މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް ގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ!

އުރީދޫ މޯލްޑިވްސް އަދި މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް އާއި ގުޅިގެން ހެދި ޕާޓްނާޝިޕް އެއްބަސްވުމުގައި ސޮއިކުރުން - ފޮޓޯ އުރީދު މޯލްޑިވްސް

މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް އެންޖީއޯގެ ޑިޖިޓަލް ޕާޓްނާގެ ގޮތުގައި އުރީދޫ މޯލްޑިވްސްއިން ޕާޓްނާޝިޕް އެއްބަސް ވުމެއްގައި ސޮއިކޮށްފިއެވެ.

މި ޕާޓްނާޝިޕް އަކީ އުރީދޫ ކަސްޓަމާ ސާވިސް ނަންބާގެ ދަށުން ގާއިމްކުރި ޕާޓްނިޝެޕެކެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސާ، ހުސެއިން ނިޔާޒް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވީ މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސިންގެ ހައްގުތަކަށް ކުރެވޭ މަސައްކަތުގައި ބައިވެރިވެ ޑިޖިޓަލް ޕާޓްނާ ގެ ގޮތުގައި އުރީދޫގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.

"ކުރިއަށް އޮތްތަނުގައި މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް އާއި އެކު ފައިދާ ހުރި މުހިންމު ޕްރޮޖެކްޓްތަކާއެކު ބިދޭސީންގެ ދިރިއުޅުން އިތުރަށް ފާގަތި ކުރުމީ އަޅުގަނޑުމެންގެ އުއްމީދު" ނިޔާޒު ވިދާޅުވިއެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ދިރިއުޅެމުން އަންނަނީ ވަރަށް ހާލުގައި ކަމަށް ވުމުން އެމީހުންގެ ދިރިއުޅުން ފާގަތި ކުރުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމަކީ ކުންފުނީގެ ވަރަށް ބޮޑު އުންމީދެއް ކަމަށް އުރީދޫ މޯލްޑިވްސް އިން ބުންޏެވެ. އަދި މިއީ އެންމެ ބޮޑު އެއް މަގުސަދު ކަމަށް ވެސް އުރީދޫ މޯލްޑިވްސް އިން ބުންޏެވެ.

މިޝަން ފޯ މައިގްރަންޓް ވޯކާސްގެ ފަރާތުން ވާހަކަދައްކަމުން އެކުންފުނީގެ ކޯ ފައުންޑަރ އަދި ޕްރެޒިޑެންޓް، ޑރ. މިނާހް ފާއިޒް ރަޝާދު ވިދާޅުވީ އުރީދޫ މޯލްޑިވްސް ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ގުޅުވަޑައިގަތުމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ޑރ. މިނާހް އިތުރަށް ވާހަކަ ދައްކަވަމުން ވިދާޅުވީ ދެފަރާތުގެވެސް ތަސައްވަރާއި، ގަބޫލުކުރާ އުސޫލުތަކާ އެއްގޮތުގެ މަތިން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އިތުރު ފާގަތިކަމެއް ހޯދައިދިނުމަށް ކުރާ މަސައްކަތް އެ ޕާޓްނާޝިޕާއެކު އިތުރަށް ފުޅާވެ ގިނަ ފަރާތްތަކަކަށް އެހީ ފޯރުކޮށްދެވިގެން ދާނެ ކަމަށެވެ.

މީގެ ކުރިންވެސް އުރީދޫ މޯލްޑިވްސްއިން ވަނީ މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް އާއިއެކު ބިދޭސީންނަށް މީލް ޕެކް ފޯރުކޮށްދީފައެވެ. މި އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ހުކުރު ދުވަހަކު 100 މީލް ޕެކް ފޯރުކޮށްދީފައިވެއެވެ.

މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް އަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ހައްގުތަކަށް ވަކާލާތުކޮށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ގޮތުން ރެޖިސްޓާ ކުރެވިފައިވާ ފުރަތަމަ އެންޖީއޯ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް