އީރާން ދަސްކޮށްގެން އެގައުމާ މުއާމަލާތް ކުރުމަށް އީރާނުގެ ރައީސް، އިނގިރޭސި ސަފީރަށް ދަންނަވައިފި

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި އީރާނުގެ ރައީސް، އިނގިރޭސި ސަފީރާ ބައްދަލުކުރައްވަނީ

ތެހެރާން (ސެޕްޓެމްބަރު 27) : އިނގިރޭސިވިލާތުން އީރާނާ މުއާމަލާތްކުރާއިރު އެއްވެސް ވަރަކަށް އީރާނުގެ ދާޚިލީ ކަންކަމާ ނުބެހުމަށް އީރާނުގެ ރައީސް އިނގިރޭސި ސަފީރަށް ދަންނަވައި އީރާނާ މުއާމަލާތް ކުރަންޖެހޭނެ ގޮތްތަކާބެހޭގޮތުން އިނގިރޭސި ސަފީރަށް ޑިޕްލޮމެޓިކް ފިލާވަޅެއް ދެއްވައިފިއެވެ.

އީރާނުގެ އައު ރައީސް އިބްރާހީމް ރައީސީ، އިނގިރޭސިވިލާތުން އެގައުމަށް ކަނޑައަޅާފައިވާ ސަފީރަށް މި ފިލާވަޅު ދެއްވީ އޭނާގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ތެހެރާންގައި ހުންނަ އީރާނުގެ ރިޔާސީ އެކުވެނީގައި ބޭއްވި ރަސްމިއްޔާތުގައެވެ. ފަތްކޮޅު އެރުވުމަށްފަހު އިނގިރޭސި ސަފީރާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކާގައި އީރާންގެ ރައީސް ވިދާޅުވީ އިނގިރޭސިވިލާތަކީ އިންސާނީ ހައްގުތަކުގެ ނަމާއި ޑިމޮކްރަސީ ފަދަ ނަންތައް ބޭނުންކޮށްގެން ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމުގެ ޑިޕލޮމެޓިކް އާދަތައް ގެންގުޅޭ ގައުމެއްކަމަށް އަޑުއައްސަވާފައިވާ ކަމަށާ ނަމަވެސް އީރާނާ މުއާމަލާތް ކުރާއިރު އެއާދަތައް ނުގެންގުޅުމަށް އިލްތިމާސް ކުރަައްވާ ކަމުގައެވެ.

އީރާނަކީ އެގައުމުގެ މިނިވަންކަމާއި އިސްތިގްލާލާއި ސިޔާދަތުގެ ތެރެއަށް އެއްވެސް ނަމެއްގައި ބޭރުގެ ފަރާތްތައް ވަނުމުގެ ފުރުސަތު ނުދޭނެ ގައުމެއްކަން ބަޔާން ކުރައްވަމުން އީރާނުގެ ރައީސް، އިނގިރޭސި ސަފީރަށް ދެންނެވީ އިނގިރޭސިވިލާތް ކަންކަމުގައި ދެކޭގޮތް އީރާނަށް ޑިކްޓޭޓް ކުރަން އޭނާގެ ސަފީރުކަމުގައި އުޅުއްވައިގެން ނުވާނެކަމުގައެވެ. އަދި ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން އީރާން ލައްވައި ގަދަބާރުން ކަންތައް ކުރަން ވެސް އުޅެގެން ނުވާނެކަމަށާ އެގޮތަށް އުޅެގެން އީރާނުގެ ކިބައިން އެއްވެސް ކަމެއް ހާސިލްނުވާނެކަން އީރާނުގެ ރައީސް، އިނގިރޭސި ސަފީރަށް ވަރަށް ޑިޕްލޮމެޓިކް އިބާރާތުން ދެންނެވިއެވެ.

އީރާނުގެ ރައީސް އިނގިރޭސި ސަފީރަށް ދެންނެވި ގޮތުގައި އީރާނަކީ ދަތިކުރުމުގެ ފިޔަވަޅުތަކުން ނޫނީ ފިއްތުންތަކުން އީރާނުގެ އެއްވެސް ސިޔާސަތެއް ބަދަލުނުކުރެވޭނެ ގައުމެއް ނޫނެވެ. އީރާނުގެ ނިއުކްލިޔާ މައްސަލައިންނާއި އެނޫން ކަންކަމުން ޔޫރަޕްގެ ގައުމުތަކަށް މިހާރު އޮންނާނީ މިކަންކަން ވަރަށް ރަނގަޅަށް އެނގި ތަޖުރިބާ ކުރެވިފައިކަންވެސް އީރާނުގެ ރައީސް އިނގިރޭސި ސަފީރަށް ހަނދާން ކޮށްދެއްވިއެވެ.

އީރާނުގެ ރައީސް ވިދާޅުވިގޮތުގައި އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރުން އިސްލާމް ދީނުގައި ވަރަށް ބޮޑުއަހައްމިޔަތެއް ދޭ ކަމެކެވެ. މިގޮތުން އީރާނުން އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރެއެވެ. ނަމަވެސް އެއީ ހުޅަނގުން ގެންގުޅޭ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކާ ޚިލާފު މިންގަނޑުތަކަކަށް ވެދާނެކަމުގައެވެ.

ދެފަރާތުގެ މިންގަނޑުތައް ތަފާތުވިޔަސް އީރާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެގެން ނުވަތަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން ހުޅަނގުގެ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކަށް ބޯލަނބަން އީރާނަށް މަޖްބޫރު ކުރެވިގެން ނުވާނެކަމަށާ އެކަން އެގޮތަށް ކުރުމުގެ ފުރުސަތު އީރާނުން ނުދޭނެކަންވެސް އީރާނުގެ ރައީސް އިނގިރޭސި ސަފީރަށް ދެންނެވިއެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން އިންސާނީ ހައްގުތަކަކީ، އެހެން ގައުމުތަކަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކުރަން ގެންގުޅޭ ސިޔާސީ ހަތިޔާރަކަށް މިހާރު ހަދާފައިވާކަމަށާ އެކަމަށް އީރާން ބޯނުލަނބާނެކަންވެސް އީރާނުގެ ރައީސް އިނގިރޭސި ސަފީރަށް ދެންނެވިއެވެ. މި އުސޫލުތަކުގެ މަތީގައި ހިފަހައްޓައިގެން އިނގިރޭސިވިލާތުން އީރާނާ މުއާމަލާތް ކުރާނަމަ ދެގައުމުގެ ގުޅުންތައް ރަނގަނޅުވާނެކަމަށާ އަދި މައްސަލަތައްވެސް ނުޖެހޭނެކަމަށް އީރާނުގެ ރައީސް ވިދާޅުވިއެވެ.

އީރާނުގެ ރައީސް ގެ ވާހަކަތަކަށް ރައްދު ދެއްވަމުން އިނގިރޭސި ސަފީރު ވަނީ އީރާނާބެހޭ ގޮތުން ގިނަ މައުލޫމާތު ލިބިފައިވާ ކަމަށާ އީރާނަކީ އީރާންކަން ދެކެގެން ބިނާކުރަނިވި ގޮތެއްގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރާނެކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް