ޗޮކްލެޓް ކްރަޝް 42

ޗޮކްލެޓް ކްރަޝް

"ކޮންމެ އިންސާނެއްގެ ހަޔާތަކީ ތަފާތު ރީތި ވާހަކައެކެވެ. އެ ވާހަކައިގެ ސަފުހާތަކުގައި ކިތަންމެ ގިނަ ޓްވިސްޓްތައް އަޔަސް ނިމުން ރީތިކުރަން މަސައްކަތްކުރާށެވެ. ދެވަނަ ފުރުސަތެއް ނުލިބޭނެއެވެ. ނިމުން ފުރިހަމަވާނީ ހެއްދެވި ފަރާތާއި އޮތް ގުޅުން ވަރުގަދަވުމުންނެވެ. އެނބުރިދާން ޖެހޭ މަންޒިލަކީ ކޮބާކަން ދެނެގެންނެވެ."

***

"އަނާ ދޮގުނަހަދާ ޔާސީންއަށް ބުނެދީ. ތިހާ ދީންވެރިއިރު ނަސްލު އޮޅުވައިލުމަކީ ކިހާވަރެއްގެ ކަމެއްކަން ނޭގޭތަ؟ ބައްޕައަކީ ކޮންމެފަދަ މީހަކަށްވިޔަސް ދަރިންނަށް އެނގެންވާނެ. ދަރިންނަށް އޮޅުވައިލުމުގެ މާނައެއްނެތް. ޔާސީންއަށް ބައްޕަގެ ހަގީގަތް ކިޔައިދީ. އޭރުން ޔާސީން ގަބޫލުކުރާނެ...."އަރްކާން ޔާސީންގެ އަތަށް ފިތައިލިއެވެ."މަންމަ ދަރިފުޅުގާތުގައި އެހެން ބުނީ މަންމައަށް ނޭގި. ބައްޕަ ސިފައިން ގެންގޮސް ޖަލަށް ލީމަ މަންމައަށް ހީކުރެވުނީ ބަރްޒަޚަށް ދިޔައީއޭ. އެހާ ބޮޑު އެއްޗެއް ދަރިފުޅަށް ބުނެދިންއިރު ބައްޕަ ހައްޔަރުކުރީ ކީއްވެކަން ބުނެނުދިނީމަ ހައިރާންވީ..."

"ކީއްވެ ޖަލަށް ދިޔައީ؟" ކުއްލިއަކަށް ޔާސީން ތުން ފިތައިލިއެވެ.

"މަންމަ ބުނެދޭނެ...."

"ޢަނާ. ލެޓް ހިމް ޑިސައިޑް. ކިތަންމެ ޅަކަމުގައިވިޔަސް ކިހާ އިންޓެލިޖެންޓް. ހީ ވިލް އަންޑަސްޓޭންޑް ކޮންމެވެސް ދުވަހަކުން ފޮގިވްވެސް ކުރާނެ. ސަބަބަކީ ދަރިން ކުރާ ނުބައިކަންތައްތަކުންވެސް މައިންބަފައިން މާފުދޭތީ......." އަރްކާން ޔާސީން އުރައިލިއެވެ. އަދި އަތުތެރޭގައި ބޮނޑިކޮށްލިއެވެ. މޫނުގައި ބޮސްދިނެވެ. އަނާ ދެތިންފަހަރު ފުން ނޭވާތަކެއް ލިއެވެ. ޔާސީންގެ ވިސްނުން ތޫނުކަމުން ދޮގުހަދައިގެން ދެން ސަލާމަތެއް ނުވެވޭނެއެވެ. ދޮގު ހެދުންވެސް އެބުނާހެން ރަގަޅު ނޫންކަމަށް ގަބޫލުކުރެވުނެވެ. ދަރިފުޅުގެ ބައްޕަ އޮޅުވައިލުމަކީ ގޯހެކެވެ. ބައްޕަ ގާތިލަކަށްވިޔަސް އެއީ ބައްޕަ ނޫންކަމަކަށް ނުވާނެއެވެ. އެކަމަކު ބައްޕަ ޖަލަށް ލީ ސީދާ ކީއްވެކަން ބުނެދޭވަރަށްވުރެ އެ ސިކުނޑި އަދި ޅައެވެ.

އެދުވަސްކޮޅު އަރްކާން ޔާސީންއާއި ގުޅުން ބަދަހިކުރަން މަސައްކަތްކުރިއެވެ. ދަރިފުޅާއެކު ވަގުތުތައް ހޭދަކޮށް ހަނދާންތައް ހިތުގައި ރައްކާކުރިއެވެ.

އޭރު އަނާ ދިޔައީ އަރްކާން ހައްޔަރުކުރުވާ މައްސަލަ އަލުން ބަލަން ނޯއާއަށް ބާރު އަޅަމުންނެވެ. އަރްކާން އެހާ ފަސޭހައިން ޖަލުން ސަލާމަތްވެ މުޖުތަމައުގައި ހުންނަތަން ފެނުމުން ޔަހްޔާއާއިމެދު މާ ބޮޑަށް ވިސްނެނީއެވެ. ޔަހްޔާގެ ޒުވާން އުމުރުކުރުކޮށްލާފައި އަރްކާން އުފަލުގައި އުޅުނަ ދީގެން ނުވާނެއެވެ. ގާތިލުންނަށް ހައްގު އަދަބުލިބެން ޖެހޭނެއެވެ.

އަރްކާން ދެވަނަފަހަރަށް ހައްޔަރުކުރެވި އުމުރަށް ޖަލަށް ލެވުނެވެ.

އޭނަ ޖަލުގައި ދަރުސްދީ އިލްމު އުނގެނުމުގެ މަސައްކަތްފެށިއެވެ. ބައެއްފަހަރު އިންސާނާއަށް ތެދުމަގު ލިބެނީ އެފަދަ ހާލަތެއް މެދުވެރިވެގެންނެވެ. އަރްކާންގެ ދިރިއުޅުން ބަދަލުކޮށްލީ ޖަލުގެ ތޭރިތަކެވެ. އަނާއާއި ދަރިފުޅުދެކެވީ އަމިއްލަ އެދުމެއް ނެތް ލޯތްބާއި އެއިހުސާސްތަކެވެ.

***

ޗޮކްލެޓް ބޮކްސް ކޮޓެޖްތައްހެން ހަދާފައިވާ "ޗޮކްލެޓް ވައިބްސް" ރެސްޓޯރެންޓްތަކަށް ލިބޭ ތަރުހީބު ބޮޑުވެފައި އަބަދުހެން އެތަންތަން އޮންނަނީ ފުރިފައެވެ. އާއިލާތަކަށް ވަކިން ތިބެވޭ ކެބިންތައް ހުރުމާއެކު ހިތްގައިމުކަމުގެ ދެވަނައެއް ނެތެވެ. ނޯއާގެ ވިޔަފާރި ފުޅާވެ ދުނިޔޭގެ އެހެން ތަނުގައި ބޮޑެތި ރެސްޓޯރެންޓްތަކާއެކު ހޮޓެލްތައް ހުޅުވިޔަސް އޭނަގެ އެންމެ ޚާއްސަ ގުޅުން އޮތީ އަމިއްލަ ފަސްގަނޑުގައެވެ.

ނައިނާ ކައިވެނި ފަސްކުރަން ބޭނުންވީ ވަކި މުއްދަތެއްނެތިއެވެ. ނާޔަލްގެ ހިތާމަވެރި ނިމުމަށްފަހު އަހަރެއްހާ ދުވަސްފަހުން ނޫނީ ހަޔާތުގެ އެހާ މުހިއްމު ނިންމުމެއް ނިންމަން ނައިނާގެ ހިތް ނޭދުނީއެވެ.

***

ނަރުގިސްއަށް ކަޒްޔާ ފެނުމުން އުފާކުރަންވީކަމެއް ރޯންވީކަމެއް ނޭގުނެވެ. މާލެއައުމަށްފަހު ދަރިފުޅު އެގޮތަށް ބައްދަލުކުރަން އައިސްދާނެކަމަކަށްވެސް ހިޔެއް ނުކުރެއެވެ. އޭނައަށް ކަޒްޔާއާއިމެދު ކަންތައް ކުރެވުނީ އިންސާފަކުން ނޫނެވެ.

"މަންމައަށް ހަދިޔާއެއް ގެނައިން..." ކަޒްޔާ ފްރޭމަކާއެކު ޕާރުސަލެއް ދިނެވެ.

"ކަޒްޔާ ކޮންތާކު އުޅެފައި ތިއައީ؟ ކިހިނެއް އާދެވުނީ؟ " ނަރުގިސްގެ އެތައް ސުވާލެއް އެއްފަހަރާ ކުރިމަތިވިއެވެ. ކަޒްޔާ ބުނީ އަފްގާނިސްތާނަށް ކައިވެންޏަކަށް ދިޔަގޮތަށް އެތަނުގައި ހައްޔަރުވީކަމަށާއި ހާލަތު ބަދަލުވަމުން އައިސް މާތްﷲގެ ރަހުމަތާއެކު ރާއްޖެ އާދެވުނީކަމުގައެވެ. އެމީހުންނަކީ ނިރުބަވެރިން ނޫންކަމަށެވެ. ކޮންމެ މީހެއްގެ ވާހަކައާއި އިހުސާސްތައް ކިޔައިދެވޭނީ އެމީހަކު އަމިއްލައަށް ކަމަށާއި އަމަންގެ ހަގީގަތް އޭނައަށްވެސް ނޭގޭކަމުގައެވެ. އަމަންގެ މުސްތަގުބަލްވަނީ ރާއްޖެއަކު ނޫންކަމަށް އޭނަ ގަބޫލުކުރާ ސަބަބުވެސް އެނގޭނީ އޭނައަށް ތާއެވެ.

ކަޒްޔާ އޭނަގެ އިންޓަވިއު އެއްވެސް މީހަކަށް ދޭން އެއްބަހެއްނުވިއެވެ. އިސްލާމްދީނުގައި މަންމަގެ މަގާމު ދެނެހުރުމުން ކަޒްޔާ އޭނަގެ މަންމަގެ ހުރި އުނި ސިފަތަކާއެކުގައިވެސް މަންމައާއިމެދު ކަންތައްކުރީ އޯގާތެރިކޮށެވެ. މަންމައާއެކު ކެއުމަކަށްދިޔައެވެ. ނަމަވެސް އޭނަ ދެކޮޅުހެދީ އިންޓަވިއުތަކާއެވެ.

***

ހަލީމާވެސް ހިތްދަތި އެތައް ތަޖުރިބާއެއް ކުރެވުމަށްފަހު މާމައަށް އެހީވާން އުޅެނީ ރަށުގައެވެ. މާމަ ފެންވަރުވާ އެހީތެރިވާން އައިސް އެތައް އިރެއްވާންދެން އަނގަތަޅަން އިންނާނެއެވެ. ދަރިފުޅު ސޯފިޔާ ފިލްމުކުޅެން ފެށުމުން ހަލީމާ ހިތްހަމަނުޖެހި ވާހަކަދެއްކުމުން ދެބަސްވެފައިގޮސް ލޯބިވެރިޔާއާއެކު ދިރިއުޅެން ފެށުމުން އެ މަންޒަރު ދެކެން ކެތްނުކުރެވުނީއެވެ. އާދޭސްކުރީމަވެސް ސޯފިޔާ ގަބޫލެއްނުކޮށް މަންމަ މޫނުމަތީގައި ދޮރުޖެހީއެވެ. މަންމައެއްގެ މަގާމާއި މާތްކަން ސޯފިޔާއަށް ނޭގުނީ އޭނައަށް އަމިއްލަ މަންމައާއި ދޭތެރޭ ކަންތައް ކުރެވުނުގޮތުން ކަމަށް ގަބޫލުކުރެވި ބާކީ އޮތް ދުވަސް އޭނަގެ މަންމައަށް ޚިދުމަތްކުރަން އަޒުމް ކަނޑައަޅައިގެން ރަށަށް ބަދަލުވިއެވެ.

ހަލީމާ މާމަ ފެންވަރުވާ ނިމުމުން ކަޒްޔާ ފުނާއަޅުވާ މާމަ އެންމެ ލޯބިކުރާ ކާށިތެޔޮ ލައްވާދީ ފުށްވެސް ޖަހައި ޒީނަތްތެރިކޮށްދެއެވެ. އަތަރުލައްވާދެއެވެ. އެހުރިހާކަމެއް ކަޒްޔާވެސް ކޮށްދެނީ ނިކަން ލޯބިންނެވެ.ކަޒްޔާ ބޭނުންވީ މާމަ އުރައިލާށެވެ. އުމުރުން ދުވަސްވެ ކަށިތައް ބަލިކަށިވެ މާމަ ކުޑަކުއްޖެއްހާ ކުޑަވެއްޖެއެވެ. ކަށިތައް ފީވެ ގުދުވެ އަސާގަނޑު ޖަހައިގެން ކިރިޔާ ހިނގޭކަމެވެ.

"މާމާ. ދެން އިރާދަކުރެއްވިއްޔާ ދުވަހަކުވެސް މާމަމެން ދޫކޮށްފައި ނުދާނަން. މަރުވާންދެންވެސް ދިރިއުޅޭނީ މާމައާއެކުގައި..ވަރަށް ލޯބިވޭ....." ކަޒްޔާ މާމަގެ ކޯތާފަތަށް ބޮސްދިނެވެ. އަދި މޫނާއި މޫނު ޖައްސާލައިގެން ސެލްފީއެއްނެގިއެވެ. އަދި ބައްޕައާއި ހަލީމާވެސް ގެނެސް އެންމެން އެކީ ނިކަން ހިނިތުންވެލައިގެން ސެލްފީތައް ނެގިއިރު ކަޒްޔާގެ ދެލޯ ވިދައެވެ. އާއިލާއާއެކީ އުޅެން ލިބުމުން އުފަލުން މޮޔަވާވަރުވިއެވެ. އެތައް ފަހަރު ﷲއަށް ހަމްދުކުރެވުނެވެ.

***

އަޒާލިއާއާއި ކަޒްޔާއާއި ދެކުދިން ބައްދައިލިގޮތަށް އިރުކޮޅެއްވާންދެން ތިބެވުނެވެ. ލިބިފައިވާ އުފާވެރިކަން އެ ތެތްވެފައިވާ ލޯތައް ހެކިދިނެވެ. އުފާވެރިކަމުގެ ކަރުނައިން ވިދާ ބަބުޅާ ލޯތަކެވެ. އެތައް ޒަމާނެއްފަހުން އެންމެ ގާތް އެކުވެރިޔާއާއެކު އެންމެ ލޯބިވާ އެއް މަންޒިލުން ދިމާވެވިއްޖެއެވެ. ދެކުދިންގެ ގަނޑުފެންކޮޅެއްފަދައިން ފިނިވެފައިވާ އަތްތިލަ ގުޅުވާލައިގެން އިރުގަނޑެއްވާންދެން އެކި ވާހަކަތައް ދައްކަމުންގޮސް އޯޑަރުވެސް ކޮށްލިއެވެ. ޗޮކްލެޓް މިލްކްޝޭކާއި ޕިއްޒާ އަދި ޗޮކްލެޓްކާން ތިބިއިރު އިތުރު އެއްވެސް ޚިޔާލެއްނެތް ފަދައެވެ. ކަޒްޔާ އަނގަޔަށް ބޮޑު މާ ސިންގާ ޗޮކްލެޓް ގަނޑެއްލިގޮތަށް ވާހަކަދައްކަން ފެށުމުން "ވަރަށް ކިއުޓް" އޭ ކިޔާފައި އަޒާލިއާ އަވަހަށް ދެކުދިން އެއްކޮށް ސެލްފީ ނެގިއެވެ.

އެވަގުތު ދުރުން ނޯއާ އަންނަތަން ފެނިފައި ކަޒްޔާގެ ހިތް ރޭހެއް ޖަހައިލިފަދައެވެ. ހިތުގެ ވިންދު އަވަސްވެގަތް ގޮތަށް އުފާވެރިކަމުގެ ރަތްކުލަ މޫނަށް ވެރިވިއެވެ. އުފަލުގެ އެންމެ މަތީ މިންވަރަށް ލިބުނު އުފަލާއެކު ނޯއާއާއި ދިމާލަށް ދުއްވައިގަނެވުނެވެ. ނޯއާ ހުއްޓުނުގޮތަށް ފަހަތަށް ޖެހިލިތަން ފެނިފައި ކަޒްޔާގެ ހިނިތުންވުން ފަނޑުވިއެވެ.

"ސޮރީ...އައި ވޯޒް އެކްސައިޓެޑް.ކިރިޔާ ހަގް ނުކުރެވުނީ..." ކަޒްޔާ މައިނޭވާއެއް ލިއެވެ. ރަގަޅަށް ވާހަކަވެސް ނުދެއްކުނެވެ.

"ކަޒްޔާއަކީ މަގޭ ވައިފް ނޫންކަން ހަނދާން ނެތުނީތަ؟އަހަރެން މިއުޅެނީ މެރީކުރާށޭ......" ނޯއާ ދުރަށް ބަލަންފެށީ ފަރުވާކުޑަގޮތަކަށެވެ.

"އޯ....ހޫމް ހަދާންވޭ...."ކަޒްޔާ ގެ ލޮލުގައިވި އިހުސާސްތައް ވަގުތުން ފޮރުވުމުގައި ކާމިޔާބުކުރިއެވެ. އޭނައަށް ނޯއާގެ އެ ޖަވާބުން އެއްވެސް އުދަގުލެއް ނުވިކަން އަންގަން އޭނަ ބޭނުންވިއެވެ." ކޮންގްރާ ނޯއާ....."

އިތުރަށް މަޑުކުރުމެެއް ނެތި އަވަސް ފިޔަވަޅުތަކެއްގައިގޮސް އޭނަގެ ސީޓުގައި އިށީނެވެ. އަޒާލިއާއަށް އާދެވުނުއިރު ކަޒްޔާ ދެހޮޅި އަނގައިގާ ޖަހައިގެން ހޮޓް ޗޮކްލެޓް ދެތަށި އެއްފަހަރާ ބޯލަނީއެވެ. އޭނައަށް ރަގަޅަށް ބަލައިލެވުނުއިރު ކަޒްޔާގެ ލޮލުން ކަރުނަ އޮހެނީއެވެ. އެކަމަކުވެސް އޭނަ ހިނިތުންވަނީއެވެ.

"ރޮނީތަ ޔާޔާ؟" އަޒާލިއާ ކަންބޮޑުވިއެވެ.

"ނޫން...." ކަޒްޔާ ޖަވާބުދިނެވެ.

ކަޒްޔާއަށް ހިފަހައްޓައިލެވުނީ އިރުގަނޑަކަށެވެ. ހިތްފުރެންދެން ރޯލެވުނެވެ. އޭނަ ހަމަޔަކަށް އެޅެންދެން އަޒާލިއާވެސް ހިމޭނުން އިނެވެ. ކަރުނައިން ސްޓްރެސް ފިލުވައިދޭނެއެވެ.

"އަހަރެން ހީކުރީ ނޯއާ އިންތިޒާރުކުރާނެކަމަށް...." ކަޒްޔާގެ އަޑު މަޑުކަމުން ކިރިޔާ އަޒާލިއާއަށް އިވުނުކަމެވެ. އެޖުމްލައިގާ އެތައް އިހުސާސްތަކެއްވިއެވެ. ހިތާމައިން ފުރިފައިވާ ހިތްދަތި ޖުމްލައެކެވެ. ކަޒްޔާގެ ހިތުގައިވާ އުއްމީދުގެ އެންމެ ފަހު ކަނިވެސް ނިވި އަނދިރިކަމުގެ ތެރެއަށް ގެނބިއްޖެއެވެ. އަންހެންކުއްޖެއްގެ ހިތް ހަލާކުވާނީ އެހާވަރަށް ކަންނޭގެއެވެ. އަޒާލިއާގެ ލޮލަށްވެސް ކަރުނަ ޖަމާވިއެވެ.

***

ރޭގަނޑު ކެއުމަށް ނޯއާ ކާކޮޓަރިއަށް ވަންއިރު މައިންބަފައިންނާއި ކާފަ މާމަ ހީނާ ޒޭވިއާ އަދި އަންހެންކުދިންކޮޅުވެސް އޭނަގެ އިންތިޒާރުގައި ތިއްބެވެ. ނޯއާ ފެންވަރާލައިގެން އައުމުން ތާޒާވެފައި މޫނު ކުރިއަށްވުރެ އައްޔެވެ. ހުދު ޓީޝާޓަކާއި ނޫކުލައިގެ ޖިންސެއްގައި ހުރުމުން ވަކިން ހިތްގައިމެވެ. ދެކެވެމުން ދިޔަ ވާހަކައިގެ ތެރޭ ނައިނާގެ ވާހަކަ ދެއްކުނެވެ. ނޯއާ ބުނީ ނައިނާއަށް ކަޒްޔާ އެނބުރި އައިކަން އެނގޭކަމަށާއި އޭނަ ކަޒްޔާ ވަރިނުކުރާކަން އެނގޭކަމުގައެވެ. ދެއަންބަށް އިންނަން ނައިނާ ގަބޫލުނުވިކަމުގައެވެ. އަމަންއާއި ކަޒްޔާގެ ކައިވެންޏަކީ ހަގީގަތެއް ނޫނެވެ. ދެއްކުންތެރި ދޮގުވެރި ކައިވެންޏެކެވެ. އެންމެން ތިބީ ހައިރާންވެފައެވެ.

"އަޅުގަނޑާއި ކަޒްޔާގެ ގުޅުން ނުކެނޑޭ. އެކަމަކު ދުނިޔޭގެ ނަޒަރުގައި ކަޒްޔާއަކީ އަމަންގެ އަންހެނުން. އެހެންވެ އަމަންވަނީ ކަޒްޔާއަތަށް ސިޓީއެއް ދީފައި. ވަރިކުރިކަމުގެ ލިޔުން. ސޯ އަޅުގަނޑު ބޭނުންވަނީ އަލުން ކައިވެނިކުރަން. ގާނޫނުގައި އޮތް ގޮތަށް......" ނޯއާގެ ހިތް ބަންޑުންކޮށްލިއިރު އެތަނަށް ވެރިވި ހިމޭންކަން ތިލައަކުން ކަނޑައިލެވޭނެހާ ފުންވިއެވެ. ނޯއާ ކަންބޮޑުވީ އޭނަގެ މަންމަ ނުގަބޫލުވާނެތީއެވެ.މަންމަ ނައިނާއާއި ގަބޫލުވަރު އަދި އެކައިވެންޏަށް ކުރި އުއްމީދު އޭނަވަނީ ދެކެފައެވެ.

އަޒާލިއާ އިނީ އަނގަމަތީ އަތް އެޅިގޮތަށެވެ. ކަޒްޔާ ދެރަކޮށްލީ ގަސްތުގައިހެއްޔެވެ؟ އެއީ ނޯއާ ކަޒްޔާއަށް ސަޕްރައިޒެއް ދޭންވެގެން ހެދިގޮތެއްހެއްޔެވެ؟ އޭނަގެ ހިތް ހީވީ ފުންމައިލަފާނެހެންނެވެ.

"އަލްހަމްދުލިﷲ....." އިރުގަނޑެއްފަހުން އަޒާލިއާއަށް ހަޅޭއްލަވައިގެންފާ ފުންމައިގެން ތެދުވެވިއްޖެއެވެ. އުޅެވުނުގޮތުން ލަދުގަތީ ޒޭވިއާގެ ސަމާލުކަން އޭނައަށް ހުއްޓުނުތަން ފެނިފައެވެ. ބިމުގެ އަޑިއަށް ވަންނާނެނަމައޭ ހިތަށް އެރިއެވެ. އުފާވިވަރުން މޮޔަވީވަގުތު ޒޭވިއާ ހުރިކަންވެސް ހަނދާން ނައްތައިލެވުނީއެވެ.

"މަންމަ ވަރަށް އުފާވެއްޖެ..މަންމަ އެގެއަަށް ދަންތަ؟ރަސްމީކޮށް ކައިވެންޏަށް އަހަން......." މާހިރާ ހުރިހާ ދަތްތައް ފެންނަވަރަށް ހީލަމުން ދަރިފުޅަށް ބަލައިލީ ކުލުނުން ފުރިގެންވާ ނަޒަރަކުންނެވެ."މަންމައަށް ކަޒްޔާ ކަމުދޭ. އަނެއްކާ ދަރިފުޅު ބައްޕައާއ އެންމެ ގާތް އެކުވެރިޔާ ގެ ގުޅުން ބަދަހިވާނެ. އަލްހަމްދުލިﷲ..ދަރިފުޅުމެންގެ ގުޅުމަށް ބަރަކާތް ލައްވާށި......"

އެންމެންގެ ފަރާތުންވެސް ހީނުކުރިވަރަށް ތާއީދު ލިބުނެވެ.

"އެކަމަކު ކަޒްޔާއަށް ސަޕްރައިޒެއް ދޭނީ.ލޫލޫވެސް އިހަށް ނުބުނައްޗޭ...."

"އިންޝާﷲ. .."އަޒާލިއާ އަދަބުވެރިކަމުގެ މިސާލެއްހެން ހިމޭނުން އިނެވެ. ޒޭވިއާގެ ތުންފަތްމައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ސިއްރު ނަޒަރަކުން އެންމެ ފަހަރަކު ބަލައިލިގޮތަށް އޭނަވެސް ޝައިތާނާގެ މައްޗަށް ގަދަވެގަތެވެ. އަލުން އޭނަގެ މިލްކަކަށް ވުމުން ނޫނީ އަޒާލިއާއަށް ބަލާކަށް އޭނަގެ ސާފު ތާހިރު ހިތެއްވެސް ނޭދުނެވެ.

***

"ކޮންމެވެސް މީހަކު އެބަހުރި ދަރިފުޅުގެ ކެލިގްރާފީ ދެކެން އައިސް...." ހަނަފީ ކަޒްޔާއަށް ގޮވައިލުމުން ކަޒްޔާ ނިކުމެ ބަލައިލިއެވެ. ޔޫރަޕް ވައްތަރު ޖަހާ ދެމީހުންނެވެ. ކަޒްޔާ އަހައިލުމުން އެނގުނީ ތުރުކީ ވިލާތުގެ މީހުން ކަމެވެ. އެމީހުން ގެސްޓްހައުސްއަކަށް އައިތަނުން ކަޒްޔާގެ ކެލިގްރާފީއެއް އެތާ ރިސެޕްޝަނުން ފެނިގެން ލޮލުގައި އަޅައިގަތީއެވެ. ކަޒްޔާ ވަރަށް އުފާވެފައި އޭނަ ފުރިހަމަކުރި ކެލިގްރާފީތައް ގެނެސް އެދެމަފިރިންނަށް ދައްކަން ފެށިއެވެ. އެމީހުން ނެގީ ދެ ފްރޭމެވެ. ކޮންމެ ފްރޭމެއް އެއްހާސް ޑޮލަރަށެވެ. ކަޒްޔާ ﷲއަށް ހަމްދުކުރިއެވެ."މާމަ ހަލީމާއްތަ އަދި ބައްޕަ ހައްޖަށް ފޮނުވުން މި ފައިސާ ރައްކާކުރާނީ..."

ކެލިގްރާފީގެ މަސައްކަތް އޭނަ ކުރަނީ ނިކަން ގަޔާވެ އެކަނި އިނދެއެވެ.

***

އެތައް އިރެއްވާންދެން މަސައްކަތުގައި އިންއިރު ބޭރުތެރެއިން ބަޔަކު ވާހަކަދައްކާ ތަންކޮޅެއް އަޑުގަދަވިހެން ހީވިއެވެ. މާހިރާއާއި ހީނާގެ އަޑު އިވުނުހެން ހީވުމުން ނިކުންނާން އުޅެފައިވެސް ހެޑްސެޓް އަޅައިގެން ގުރުއާނުގެ އަޑު އަހަން ފެށުމާއެކު މުޅިން އެހެން އާލަކަށް ދެވުނެވެ. ފަހުން ނިކުމެ ހަލީމާއްތައާއި ސުވާލުކުރުމުން ހެވި ދިއްލިފައި އިނދެ ބުނީ އަވަށްޓެރިން ވީމަ ޒިޔާރަތްކުރަން ވާނެ ކަމަށާއި އެ އާއިލާއަކީ އެންމެ ހިތްހެޔޮ އަވަށްޓެރިންކަމުގައެވެ. ތައުރީފުގެ ކޮޅެއް ނެތެވެ. ހަލީމާއްތަގެ ތުންފަތްމައްޗަށް ދަތްޕިލާ ނާރާ އެންމެ ހިނދުކޮޅެއްވެސް ނާދެއެވެ. އެހާ އުފާވެފައި ހުރީ ކޮންކަމަކާހެއްޔެވެ؟

***

އަޒާލިއާއާއި ކަޒްޔާ ދޮންވެލިގަނޑުމަތީގައި ކުއިލްޓް ފަތުރާލައިގެން ތިބިއިރު ދެކުދިންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ޕިކްނިކަ ވަށިގަނޑުގައި ތަފާތު ވައްތަރުގެ ފޮނި އެއްޗެއްސާއި ކުޅި އެއްޗެހި އަދި ކޮފީއެވެ. ހޯމްމޭޑް ޗޮކްލެޓް ދަޅެއްވެސް އޮތެވެ. އަޒާލިއާ އެ ދަޅު ކެނޑިއެވެ."ބަބްލްސް" އެއްފަރާތުގައި ބޯޅައަކާއި ކުޅެން ނިކަން ގަޔާވެފައި އޮތެވެ.

"ދެމީހުންވެސް ފްރީ ވީ ދޯ...ސެލެބްރެޓްކުރަމާ އަބަދު މިހެނެއްވެސް ނޫޅެވޭނެ...." އަޒާލިއާ މާނަ ފުން ޖުމްލައެއް ބުނެފައި ކަޒްޔާގެ އަނގައިގާ ޗޮކްލެޓްކޮޅެއް ލެއްވިއެވެ. އޭނަ ނުބުނީ މިއީ ޒޭވިއާ ޔޫކޭއިން ގެނެސްދިން ހަދިޔާކަމުގައެވެ. އެހާ ރަހަމީރު ޗޮކްލެޓެއް ކެވުމުން ކަޒްޔާވެސް ދެވިހިފާވަރުވިއެވެ."މިއަށް ޑްރަގެއް ނާޅާތަ؟ ކޭވަރަކަށް ކާ ހިތް އެބަޖައްސުވާ...ހާދަ މީރޭ...އަނގަޔަށް މެލްޓް އެބަވޭ. މިހިރީ ރާސްބެރީތަ؟ ކޮން ކޮމްޕެނީއަކުން ހަދާފައިތަ؟ ލާވް ދިސް.....އައިމް މޭޑްލީ އިން ލަވް ވިތް ޗޮކްލެޓް.....ޗޮކްލެޓް ވައިބްސް......"

"ހަހަ. ހޫމް ދެން ޔާޔާ ގެ ހިތުގައި އޮންނަނީވެސް ޗޮކްލެޓް ވައިބްސްދޯ. ޗޮކްލެޓަކީ އެޑިކްޓްވާ އެއްޗަކީއޭ. ޗޮކްލެޓް ތައްޔާރުކުރާ ކުދިންނާއި ޗޮކްލެޓް ވިޔަފާރިކުރާކުދިންނަށް އެޑްމަޔާވެސް ކުރެވެނީ މިހެންވީމަ ދޯ....އޯނޯ ނޯއާ މިއަންނަނީ. އެހެންނޫނަސް މަންމަ އަހަރެމެން އެކަނި އަންނާން ހުއްދަދިނަސް ކޮންމެވެސް މީހަކު ފާރަޔަށް ބަހައްޓާނެކަން އެނގޭ...." އަޒާލިއާ ހިނިއައިސްފައި ބުނެލިއެވެ. ކަޒްޔާ ތުން އޫކޮށްލައިގެން އަނެއް ފަރާތަށް އެނބުރުނެވެ.

"ނޯއާދެކެ ރުޅިއައިސްފަތަ؟ފޮގިވް ހިމް..."

"ނެވާ...އައި ހޭޓް ހިމް......ޓޫ މަޗް. މައި ހާޓް އިޒް އޭކިން މިހެން ހުއްޓަސް ނުވެސް އެނގޭނެ...."ކަޒްޔާ ހަށަން ބަދެލިއެވެ.

"އަހަންނަށް ޖޮއިން ކުރެވިދާނެތަ ލޭޑީސް..." ނޯއާ އަހާލައިފިއެވެ.

"ޔެސް....."

"ނޯ......." ދެކުދިން ބުނެލީ ދިމާ އިދިކޮޅަށެވެ. ކަޒްޔާ ނޫނެކޭ ބުނެލާފައިވެސް އެދިމާލަށް ބަލާކަށްވެސް ނޫޅުނެވެ.

"ޔާޔާ ބުނީ ވަރަށް ހޭޓްކުރަމޭ ނޯއާދެކެ....." އަޒާލިއާ ވަގުތުން އެންގިއެވެ.

"ދެ އަންބަށް އިންނަން ކަޒްޔާ އެއްބަސްވާނެތަ؟" ނޯއާ އެހެން ބުނާއިރަށް ކަޒްޔާއަށް ސިހިފައި ބަލައިލެވިއްޖެއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އާއެކޭ ބުނަންވެގެން ދޫ ހަރަކާތްކޮށްލިއިރަށް ނޯއާ ބުނި އެއްޗަކުން ކަޒްޔާގެ މޫނަށް އަނގުރު އަލިފާންކުލަ ވެރިވެއްޖެއެވެ.

"އޯ....އެހެންވެސް ވާނެތާ. ނައިނާ ބުނެފިއޭ ދެ އަންބަށް އިންނަން ގަބޫލެއް ނުވާނަމޭ. ޔާޔާ ބޭނުންވިޔަސް ދެން އެންމެ ވައިފެއްނު ހޯދޭނީ...ޔާޔާ ޝުކުރު އަދާކުރާނެ...ދެ އަނބިން ގެންގުޅެންޏާ އިންސާފުވެރިވާން ޖެހޭނެ. ފައިސާ ހުރީމަ ކޮންމެ އަންބަކަށް ގެއެއް ގަނެދީ ހަމަޔަށް މުދާ ދިނަސް އިންސާފުން ކަންތައް ނުކުރެވި ހިނގައިދާނެ.....ސޯ.........."

"އިޓްސް އޯކޭ.....މޭ ﷲ ބްލެސް ޔޯ މެރިޖް...." ކަޒްޔާ ތިރިއަށް ބަލަން އިނީ މޮޅިވެރިގޮތަކަށެވެ.

"އާމީން..."ނޯއާވެސް ބުނެލިއެވެ. އަޒާލިއާ ނޯއާގެ އަނގައިގާ ޗޮކްލެޓެއް ލެއްވިއެވެ." ދެކުދިންގެ މެރިޖްއަށް ފޮނި އެއްޗަކުން ސަދަގާތްކޮށްލަނީ....."

ކަޒްޔާގެ އަނގަޔަށްވެސް އެކަތިލެއްވުމުން ތުން ފިތައިލިއެވެ. ނޯއާއާއި އަޒާލިއާގެ މަޖާގަނޑާއި ބައިވެރިނުވެ ކަޒްޔާ ހިމޭނުން އިނދެފައި އެންމެފަހުން ތެދުވެގެންގޮސް އިށީނީ ތަންކޮޅެއް ދުރުގައެވެ. ކާހިތްވެސް ކެނޑިފައެވެ. ހިތްދަތިނުވާން އުޅުނަސް އިންސާނުންގެ ހިތަށް ބައެއްފަހަރު އާދަޔާ ޚިލާފު ގަދަފަދަ އިހުސާސްތައް ވެރިވެގަނެ ބަލިކަށިކޮށްލައެވެ. ކަޒްޔާ ބޮލުގައި ރިއްސާކަމުގެ ބަހަނާ ދައްކާފައި އަވަހަށް ގެއަށް ދާން އުޅުނެވެ.

***

ނޯއާ ކައިވެންޏަށް ރަން ކިޔަން އެހުމުން ކަޒްޔާއަށް ޝޮކެއް ލިބުނެވެ. އެންމެންވެގެން އޭނަ ހައްދައިލީކަން އެނގުނީ ކައިވެނީގެ ފޯމު ފުރިދުވަހުއެވެ. އުފަލުންގޮސް ކަޒްޔާގެ ލޯ ކަރުނުން ބަރާވިއެވެ. އެންމެފަހުން އޭނަގެ ހުރިހާ ހުވަފެންތަކެއްގައި ކުލަ ޖެހެނީއެވެ. ހުދުކުލައިގެ ހެދުމެއް ލައިގެން އެކުލައިގެ ބުރުގާ އަޅައިގެން ހުރިއިރު މޫނުމަތިން ފެންނަ އުފާވެރިކަން ބަޔާންކޮށެއް ނުދެވޭނެއެވެ. ކަޒްޔާގެ ނަޒަރުގައި އަޅައިގަތީ ނޯއާގެ ކާފައާއި މާމަ އަދި މައިންބަފައިންނެވެ. އުފާވެރިކަމަކީ މުއްސަދިކަމުން ހޯދޭނެ އެއްޗެއްނޫނެވެ. ފައިސާއަކުން ގަނެވޭނެ އެއްޗެއްވެސް ނޫނެވެ. ހަމަޖެހޭ އުފާވެރި އާއިލާއެއް ބިނާކުރެވުމުން އެލިބޭ އުފާވެރިކަމަކީ ނަސީބުވެރިންގެ ހައްގެކެވެ.

"ލޫލޫއަށް އެނގޭތަ؟އަބަދުވެސް އެންމެ ދެކޭހިތްވާ މަންޒަރަކީ މަންމައާއި ބައްޕަވެސް އެފަދައިން އުފާވެރިކޮށް އުޅުން. އަބަދު ދުޢާކުރެވޭ. އެކަމަކު މަންމައާއި ބައްޕަގެ ދީނީ ފިކުރު ތަފާތުކަމުން.....މި އުފާވެރި ދުވަހުވެސް މަންމަ މަތިން ހަނދާންވީ. ދައުވަތު ދިނިން. އެކަމަކު މަންމަ ނައި..."

ކުޑަ ކުޑަ ވަލީމާ ބޭއްވުނީ މޫދުގެ ގޮނޑުދޮށުގައެވެ. ކައިވެނިކޮށްދިންއިރު ކަޒްޔާ ލަދުން އިސްޖެހިގޮތަށް އިސްއުފުލައިބަލައިލަންވެސް ނުކެރުނެވެ. އެއްފަހަރު އޮޅިގެން ދުރަށް ނަޒަރު ހިންގައިލެވުނުއިރު އެއްފަރާތުގައި ތިބި މީހުންގެ ތެރެއިން ދަންނަ މޫނެއް ފެނި ހައިރާންވެގެންގޮސް ދެވަނަފަހަރަށް ބަލައިލަން ބޭނުންވިއެވެ. ނަމަވެސް ކަޒްޔާއަށް އެންމެންގެ ލޯތައް އެދިމާލަށް ހުއްޓިފައިވާތަން ފެނި ހެވެން އުޅުނެވެ. ތުންފަތުގައި ބާރަށް ދަތް އަޅާލައިގެން ތިރިއަށް ބަލަން އިނީއެވެ.

ކައިވެނިކޮށްދީ ނިމުމާއެކު ފުރަތަމަވެސް އެދިމާލަށް ބަލައިލެވުނީ އުއްމީދުން ފުރިފައިވާގޮތަކަށެވެ.

"އެއީ ވަހުމެއް. ކުށްހީއެއް...ވިލް ނޮޓް ކަމް........"

އަލަތު ދެމަފިރިންނަށް މަރުހަބާ ކިޔަން ފެށުނެވެ. ކުރިމަތިން މަންމައާއި ކައިޝާ ފެނުމާއެކު ކަޒްޔާގެ ދެލޯ ދިއްލުނެވެ. މަންމަ ބުރުގާ އަޅައިގެން ހުރިއިރު ނަލަކަމާއި އެކު މާތްގޮތެއް ހުއްޓެވެ. ވީއިރު އޭނައަށް ކުށްހީއެއް ކުރެވުނީއެއް ނޫނެވެ. މަންމަ ބުރުގާ އަޅަން ހިތްޖެހުނު ސަބަބު ދެނެވޮޑިގެންވަނީ ހެއްދެވިފަރާތެވެ. ފަހަރެއްގައި މަންމައަށް ތެދުމަގު ފެނި ސާފު ރާސްތާ ދެއްކެވީއެވެ.

"ކަޒްޔާ.ވަރަށް އުފާވެއްޖެ. މި ކައިވެނީގައި ބަރަކާތް ލައްވާށި......" ނަރުގިސްއަށް "ދަރިފުޅާ"ކިޔާފައި ގޮވައިލުން ލަދުވެތިކަމަކަށްވިއެވެ. ހަނގު ދަރިފުޅާއިމެދު ކަންތައް ކުރެވުނީ ނާއިންސާފުންކަމުގައި މިއަދު ގަބޫލުކުރެވިއްޖެއެވެ. އެންމެކުޑަމިނުން ދަރިފުޅާއޭ ކިޔާފައި ގޮވައިލުންވެސް ފަސޭހަކަމަކަށް ނުވިއެވެ.

"ޖަޒާކަﷲ ޚައިރަން..."ކަޒްޔާ ކުޑަކޮށް މަންމަގެ ގައިގާ ބައްދައިލިއެވެ. ނަރުގިސް ލަދުން ހުރެފައި އަތް ވަށައިލުމުން މައިވަންތަކަމުގެ ލޯބި ފުރަތަމަ ފަހަރަށް ކަޒްޔާއަށް އިހުސާސްކުރެވުނެވެ.

ނަރުގިސް ދެން ނަޒަރު ހުއްޓައިލީ ދަނބިދަރިފުޅަށެވެ.ބޯފޮތްޗަކުން ފަހާފައިވާ ހުދު ކުރުތާގައި ވެސް ނޯއާގެ ސްމާޓްކަމާއި ހައިބަވަންތަކަމުން ހިތްތަކަށް އަސަރުކުރާނެއެވެ. ދެވަނަފަހަރަށް ބަލައިލަން މަޖުބޫރުކުރުވާފަދަ ގޮތެއް ނޯއާގެ ހުރެއެވެ. ފިރިހެންވަންތަކަމާއި މައުސޫމިއްޔަތު މަސްހުނިވެ ހިތްތައް ދަމައިގަންނާނެއެވެ.

"މަރުހަބާ .ވެލްކަމް ޓު މައި ފެމިލީ ސަން...."ނަރުގިސް ހީލިއިރު އުފާވެރިކަން ފެންނާން ހުއްޓެވެ. ނަރުގިސް ނޯއާ ގެނެސް މޭގައި ޖައްސައިލިއެވެ.

މެހުމާނުންތައް ގޮސް ހުސްވުމުން ގޮނޑުދޮށުގައި ފޮޓޯނެގުމާއެކު އާއިލީ ވަގުތުކޮޅެއް އޮތެވެ."ބަބްލްސް"ވެސް ފޮޓޯތަކަށް ހުއްޓިލައިގެން އޮންނަނީ އެއުފަލުގައި ބައިވެރިވާ ފަދައިންނެވެ.މެހުމާނުންގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނު ފަރާތެއްކަމުގައި އެސޮރުވެސް ހިމެނުނެވެ. ކޮންމެ ފޮޓޯއަކަށް އަރަން ބަބްލްސް ނިޔަތް ގަނެގެން އޮތްފަދައެވެ. ހުދު ވިލާކޮޅެއްގައި ކަޅު ދެލޯ ލާފައި އޮތީއޭ ކިޔާފައި އެސޮރު އުރައިލާ އެކީގައި ފޮޓޯނެގުމުގެ ޝަރަފު ހޯދި މީހުންވެސް މަދެއްނޫނެވެ.

***

ހަނަފީއާއި ނަރުގިސްގެ ކައިވެނިކުރަން ނިންމި ނިންމުމަކީ ކަޒްޔާގެ ދިރިއުޅުމުގެ އެންމެ އުފާވެރި ދުވަސްކަމުގައިވިއެވެ. އޭނަގެ ދުޢާތައް އިޖާބަކުރައްވާ އެކުޑަ އާއިލާގެ ގުޅުން ބަދަހިވުމުގެ ފުރުސަތު ދެއްވީއެވެ. ހުރިހާކަމަކަށް ޝުކުރުހުރީ ﷲ ސުބުހާނަހޫ ވަތައާލާއަށެވެ. ހަނަފީއާއި ނަރުގިސްގެ ކައިވެންޏަށްފަހު އެ ކުޑަގެ އާބާދުވުމުގެ ކުލަވަރު ހުރިހާ ދިމާލަކުން ފެނުނެވެ. އެގެއަށް އެޅުނު ބަދުނަސީބުގެ ކޮޅިގަނޑު ނަގާ އުޑުމަތި އަލިކޮށްލައިފިއެވެ.

އެކުޑަ އާއިލާ ބާބެކިއު ހަދަން ގޭގެ ފަހަތުގައި އޮންނަ ވަލުތެރޭގައި އަލިފާން ރޯކޮށްލައިގެން އުޅުނެވެ. އަނގުރު އަލިފާނުގައި މަސް ފިހެވެން ފެށުމުން އަރައިގަތް މީރުވަހުން ކުޅުދިޔާވާވަރުވިއެވެ.

"ބައްޕައަށް އޭރު އެންމެ މީރުވާނީ ފަރާޓާއާއި މަންމަ ފިހެދޭ މަސް..އެހެންވެ މެމަރީސް އާކޮށްލަން މިގޮތަށް މަސްފިހުނީ..."ނަރުގިސް ފަރުމަހެއް ނަގާފައި ތަށްޓަކަށް ލިއެވެ. ހަނަފީއާއި ނަރުގިސް އެ މަސްކާން ތިބިތަން ފެނުމުން ކަޒްޔާއަށް ނޯއާއަށް ބަލާލާފައި ހީލެވުނެވެ. ކައިޝާވެސް އެއްލޯ މަރައިލިއެވެ.

"މަންމަމެން އަދިވެސް ކިހާ ލޯބިން އެއުޅެނީ.."

"ޓްރޫ ލަވް ދޯ..."ކަޒްޔާ ކިޔައިލިއެވެ. އެކި ވާހަކައިގާ ތިބެ ބާބެކިއު ނިންމައިލީ ބަންގިދޭން ކައިރިވުމުންނެވެ.

***

ނަމާދުން ނިމިގެން ދޮޅި ބާލާފައި ނަރުގިސް ކަޒްޔާއަށް ބަލައިލިއިރު އެލޮލުން ކަރުނައިގެ ތެތްކަން ފެނުނެވެ."ޔާޔައަށް އެނގޭތަ؟ މަންމަ ދީނާއިމެދު ވިސްނަންފެށި ސަބަބު؟ އެންމެ ފަހަރަކުވެސް ނާހަމެއްނު. ދަރިފުޅު އެދުވަހު ދިން ކެލިގްރާފީގައި އޮތް ﷲގެ ވަހީބަސްފުޅު...އަލްގަސަސް ސޫރަތުގެ ސޯޅަވަނަ އާޔަތުގައި ވަނީ قَالَ رَبِّ إِنِّي ظَلَمْتُ نَفْسِي فَاغْفِرْ لِي فَغَفَرَ لَهُ އާޔަތުގެ މާނައަކީ އިންޑީޑް އައި ހޭވް ރޯންގްޑް މައިސެލްފް ސޯ ފޮގިވް މީ...ކޮންފަދަ ފުންމާނައެއް؟ ކޮންފަދަ ރީތި އާޔަތެއް. އެ އާޔަތާއިމެދު ކޮންމެ ވަގުތަކު ވިސްނުނު. އަދި ޔާޔާ ދިން ޕާރުސަލުގައި ގުރުއާނުގެ ތަރުޖަމާ އޮތުމުން ކިޔަން ފަށާއިރަށް ހިތް މަޑުވީގޮތަށް ކިޔަވަންބޭނުންވި.ﷲގެ ވަހީބަސްފުޅުތަކުން އުއްމީދާއި އުފާވެރިކަން ހިތަށް ލިބުނު. އެއީ ރަހީމްވަންތަ ރަހުމާން ވަންތަ އިލާހު.ގޯސްކޮށް އުޅެވުނަސް އެތައް ފުރުސަތެއް ދެއްވާ. ލާ ކޮންމެ ނޭވާއަކީ ނިއުމަތެއް. ކޮންމެ ހިއްސަކީ ނިއުމަތެއް. ގުނާ އަދަދުނުކުރެވޭހާ ނިއުމަތް ދެއްވިއިރު ޣާފިލުކަން މަތީގައި ތިބެވެނީ. ދަރިފުޅުގެ ކެލިގްރާފީ މަންމަ އަނދިރިކަމުގެ ތެރެއިން ނެރުނީ....." ނަރުގިސް ކަޒްޔާގެ ނިތްކުރިއަށް ބޮސްދިނެވެ."އަލްހަމްދުލިﷲ. ކޮންމެ މަޔަކަށް މިފަދަ ބަސްއަހާ ދަރިން ދެއްވާށި..."

***

ހަރަމްފުޅާއި ދާދި ކައިރީގައި ހުރި ހޮޓަލެއްގެ މަތީބައިގެ ކޮޓަރިތަކެއްގައި ހަނަފީއާއި ނަރުގިސް މާމަ އާއި ކައިޝާ އަރާމުކޮށްލަން ތިބިއިރު ނޯއާގެ ދެމަފިރިން ނަމާދަށްފަހު އެސަރަހައްދު ބަލައިލަން ދިޔައިރު އިހުސާސްކުރެވުނީ އަޖައިބެއްފަދަ އުފާވެރިކަމެވެ. ރޫހާނީ އުފާވެރިކަމެވެ. ދުނިޔޭގެ އެހެން ތަނަކުން ނުލިބޭނެފަދަ ފިނިކަމެއް ހިތަށް ލިބިފައިވިއެވެ. މިއީ ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި މާތް ބިމެވެ. އެކަލޭގެފާނުގެ ފައިންޕުޅު ބީއްސެވި މަގުތަކެވެ.

"ދުނިޔޭގެ އެންމެ ނަސީބުގަދަ އިންސާނާ އޭމިއަދު ހިތަށް އަރަނީ. އެންމެ ލޯބިވާ ފަރާތާއެކު މިި މާތް ބިމުގައި...އަލްހަމްދުލިﷲ..." ކަޒްޔާ ނޯއާގެ އަތަށް ބާރުކޮށްލިއެވެ."ލޫލޫއާއި ޒޭވިއާއަށްޓަކާވެސް ހާދަވަރަކަށް ދުޢާކޮށްފީމޭ. ....."

"މަސައްކަތްކުރީމައާއި ﷲއަށް އިތުބާރުކޮށްފިއްޔާ އެކަމެއްވާނެކަން އެނގިއްޖެ. އެހެންވެ މިކުއްޖާ ލިބުނީ......."ނޯއާ އަފްޣާނިސްތާނަށްގޮސް ކަޒްޔާ ހޯދަން ކުރި މަސައްކަތް ކިޔައިދިނުމުން ކަޒްޔާ ބަސްހުއްޓުނެވެ.

"ބެސްޓް ހަޒްބެންޑް އެވާ..."

"ނޯހްއަށްވުރެވެސް ތަ؟"ނޯއާ ހޭންފެށިއެވެ."ބުނެބަލަ. މިހާރުވެސް ހޯނުދެކެ ލޯބިވަންތަ؟"

"ކުޑައިރު ވިއާޑް ކަންތައް ކުރެވޭނެ. ނޯހްއަކީ ޚާއްސަ ކުއްޖެއް އެކަމަކު އެހެން ހޯނަކަށް އެފަދަ ލޯތްބެއް ނުޖެހުނު..މިހާރު ދެން ކުޑަކޮށް ފަކުރުވެސް ގަނޭ. ގެއިން އިތުރު ހޯނުގަނޑެއް ފެންނާކަށް ބޭނުމެއްނޫން. ސަބަބަކީ ނޯއާ ފެއިންޓްވެދާނެތީ. ފެއިންޓްވިޔަސް ނަގައިގެން ދުވެފައި ދެވޭނީއެއްވެސް ނޫން ވިއްޔަ.ކީއްވެ އެހާ ސްމާޓްވީ؟އެހާ ސްވީޓްވީ؟ޗޮކްލެޓްހާ ސްވީޓް................"

ނޯއާ ކަޒްޔާގެ ކޮލުގައި ހިފައިލަމުން ޖަވާބުދިނީ އަރަބިބަހުންނެވެ. ދެމަފިރިންވެސް އަރަބި ދަސްކުރަން ފަށާފައިވާތީ ކޮންމެވެސް ވަރަކަށް އަރަބިން ވާހަކަދައްކައިލެވޭވަރުވެއެވެ. ކުޑައިރު އިނގިރޭސި ބަހުން ވާހަކަދައްކަން އުދަގޫވެގެން އެންމެން މަލާމާތްކުރި ކުއްޖާ އިނގިރޭސިބަހުން ވާހަކަދައްކައިލަނީވެސް އެހާ ފަރިތަކޮށް ރީތިކޮށެވެ. އަރަބިބަހުން ވާހަކަދައްކަމުން ހެމުން ދިޔައިރު ކާއިނާތުގައިވާ އެންމެ އުފާވެރި ލޯބިވެރިންފަދައެވެ.

" މިތަނުން މިސްވަނީ ހަމައެކަނި ޗޮކްލެޓް ވައިބްސްއާއި ޗޮކްލެޓް.........." ކަޒްޔާ ބުނެލިއެވެ.

"މިސްވާނެކަމެއް ނެތް އިނގޭ ހަބިބްތީ. އެއީ ދޭން އުޅުނު ސަޕްރައިޒަކީ.....އަހަރެމެންގެ ޗޮކްލެޓް ވައިބްސް ރެސްޓޯރެންޓެއް މިތާވެސް ހުޅުވައިފިން..އޭރުން ގިނަ ގިނައިން އާދެވޭނެ...އަދި މަދީނާގައި ވިޔަފާރި ފުޅާކުރަން ނިންމައިފިން. ޔާޔާގެ ކެލިގްރާފީވެސް އަދި އަހަރެމެންގެ ފިއުޗާ މިތަނާއި ގުޅިފައިވާތީ ހުވަފެނެއްގައި ފެނުނު ފަހުން މި ޑްރީމް ފުރިހަމަވީ........" ނޯއާ އިޝާރާތްކޮށްލި ދިމާލުގައި "ޗޮކްލެޓް ވައިބްސް"ގެ ނަން ދިއްލެމުން ދިޔަތަން ފެނި އެނަމާއި އެއްވަރަށް ކަޒްޔާގެ ލޯވެސް ދިއްލިއްޖެއެވެ. ހިތްތަކަށް ހަމަޖެހުން ލިބެނީ ﷲ ހަދުމަކުޅައުމުންނެވެ. ކަޒްޔާ އަނގައިން ނުބުނި ކަމުގައިވިޔަސް އެ ބަސްމޮށުމުން ނޯއާއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ލިބުނު އުފާތަކާއި ލޯބި އެ މައުސޫމް ލޮލުން ފައުޅުވެއެވެ.

"ލޫލޫގެ ފިއުޗާ؟އައިމް ވޮރީޑް..." ކަޒްޔާ ހަނދާން އާކުރިއެވެ.

"ޒޭވިއާ އެހެރީނު. އަހަންނަށްވުރެ އޭނަގެ ވިލްޕަވާ ގަދަވާނެ. ބަދަލުވީވަރު ފެނިފައި ހަމަ ހައިރާންވި. ޒޭވިއާގެ ހަގީގަތް އެނގޭ. މަޑުން ހުއްޓަސް އަދި އެނިމުނީއެއް ނޫނޭ. ލޫލޫއަށް ސަޕްރައިޒެއް ދެމާ..ރަށަށް ގޮއްސަ........"

"އޯ....އައިމް އިން......"ކަޒްޔާ ހެމުން ނޯއާގެ ގައިގާ ބައްދައިލަމުން މޭގައި ބޯ އަޅާލައިގެން އެހިތުގެ ވިންދު އަޑުއަހަން ހުރިއިރު އެސްފިޔަތައް ބަރާވީ އުފާވެރިކަމުގެ ކަރުނުންނެވެ. ދުނިޔެއަކީ ވަގުތީ ފާލަމެކެވެ. ނަމަވެސް ހަޔާތުގެ މަންޒިލުގައިވެސް އޭނަގެ ކުޑަ އާއިލާއާއެކީގައި އުފަލާއި ހަމަޖެހުމުގެ ދުވަސްތަކެއް ދެއްވިކަމަށްޓަކާ ﷲއަށް ހަމްދުކުރިއެވެ. ހުރިހާ ދުޢާއަކީ ޖަންނަތުގައިވެސް އެންމެން އެކީގައި ލެއްވުމެވެ.

ނިމުނީ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު