ސާފްޗެމްޕިއަންޝިޕަށް އެމްއެންޔޫއެސްޔޫގެ ފޯރިގަދަ ބޮޑުބެރު ލަވައެއް!

އެމްއެންޔޫއެސްޔޫއިން ސާފްޗެމްޕިއަންޝިޕަށް ނެރުނު ބޮޑުބެރު ލަވައިގެ ތެރެއިން -- އެމްއެންޔޫއެސްޔޫ މީޑިއާ

ކުރިއަށް އޮތް ސާފްޗެމްޕިއަންޝިޕާ ދިމާކޮށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ)އިން ބޮޑުބެރު ލަވައެއް ނެރެފިއެވެ.

އެމްއެންޔޫއެސްޔޫއިން ސާފުޗެމްޕިއަންޝިޕާ ދިމާކޮށް ތައްޔާރު ކުރި މި ބޮޑުބެރު ލަވަ ނެރެދިނީ މިރޭ ގައުމީ ޔުނިވާސިޓީގެ ޕީއީ ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) އާއި ޖަމިއްޔާތަކުގެ ރަޖިސްޓްރާ އަހްމަދު އިރާޝްއެވެ.

އެމްއެންޔޫއެސްޔޫއިން މިރޭ ނެރުނު ލަވައިގެ ނަމަކީ "ދިދަ ވިހުރުވޭ ވިހުރުވޭ" އެވެ. މި ލަވައިގެ ޅެން ހައްދަވައިފައިވަނީ ދިވެހިބަހުގެ އެކަޑަމީގެ ކުރީގެ ރައީސް އަޝްރަފް ޢަލީއެވެ. އަދި އެ ލަވައިގެ އޯޑިއޯ ހެދުމުގައި "ޕީކް" އިން އެހީތެރިކަން ފޯރުކޮށްދިން އިރު ވީޑިއޯ ހެދުމުގައި "ވަންޝޮޓް އިވެންޓްސް"އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒްއާއި ޖަމިއްޔާތަކުގެ ރަޖިސްޓްރާ އަހްމަދު އިރާޝް އެމްއެންޔޫއެސްޔޫގެ ލަވަ ލޯންޗު ކޮށްދެނީ -- ފޮޓޯ/ އެމްއެންޔޫއެސްޔޫ މީޑިއާ

މި ރަސްމިއްޔާތަަށްފަހު "ސަން"އާ ވާހަކަ ދައްކަވަމުން ޖަވާ ވިދާޅުވީ ޒުވާން ދަރިވަރުންތަކެއް އިސް ނަގައިގެން މިފަދަ ލަވައެއް ތައްޔާރު ކުރުމަކީ ދިވެހި ހުރިހާ ސަޕޯޓަރުންނަށް ވެސް ނަމޫނާއެއް ކަމަށެވެ. އަދި ފޯރި އިތުރުކުރުމަށް ކުރާ މަސައްކަތްތަކަކީ އެފްއޭއެމުން ވެސް ވަރަށް ބަލައިގަންނަ މަސައްކަތެއް ކަމުގަައި ޖަވާ ވިދާޅުވިއެވެ.

" ފޯރި ނަގާށޭ އަޅުގަނޑު ބުނާނީ. ފޯރި ނަގައިފިއްޔާ ދިވެހި ގައުމީ ޓީމަށް ކާމިޔާބު ލިބޭނޭ. އެއީ 11ވަނަ ކުޅުންތެރިޔާގެ މަސައްކަތަށް ވުރެ ވަކި ދެރަ މަސައްކަތެއް ނޫން 12ވަނަ ކުޅުންތެރިޔާ ވެސް މި ކުރަނީ" ޖަވާ ވިދާޅުވިއެވެ.

މިރޭ ލޯންޗު ކުރި ލަވައާ ގުޅޭ ގޮތުން "ސަން"އާ ވާހަކަ ދައްކަވަމުން އެމްއެންޔޫއެސްޔޫގެ ރައީސް އަބްދުﷲ ޝަހުނީޒް ވިދާޅުވީ ގައުމީ ކޮންމެ ކަމެއްގައި ވެސް އެމްއެންޔޫއެސްޔޫއިން ނަމޫނާ ދައްކާނެ ކަމަށެވެ. އަދި ގައުމީ ކޮންމެ ކަމެއްގައި ވެސް އެމްއެންޔޫއެސްޔޫގެ ފުރިހަމަ ބައިވެރިވުން އޮންނާނެ ކަން ފާހަގަ ކުރައްވަމުން ޝަހުނީޒް ވިދާޅުވީ މި ލަވަ ވެސް މި ނެރުނީ ގައުމީޓީމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށެވެ.

ޝަހުނީޒް ވިދާޅުވީ މި ލަވަ ނެރުމަށް އެމްއެންޔޫއެސްޔޫގެ ބޮޑުބެރު ޓީމުން އަދި މީޑިއާ ޓީމުން ވެސް ވަަރަށް ބުރަ ކޮށް މަސައްކަތް ކުރި ކަމަށެވެ. އަދި ހަމައެއާއެކު މި ލަވަ ނިންމާލެވުނީ ގިނަ ބައެއްގެ އެހީތެރިކަމާއެކުކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

" އަޅުގަނޑު ވަރަށް ޚާއްސަ ޝުކުރެއް އަދާކުރަން ބޭނުން ލަވައިގެ ޅެން ހައްދަވައިދެއްވި އަޝްރަފް ސަރއަށް. އަދި ލަވައިގެ އޯޑިއޯގައި ޕީކް އިން ވެދިން އެހީތެރިކަން ފާހަގަ ކޮށް ޕީކްއަށް. އަދި ހަމައެއާއެކު ވީޑިއޯގައި އެހީތެރިވެދެއްވި "ވަންޝޮޓް އިވެންޓްސް"އަށް ވެސް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން" ޝަހުނީޒް ވިދާޅުވިއެވެ.

އެމްއެންޔޫއެސްޔޫ ބޮޑުބެރު ގުރޫޕަކީ 2019ވަނަ އަހަރު ގައުމީ ޔުނިވާސިޓީގެ ދަރިވަރުންނާއެކު އުފެދުނު ގުރޫޕެކެެވެ. އެ ގުރޫޕުން މިއަހަރުގެ ފިތުރު އީދަށް ވެސް ލަވައެއް ނެރިފައިވާއިރު މިއީ އެ ގުރޫޕުން ނެރުނު ދެވަނަ ލަވައެވެ.

comment ކޮމެންޓް