މުބާރާތުގެ ބޭނުމާއި އެފްއޭއެމްގެ ވީޑިއޯތަކާ ގުޅުމެއް ނެތް؟

އެފްއޭއެމުން ސާފް ޕްރޮމޯޓް ކުރަން ގެނެސްދިން އެޑްވަޓޯރިއަލްގެ ތެރެއިން ---

"އޯކޭ، ފެއިލް ވީމަ ސެލެބްރޭޓް ކޮށްފަ، ބަލި ވީމަ ވެސް ސެލެބްރޭޓް ކުރާނީ،"

އަންނަ މަހުގެ އެއްވަނަ ދުވަހު ރާއްޖޭގައި ފަށާ ސާފް ޗެމްޕިއަންޝިޕްގެ އެޑްވަޓޯރިއަލް ނުވަތަ ތިންވަނަ ފަހަރަށް ރާއްޖެއިން ތަށި ނަގަން ބޭނުންވާކަން ދައްކުވައިދޭ ވީޑިއޯތަކެއް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ސޯޝަލް މީޑިއާގައި ހިއްސާ ކުރުމުން އެކަމާ ޝުއޫރު ފާޅުކުރި މީހަކު ބުނެފައި ވެއެވެ.

''އިންޝާ ﷲ އަހަރެމެން ތިންވަނަ ފަހަރަށް މޮޅުވާނަން'' ޖެހުމަށްފަހު އެފްއޭއެމް އިން އާއްމުންނަށް ދޫކޮށްލި ވީޑިއޯ އެއްކޮށް ބެލުމަށް ޝައުގުވެރިވީ ޓުވިޓާއިން ވެސް މިފަދަ ކޮމެންޓްތައް ފެނިގެންނެވެ.

އެފްއޭއެމްގެ ވީޑިއޯތަކުގެ ތެރެއިން އިއްޔެގެ ވަގުތެއްގައި ޕޯސްޓް ކޮށްފައި އިން ވީޑިއޯއެއް ހުޅުވާލީ، ކާމިޔާބީއަށް ދިއުމަށް އެދޭ ފަދަ ވީޑިއޯއަކަށް ވާނެ ކަމުގެ އުންމީދުގައެވެ.

އެއް ވީޑިއޯ ފެށިގެން ދަނީ، މީހަކު ސައިކަލު ދުއްވުމުގެ ލައިސަންސް ނަގަން އުޅޭތަނެވެ. ވީޑިއޯ ނިމުނު އިރު، އެ މީހާ ތިން ފަހަރު އުޅެ ވެސް 'ފެއިލް' ވި ތަން ދައްކައެވެ. ނަމަވެސް 'ތިންވަނަ ފަހަރޭ' ބުނުމާއެކު އޭނާ އުފާވެއެވެ. އެއީ ލައިސަންސް ނުނެގުނަސް، ރާއްޖެއިން ތިންވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ތަށި ނަގަން އުޅޭތީއެވެ.

މިދެކަމުގެ ގުޅުން އޮޅުން ނުފިލުމުން ދެވަނަ ވީޑިއޯއެއް ވެސް ބަލާލީމެވެ. ކުދިންތަކެއް ކުޅެން އުޅުމުގެ ތެރޭގައި ތިން ފަހަރަށް ބޯޅަ މޫދަށް ދިއުމުން، އެ ބޯޅަ ނަގާ މަންޒަރު ދައްކުވައިދެއެވެ.

ކޮންމެ ފަހަރަކު ބޫޓާއި އިސްޓާކީނު ބާލައި، މޫދަށް ދިޔަ ބޯޅަ ނަގައިގެން އަހިސް ތިންވަނަ ފަހަރު ވަރުބަލި ވި ވަގުތު އެކުވެރިޔާ ބުނެއެވެ. 'ތިންވަނަ ފަހަރެވެ'.

އެއާއެކު ބޯޅަ ނަގަން ދިޔަ ކުއްޖާ އުފަލުން ހަޅޭލަވަން ފަށައެވެ. ރާއްޖެއިން ތިންވަނަ ފަހަރަށް ތަށި ހޯދަން އުޅޭކަން އިހުސާސްވީތީއެވެ.

މިއީ ކާމިޔާބީއެއް ހޯދުމަށް ކުރާ ދަތުރުގެ ވީޑިއޯތަކެވެ. ކަން މިހެން ހުރި އިރު، ރާއްޖެ އަކީ އެންމެ ފަހުގެ ސާފްގެ ޗެމްޕިއަނުންނެވެ. ބަންގްލަދޭޝްގައި 2018 ވަނަ އަހަރު ބޭއްވި މުބާރާތުގައި ތަށި ރާއްޖެއިން ހޯދި އިރު ރާއްޖެއަކީ 2008 ގެ ތަށިވެސް އުފުލާލި ގައުމެވެ.

ބަޔަކު ދެ ފަހަރު ކާމިޔާބީއެއް ހާސިލުކޮށް، ތިންވަނަ ފަހަރަށް އެ ކާމިޔާބީ ދިފާއު ކުރަން އުޅޭއިރު، އެކަމަށް ތައްޔާރު ކުރާ ވީޑިއޯ ތަކުގައި ތިން ފަހަރަށް ފެއިލް ވާ ތަން ދައްކުވައިދިނުމުން، ރާއްޖެއަށް ތިން ފަހަރަށް ތަށި އުފުލުމާ ގުޅުމެއް ވޭތޯ ސުވާލު އުފެދެއެވެ.

މިއުޅެނީ ތިން ފަހަރު ފެއިލް ވުމުން އިތުރު ކާމިޔާބީއެއް ހޯދަން ބާވައެވެ. ނުވަތަ ތިން ވަނަ ފަހަރު ކާމިޔާބެއް ހޯދަން ބާވައެވެ. ވީޑިއޯ ބެލުމުން އުފެދޭ ސުވާލަކީ މީއެވެ.

މި މުބާރާތުގެ ލޯގޯއާއި ބްރޭންޑިންގެ މަސައްކަތްކޮށްފައި ވަނީ ރާއްޖޭގެ މާކެޓިން އަދި އެޑްވަޓައިޒިން ކުންފުންޏެއް ކަމަށްވާ ނޯވާ އެސޯސިއޭޓްސްގެ ދިވެހި ސްޓާފުންނެވެ.

comment ކޮމެންޓް