ސައިކްލޯން ގުލާބްގެ ބާރު ދަށްވެ، މިސްރާބު ހުޅަނގު އުތުރަށް

ފޮޓޯ-- ދަ ހިންދޫ

އިންޑިއާއަށް މިހާރު ކުރަމުންދާ ތޫފާން ސައިކްލޯން ގުލާބްގެ ބާރު ދަށްވެ، ހުޅަނގު - ހުޅަނގު އުތުރަށް ދަތުރުކުރަަމުންދާ ކަމަށް އިންޑިއާ މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓް (އައިއެމްޑީ) އިން ބުނެފިއެވެ.

އައިއެމްޑީއިން ބުނި ގޮތުގައި އެ ސައިކްލޯންގެ ބާރު ކުރިއަށް އޮތް ހަ ގަޑިއިރުގެ ތެރޭގައި ކުޑަވާނެއެވެ.

މިހާރު އެ ތޫފާން ދަތުރު ކުރަމުންދަނީ އިންޑިއާގެ އުތުރުގައި އޮންނަ އަންދްރާ ޕްރަދޭޝް ސްޓޭޓުގެ މަތިންނެވެ. އެ ތޫފާނުގައި އަންދްރަ ޕްރަދޭޝްއިން ދެ މަސްވެރިއަކާއި އޮޑިޝާ ސްޓޭޓުން އެކަކު ވަނީ މަރުވެފައެވެ. އަދި އަންދްރާ ޕްރަދޭޝްއިން ވީނުވީއެއް ނޭނގި އެކަކު ގެއްލިފައިވާ ކަމަށްވެސް އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކުރެއެވެ.

އެ ތޫފާން އެންމެ ފުރަތަމަ ދަތުރު ކުރީ އަންދްރާ ޕްރަދޭޝްގެ ސްރީކަކުލަމް ކައިރީގައިވާ ރަށްތަކުގެ މަތިންނެވެ. އެއީ ގަޑިއަކު 90 ކިލޯމީޓަރުގެ ބާރުމިނުގައެވެ. އޮޑިޝާ ސްޓޭޓާ ހަމައިން ތޫފާނުގެ ބާރު ވަނީ ގަޑިއަކު 30 ކިލޯމީޓަރަށް ދަށްވެފައެވެ.

އެ ތޫފާނާ ގުޅިގެން އޮޑިޝާގެ ޗީފް މިނިސްޓަރު ނަވީން ޕަޓްނައިކް ވަނީ "ޒީރޯ ކެޝުއަލްޓީ"ގެ ޓާގެޓުގައި ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައެވެ.

އެކަން ހާސިލު ކުރުމަށް ޓަކައި އޮޑިޝާ ޑިޒާސްޓާ ރެޕިޑް އެކްޝަން ފޯސްގެ 42 ޓީމާއި، ނެޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސްގެ 24 ގްރޫޕްގެ އިތުރުން އަލިފާން ނިއްވަން މަސައްކަތް ކުރާ 102 ޓިމަކުން ދަނީ ހަތް ޑިސްޓްރިކްޓެއްގައި ހަރަކާތްތެރިވަމުންނެވެ.

އިންޑިއާގެ ނެޝަނަލް ޑިޒާސްޓާ ރެސްޕޯންސް ފޯސް-- ފޮޓޯ/އިންޑިއަން އެކްސްޕްރެސް

މީގެ އިތުރުން މި ތޫފާނާއި ގުޅިގެން އިންޑިއާގެ އީސްޓް ކޯސްޓް ރެއިލްވޭއިން ވަނީ 34 ރޭލުގެ ދަތުރު ކެންސަލްކޮށް 13 ރޭލުގެ ގަޑި ބަދަލު ކުރުމުގެ އިތުރުން 17 ރޭލު ދަތުރުކުރާ މިސްރާބު ވެސް ބަދަލުކޮށްފައެވެ.

comment ކޮމެންޓް