ނައިފަރުގައި އައިސް ޕްލާންޓެއް ގާއިމްކުރުމަކީ ރައީސް ސޯލިހުގެ ވައުދެއް ނޫން: މިނިސްޓަރު

މިނިސްޓަރު ހުސެއިން މެންބަރުންގެ ސުވާލަށް ޖަވާބު ދެއްވަނީ-- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

ޅ. ނައިފަރުގައި އައިސް ޕްލާންޓެއް ގާއިމްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދެއް ނޫން ކަމަށް ފިޝަރީސް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ހުސައިން އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަކާ ގުޅިގެންނެވެ. އެގޮތުން އެ މެންބަރު ވަނީ ނައިފަރުގައި އައިސް ޕްލާންޓެއް ގާއިމު ކުރާނެ ކަމަށް މީގެ ތިން އަހަރު ކުރިން ރައީސް ވައުދުވެވަޑައިގަތް ކަމަށާއި ނަމަވެސް އެ ވައުދު ފުއްދާތަން ނުފެންނާތީ ކީއްވެގެންތޯ ސުވާލު ކުރައްވާފައިއެވެ.

މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ރައީސް ސޯލިހު ނައިފަރަށް ކުރެއްވި ކެމްޕެއިނު ދަތުރުފުޅުގައި މަސްވެރިންނާ ބައްދަލުކުރެއްވި ކަމަށާއި އެ ބައްދަލުވުމުގައި އައިސް ޕްލާންޓެއް ބޭނުން ވެގެން އެ ކަމަށް މަސްވެރިން އެދިފައިނުވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކުގެ އޯޑިއޯ ރިކޯޑިން އޮތް ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ނައިފަރު މަސްވެރިން އެދުނު އެންމެ މުހިންމު ކަމަކީ ފެލިވަރުން އައިސް ލިބޭނެ ގޮތެއް ހަމަޖައްސައިދިނުން ކަމަށެވެ.

"ދެން ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި، މަސްވެރިކަމުގެ ދާއިރާގައި ހިމެނޭ ކަންކަމަކީ ސްލިޕްވޭއެއް އެޅުން، އިންޖީނު ރިޕެއާ ސެންޓަރެއް ހެދުން، ޑައިވްކޮށްގެން އެން ހިފުން ފާދިއްޕޮޅުގައި މަނާކުރުން، ލޭނު އަޅައިގެން މަސް ބޭނުމާއި ދާ އަޅައިގެން މަސް ހިފުން ރާއްޖޭގައި މަނާކުރުން،" މިނިސްޓަރު ހުސެއިން ވިދާޅުވިއެވެ.

މަސްވެރިން އެދުނު ބައެއް ކަން ފުރިހަމަކޮށްދެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ފެލިވަރުން ވިއްކާ އައިސް ޓަނުގެ އަގު ހެޔޮކުރެވި، ދާ އަޅައިގެން މަސްވެރިކަން މަނާ ކުރުމާއި ލޭނު އަޅައިގެން މަސްވެރިކަން ކުރުން ވެސް މިހާރު ހުއްޓިފައިވާ ކަމަށެވެ.

ނައިފަރުގައި އައިސްޕްލާންޓެއް ގާއިމްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއް ނޫން ކަމަށް މިނިސްޓަރު ހުސެއިން ވިދާޅުވުމުން ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ވަނީ އެކަމާ ވަރަށް ހިތްހަމަޖެހިވަޑައިނުގަނެ އަޑު ގަދަކުރައްވާފައެވެ.

ޝިޔާމް ވިދާޅުވީ ރައީސް ސޯލިހު އައިސް ޕްލާންޓެއް ގާއިމްކޮށްދޭނެ ކަމަށް ވިދާޅުވީ އެންމެ ފަހަރަކު ނޫން ކަމަށެވެ.

"ފެލިވަރުން އުފައްދާ އައިސްއަކުން ނުވޭ. ރަނގަޅަށް މަސް ބާނަން ފަށައިފިއްޔާ ފެލިވަރުން ދޫކުރާ އައިސް، ދޫކުރާ ގޮތް އެނގޭނެ މަސްވެރިންނަށް. ފެލިވަރުން އައިސް ހޯދަނީ ނައިފަރުން އެކަންޏެއް ނޫން،" ޝިޔާމް ވިދާޅުވިއެވެ.

ނައިފަރުގައި އައިސްޕްލާންޓެއް އެޅުމަކީ ރައީސް ސޯލިހުގެ ވައުދެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއިރު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނު ތެރޭގައި، 2019 ވަނަ އަހަރު ނިމެންވާއިރަށް ނައިފަރުގައި އައިސްޕްލާންޓެއް ގާއިމްކޮށްދެއްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވައުދުވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް