްސްޕޯއަށް ޒިޔާރަތްކުރަން ބޭނުންވާ ފަރާތްތަކަށް އެކްސްޕޯއަށް ހާއްސަކޮށްފައިވާ ވެބްސައިޓުން އިތުރު މައުލޫމާތު ލިބޭނެއެވެ.

comment ކޮމެންޓް