އެމްޑީޕީ ސަރުކާރުގައި ޒުވާނުން ޖެހެނީ ގޮނޑު ހޮވައިގެން ކައިބޮއެ އުޅެން: އާދަމް ޝަރީފް

އާދަމް ޝަރީފް އުމަރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ގައުމު ހިންގުމުގައި ޒުވާނުންގެ ބައިވެރިވުން ނުގެންގުޅޭ އަދި ޒުވާނުންނާ މެދު އިހުމާލުވާ ސަރުކާރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިރޭ ޕީޕީއެމްއިން ބޭއްވި ޖަލްސާގައި މި ސަރުކާރަށް ފާޑު ވިދާޅުވަމުން އާދަމް ޝަރީފް ވިދާޅުވީ މި ސަރުކާރުން ޒުވާނުންނާ މެދު އިހުމާލުވެފައިވާ މިންވަރު މިއަދު ޒުވާނުން ތިބި ހާލުން އެނގިގެންދާ ކަމަށެވެ.

"ރައީސް ޔާމީން ގަބޫލްކުރައްވާ ގޮތުން ގައުމުގެ ހަކަތަ އަކީ ޒުވާނުން. އެއްވެސް ހާލެއްގައި ޒުވާނުންނަކީ ގޮނޑު ހޮވައިގެން ކައިބޮއެ އުޅެން ޖެހޭ ބަޔަކަށް ރައީސް ޔާމީން ގަބޫލެއް ނުކުރައްވާ. އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުން ޒުވާނުންނަކީ މިގައުމުގެ އެންމެ ވަރުގަދަ ރައުސުލްމާލް. ރައީސް ޔާމިން މަސައްކަތް ކުރެއްވީ ގައުމު ތަރައްގީ ކުރުމުގައި އެންމެ ވަރުގަދަ އާރުކާޓީ އެއްގެ ގޮތުގައި ޒުވާނުން ތެދުވުމަށް. އެހެންނަމަވެސް އެމްޑީޕީ ސަރުކާރަކީ ޒުވާނުންގެ އެއްވެސް ބައިވެރި ވުމެއް ނުގެންގުޅޭ ސަރުކާރެއް،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ސަރުކާރާއި ރައީސް ޔާމީންގެ ސަރުކާރާ އަޅާކިޔުމުގެ ގޮތުން އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދެއްވި ކަމަށެވެ. އަދި ޕީޕީއެމްގެ ސަރުކާރާއި މި ސަރުކާރާ ދެމެދު "ހާހަކާއި ސުމެއްގެ" ފަރަގު ހުރިކަމަށެވެ.

އެގޮތުން އާދަމް ޝަރީފް ފާހަގަ ކުރެއްވީ ރައީސް ޔާމީންގެ ސަރުކާރުން އެތައް ހާސް ސްކޮލާޝިޕްތަކެއްގެ އިތުރުން އެކި ކަހަލަ ވިޔަފާރީގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ މަގު ޒުވާނުންނަށް ފަހި ކޮށްދެއްވި ކަމަށެވެ.

މީގެ އިތުރުން، އެންޓަޕްރެނުއާޝިޕްގެ ގޮތުގައި ވިޔަފާރީގެ ތެރެއިން ހުނަރުތަކާއި އެކި ކަހަލަ ތަރައްގީގެ މަސައްކަތްތަކުގައި ޒުވާނުންނަށް ބައިވެރި ވެވޭނެ މަގު ރައީސް ޔާމީން ފަހިކޮށްދެއްވާފައިވާއިރު އެމްޑީޕީ ސަރުކާރުން ޒުވާނުންނަށް އެއްވެސް ކަމެއްކޮށް ނުދޭ ކަމަށް އާދަމް ޝަރީފް ތުހުމަތު ކުރެއްވިއެވެ.

ހަމައެއާއެކު ރައީސް ޔާމީންގެ ސަރުކާރުގެ ފުރިހަމަ ކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން އާދަމް ޝަރީފް ވިދާޅުވީ ގައުމަކަށް ތަރައްގީގެ ގޮތުންނާއި އެނޫންވެސް ގޮތް ގޮތުން ގެނެސްދޭން ޖެހޭ ކުރިއެރުންތައް އެ ސަރުކާރުގައި ގެނެސްދިން ކަމަށެވެ. އަދި ރައީސް ޔާމީން ގައުމަށްޓަކައި ވީ ގުރުބާނީ އަކީ ތާރީހު ބަދަލު ކުރަން އުޅުނަސް، ދުވަހަކުވެސް ފުހެވިގެން ދާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމިން ޝަރީއަތެއްގައި އުޅުއްވަމުންވެސް، ސާފް ޗެމްޕިއަންޝިޕާ ގުޅިގެން ދިވެހި ރައްޔިތުންނަށާއި ދިވެހި ފުޓުބޯޅަ ޓީމަށް ހިތްވަރު ދެއްވި ނަމަވެސް މިސަރުކާރުން ދިވެހި ފިޓުބޯޅަ ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން އެއްވެސް ބަހެއް ވެސް ބުނެފައި ނުވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

comment ކޮމެންޓް