ދިރާގުގެ "21 ނޯ ޕްލާސްޓިކް ޑޭސް" ކެމްޕެއިން ފަށައިފި!

ދިރާގު

ދިރާގުން "21 ނޯ ޕްލާސްޓިކް ޑޭސް" ގެ ނަމުގައި އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ބޭނުން ކުރުން މަދުކުރުމާ ދެކޮޅަށް ހޭލުން ތެރިކަން އިތުރު ކުރުމުގެ ގޮތުން ހާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.

މި ކެމްޕެއިން ފަށާފައިވަނީ ބައިނަލް އަޤްވާމީ ކޯސްޓަލް ކްލީން އަޕް އެވެއާނަސް މަސް 2021 ފާހަގަކުރުމާއި ގުޅިގެންނެވެ

ދިރާގު މެނޭޖާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ މި ކެމްޕެއިންގެ މައިގަނޑު މަގްސަދަކީ އެފަހަރު ބޭނުން ކުރެވޭ ޕްލާސްޓިކްގެ ސަބަބުން ކަނޑުތަކަށް ލިބެމުންދާ ގެއްލުމާ މެދު މުޖުތަމައު އިން ވިސްނާ، ފަރުދީ ޒިންމާ އަދާކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކޮށް ދިރިއުޅުމުގެ ކަންކަން ތިމާވެއްޓާއި ރައްޓެހި ގޮތްތަކަށް ބަދަލުކުރުމަށް ބާރު އެޅުން ކަމަށެވެ.

އެއް ފަހަރު ބޭނުން ކޮށްފައި އެއްލާލާ ޕްލާސްޓިކް ބޭނުންކުރުން ވެފައިވަނީ ދިރިއުޅުމުގައި އަށަގަނެފައިވާ ނޭދެވޭ އާދައަކަށެވެ. އާ އާދައެއް އަށަގެންނެވުމަށް އެކަމެއް 21 ދުވަހަށް ކުރުމަކީ ވަރަށް މަޝްހޫރު ކަމެކެވެ. އެގޮތުން ދިރާގުން ފެށި މި ކެމްޕެއިންގެ މައިގަނޑު މަގްސަދަކީ 21 ދުވަހުގެ ތެރޭގައި މި ނޭދެވޭ އާދަ ދޫކޮށްލާ، ޕްލާސްޓިކް ނޫން ގޮތްތައް ދިރިއުޅުމުގެ އެކި ކަންތައްތަކުގައި ބޭނުން ކުރުމަށް ބާރު އެޅުމުގެ ގޮތުން ކަމަށް ދިރާގުން ބުނެއެވެ.

މީގެ އިތުރުން، މި ކެމްޕެއިންގައި ބައިވެރިވެވޭނީ #21NoPlasticDays މި ހޭޝްޓެގް ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި އެމީހެއް އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކާ ދެކޮޅަށް ނުވަތަ މި އާދަ ދޫކޮށްލުމަށް ކުރަން ގަސްތުކުރާ ކަންތައް ހިއްސާކޮށްގެން ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުގެ "ނޯ ޕްލާސްޓިކް ޑޭސް 21" ހޭޝްޓެގް

މި ކެމްޕެއިނުގައި ބައިވެރިވުމަށް ކޮންމެ މީހަކުވެސް އެއްފަހަރު ބޭނުން ކޮށްފައި އެއްލާލާ ޕްލާސްޓިކް ގެންގުޅުން މަދުކުރުމަށް ކޮންމެވެސް އެއް އާދައެއް ދޫކުރުމަށް އަޒުމު ކަނޑައަޅުމަށް ދިރާގުން ވަނީ އިރުޝާދު ދީފައެވެ. މީގެ ތެރޭގައި ކާ އެއްޗެހި އަޅާ ޑިސްޕޮސަބަލް ޕްލާސްޓިކް ޓޭކްއަވޭ ކޮންޓައިނާ ތަކުގެ ބަދަލުގައި ގިނަ ފަހަރު ބޭނުން ކުރެވޭ ކޮންޓައިނާ ބޭނުން ކުރުން އަދި އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިލް ކޮތަޅާއި ފެންފުޅި ފަދަ ތަކެތި ބޭނުން ކުރުން ހުއްޓާލުން ފަދަ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުންވެސް ކަނޑުފަޅުތައް ހިމާޔަތް ކުރަން ކުރެވިދާނެ އިތުރު އެތައް ކަމެއް ހިމެނިގެންވާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ކޮންމެ ހަފުތާއެކު މި ކެމްޕެއިނުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނަސީބުވެރި ތިން ފަރާތެއް ހޮވިގެންދާނެ ކަމަށާއި، 21 ދުވަހުގެ މުއްދަތުގެ ތެރޭގައި ޖުމްލަ ނުވަ ފަރާތް ހޮވިގެން ދާނެ ކަމަށް ދިރާގުން ބުނެއެވެ.

ހަމައެހެންމެ، މި ފަރާތްތަކަށް "ޕްލާސްޓިކް ފްރީ ސްޓާޓަރ ޕެކް" ހަދިޔާއެއްގެގޮތުގައި ލިބިގެންދާނެކަމަށް ދިރާގުން ބުނެފައިވެއެވެ. މި ގިފްޓް ޕެކްގައި ހިމެނެނީ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބަދަލުގައި ގެންގުޅެވޭނެ ތަކެއްޗެވެ.

"ލައިފް ބިލޯ ވޯޓަރ" އަކީ އަލިފުދާލުގެ ދެމެހެއްޓެނިވި ލަނޑުދަޑިތަކުގެ ތެރެއިންވެސް މުހިންމު އެއް ލަނޑުދަޑިއެވެ. އަދި ތިމާވެށި ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖުތިމާޢީ ޒިންމާގެ މުހިންމު އެއް ތަނބު ކަމަށް ދިރާގުން ބުނެއެވެ.

އެގޮތުން 2016 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ފެށި ކެއާ ފޯ ދި އޯޝަންސް ކެމްޕެއިންގެ ދަށުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓުވުމަށް ބާރު އަޅާ އަދި ރީ-ޔޫސަބަލް ކޮތަޅު ބޭނުން ކުރުން އާދައަކަށް ހެދުމަށް ވަނީ ގޮވާލާފައިއެވެ.

ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން ދިރާގުން ވަނީ ރީ-ޔޫސަބަލް ކޮތަޅު ރާއްޖޭގެ އެކި ކަންކޮޅުތަކަށާއި ސްކޫލްތަކަށް ހަދިޔާކޮށްފައެވެ ހަމައެއާއެކު، ގޮނޑުދޮށާއި ފަރުތައް ސާފުކުރާ ޕްރޮގުރާމްތަކުގައި ދިރާގާއި ދިރާގުގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވެއެވެ. 2020 ވަނަ އަހަރު ދިރާގު ކަލަންޑަރުގެ ކޮންމެ މަހެއް ޚާއްސަ ކޮށްފައިވަނީ ވެސް ކަނޑުތަކަށް ކުނި ނޭޅުމަށް ހޭލުންތެރިކަން އިތުރުކުރުމަށެވެ.

ހަމަ އެހެންމެ ދިރާގުން ވަނީ މިދިޔަ އަހަރު ކޮވިޑް19ގެ ސަބަބުން އިތުރުވި ޕީ.ޕ.އީ ، މާސްކް އަދި އަންގި ފަދަ އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ނައްތާލުމުގެ މުހިންމު ކަމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކޮށްދިނުމުގެ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

21 ނޯ ޕްލާސްޓިކް ޑޭސް ކޮންޓެސްޓާ ބެހޭ އިތުރު މައުލޫމާތު ދިރާގު ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބޭނެކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް