އަންހެން ޓީމުގެ ޑިވެލޮޕްމެންޓަށް ކުރަން ޖެހޭ ދަތުރު ސާފުވެއްޖެ: ޑުންގާ

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އަހުމަދު ޝާރީފް އާއި އެ އިދާރައިގެ ރައީސް ބައްސާމް އަދީލް ޖަލީލް ---

އޭއެފްސީ ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައި ކުޅުނު މެޗުތަކުން ނުކުތް ނަތީޖާތަކުން ގައުމީ އަންހެން ޓީމު މި ފެންވަރުގެ މުބާރާތެއްގައި ވާދަކުރުމަށްޓަކައި ކުރަން ޖެހޭ ދަތުރު ސާފު ވެއްޖެ ކަމަށް ޓީމުގެ ކޯޗު އަހުމަދު ޝަރީފް (ޑުންގާ) ބުނެފިއެވެ.

ގައުމީ އަންހެން ޓީމުން ކޮލިފައިންގްގައި ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފައެވެ. ފުރަތަމަ މެޗުގައި ވިއެޓްނާމާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 0-16އިންނެވެ. ދެވަނަ މެޗުގައި މިއަދު ތަޖިކިސްތާން އަތުން ބަލިވީ 0-4 ގެ ނަތީޖާއަކުންނެވެ. މި ދެ ބައްޔާއެކު މުބާރާތަށް ކޮލިފައި ނުވެ ރާއްޖެ ވަނީ ކަޓައިފައެވެ.

ޒުވާން ގިނަ ކުޅުންތެރިންތަކެއް ގޮވައިގެން މިފަހަރުގެ ކޮލިފައިންގަށް ދިޔަ އަންހެން ޓީމުގެ ހެޑް ކޯޗުގެ ޒިންމާއާ ހަވާލުވެހުރި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އަހުމަދު ޝަރީފް (ޑުންގާ)އެވެ. އެސިސްޓަންޓް ކޯޗުންނަށް ތިބީ ގައުމީ އަންހެން ޓީމުގެ ކެޕްޓަނެއްގެ ޒިންމާ މީގެ ކުރިން އަދާކުރި ދެ ކުޅުންތެރިން ކަމަށްވާ ފަދުވާ ޒާހިރު އާއި މަރިޔަމް މިރުފަތު އެވެ.

މިއަދުގެ މެޗަށްފަހު ޑުންގާ "ސަން"އާ ވާހަކަ ދައްކަމުން ބުނީ ކުރީ މެޗާއި ޙިލާފަށް މިއަދުގެ މެޗުގައި ޓީމުން ދެއްކި ކުޅުން ރަނގަޅު ކަމަށާއި، މިއަދުގެ މެޗުގައި ގޯލު ޖަހަން ޗާންސްތަކެއް އުފެއްދި ކަމަށެވެ.

"މިއަދުގެ މެޗުގައި ހަތަރު ޗާންސެއް ޓީމުން އުފެއްދި. ހަމަ ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނީ. އެކަމަކު ވަރަށް ތަޖުރިބާ މަދު ކުޅުންތެރިންތަކެއް ފޯވާޑް ލައިންގައި ވެސް ތިބީ. 16 އަހަރާއި 18 އަހަރުގެ ކުޅުންތެރިން ވެސް އެބަތިބި. އެހެންވެ އެ ފުރުސަތުތަކުގެ ބޭނުން ނުކުރެވުނީ އެންމެ ރަނގަޅަށް،" ޑުންގާ ބުންޏެވެ.

ޑުންގާ ބުނީ ކޮލިފައިންގް މެޗުތަށް ކުޅުމަށް ތަޖިކިސްތާނަށް ދިޔަ ޓީމު، މެނޭޖްމެންޓާ އެކު އެއްކޮށް ފުޑް ޕޮއިޒަން ވުމުގެ ސަބަބުން ހާލަތު ގޯސްވެފައިވާ ކަމަށެވެ. އަދި ތަނުގެ ފިނި ހޫނުމިނަށް ކުޅުންތެރިން ފިޓު ނޫންކަން ޑުންގާ ވަނީ ފާހަގަ ކޮށްފައެވެ.

"އާއްމުކޮށް އަޅުގަނޑުމެން ކައި އުޅޭ އެއްޗެއްސެއް ނޫން ހުންނަނީ. ވަރަށް ތެޔޮ ގިނަ. ތެޔޮ ގިނަކޮށް ނުކާން ބުނެފަ އޮންނަނީ. އެހެން ފަހަރުތަކުގައި ކުޅުންތެރިން ގެންނާނެ ރަށުން އަންނަ އިރު ކާން ބޭނުން ކުރާ ސާމާނު. މިފަހަރު އެކަން އޮތީ މަނާކޮށްފައި، އެހެންވީމަ ވަރަށް އުނދަގޫ ހާލަތެއްގައި އަޅުގަނޑުމެން މިތިބީ،"

މިފަހަރުގެ ކޮލިފައިންގްއަކީ 2019 ވަނަ އަހަރު ނޭޕާލްގައި އޮތް ސައުތު އޭޝިއަން ގޭމްސްއަށްފަހު ގައުމީ އަންހެން ޓީމުން ކުޅުނު ފުރަތަމަ އޮފިޝަލް މެޗުތަކެވެ. އެ މުބާރާތުގައި އެ ޓީމުން ލޯ މެޑަލް ހޯދި އިރު، މިފަހަރުގެ މެޗުތަކަށް އައިސްފައިވަނީ ޖުމުލަކޮށް ޒުވާން ސްކޮޑެކެވެ.

"ވަރަށް އާ ކުދިން އެބައުޅޭ ޓީމުގައި. އެއްވެސް ވަރަކަށް ބޭރަށް ދަތުރު ވެސް ނުކުރާ ކުޅުންތެރިން. އެކުދިންނަށް ތަޖުރިބާ ބޭނުންވޭ. ގިނަ މެޗުތަކެއް ކުޅެގެން ތަޖުރިބާ ލިބޭނީ. މިހެން ހަމަ މުބާރާތަކަށް އައިސް ނަތީޖާ ނުނެރެވޭނެ. މި މެޗުތަކުން ލިބުނު އެންމެ ބޮޑު ފިލާވަޅަކީ މި ފެންވަރުގެ މުބާރާތެއް ކުޅުމަށް އަޅުގަނޑުމެން ކުރަން ޖެހޭ ދަތުރު އިނގި ސާފުވުން."

comment ކޮމެންޓް