"ޗައިލްޑްހުޑް ކެންސާ އެވެއާނެސް" ކެމްޕެއިން ގެ ޕާޓްނަރަކަށް މިފަހަރުވެސް ދިރާގު

ދިރާގު

ކުޑަ ކުދިންނަށް ޖެހޭ ކެންސަރު ބައްޔާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމުގެ ކެމްޕެއިނެއް ދިރާގާއި ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން ފަށައިފިއެވެ.

މި ކެމްޕެއިން ފެށުމުގެ ގޮތުން މި މަހުގެ އެއްވަނަ ދުވަހު ރަން ކުލައިގެ ރިބަނުން ދިރާގު ހެޑް އޮފީސް ވަނީ ދިއްލާފައެވެ. މިއީ ޗައިލްޑްހޫޑް ކެންސާ ރިބަންގެ ކުލައެވެ.

ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހު ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްއިން ހިންގާ "ޗައިލްޑްހުޑް ކެންސާ އެވެއާނެސް ކެމްޕެއިން" އަށް ދިރާގުން ދަނީ އެހީތެރިކަން ފޯރު ކޮށްދެމުންނެވެ. މިގޮތުން މިއަހަރުގެ މެއިން ޕާޓްނަރަކީވެސް ދިރާގެވެެ.

"ކުޑަ ކުދިންނަށް އެހީތެރިވުމާއި އަޅާލުމަކީ އަޅުގަނޑުމެންގެ އިޖުތިމާއީ ޒިންމާގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް. އަދި މިފަދަ މުހިންމު ކެމްޕެއިނެއްގައި ބައިވެރިވުމަކީ ނުހަނު މުހިންމު ކަމެއް ކަމުގައި ދެކެން. ކެންސާ ސޮސައިޓީ އޮފް މޯލްޑްވިސްއަށް މި ކެމްޕޭނުގެ މެސެޖްތައް ވީހާވެސް ގިނަ ފަރާތްތަކަށް ފޯރުކޮށްދީ، ހޭލުންތެރިކަން އިތުރު ކުރުމުގެ މި ޕްރޮގްރާމުގައި ދިރާގުން ވަރަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދެން،" ދިރާގުގެ ޑިރެކްޓަރ އޮފް ކޯޕަރޭޓް ސާވިސަސް އާތިފާ އަލީ ވިދާޅުވިއެވެ.

މިފަހަރުގެ ކެމްޕެއިންގެ ދަށުން ކުޑަ ކުދިންނަށް ޖެހޭ ކެންސަރު ބައްޔަށް އާންމުންގެ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ހާއްސަ ވީޑިއޯ ސީރީޒްއެއް ނެރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ސީރީސްގެ ދަށުން އަލި އަޅުވާލާނީ ރާއްޖޭގެ ޗައިލްޑް ހުޑް ކެންސަރާ ބެހޭގޮތުންނާއި، މި ބަލީގައި މިހާރު ފަރުވާ ލިބެމުންދާ ކުދިންގެ ވާހަކަތަކާއި، އަނބުރާ މުޖުތަމައު އަދި ސްކޫލަށް މި ކުދިން ނެރުމަށް މުޖުތަމައުގެ އެންމެންގެ އެއްބާރުލުން ދެވޭނެ ގޮތްތަކަށެވެ.

މީގެ އިތުރުން، ސްކޫލު ކުދިންނަށް އަމާޒު ކޮށްގެން އޮންލައިން އާޓް އެގްޒިބިޝަނެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

"މި އަހަރުގެ މި ކެމްޕެއިނުގައި ކެންސަރު ބަލިން ރަނގަޅުވެގެން އަލުން އަނބުރާ ސްކޫލަށް ނިކުންނަށް ކުދިންނަށް މުޖުތަމައުން އެހީތެރިވެވޭނެ ގޮތްތަކާމެދު ޚާއްސަކޮށް އަލި އަޅުވާލެވޭނެ. އަދި މީގެ އިތުރުން މި ބަލީގެ ސަބަބުން ކުދިންނަށާއި އާއިލާތަކަށް ނަފުސާނީ ގޮތުން ކުރިމަތިވާ މައްސަލަތަކަށް އަލި އަޅުވާލާނަން،" މި ކެމްޕެއިނާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ޗެއާޕާސަން،" ޖުވޭރިޔާ ސައީދު ވިދާޅުވިއެވެ.

އަދި 2018 ވަނަ އަހަރުން ފެށިގެން މެއިން ޕާޓްނަރެއްގެ ގޮތުގައި ދިރާގުން އެއްބާރުލުން ދެމުން އަންނާތީ ދިރާގަށް ވަނީ ހާއްސަ ޝުކުރެއް އަދާ ކޮށްފައެވެ.

ދާދި ފަހުން އިންޓަނޭޝަނަލް އެޖެންސީ ފޯ ރިސާޗް އޮން ކެންސާ އިން ހެދި ރިޕޯޓަކުން ދައްކާގޮތުގައި ދުނިޔޭގެ ނިސްބަތުން ބަލާ ކަމުގައި ވަނީ ނަމަވެސް މިހާރު ޗައިލްޑް ހުޑް ކެންސާ ވަނީ އާންމުން ކަންބޮޑުވާން ޖެހޭ މިންވަރަކަށް އިތުރުވެފައެވެ. ކުޑަކުދިންނަށް ޖެހޭ ކެންސަރު ބައްޔަކީ ނިސްބަތުން ބަލައިފި ކަމުގައި ވަނީނަމަ ކެންސަރު ބަލީގެ އެއް އިންސަތައެވެ. ނަމަވެސް، ރާއްޖޭގެ ނިސްބަތުން 19 އަހަރުން ދަށުގެ ހައެއް ނުވަތަ ހަތް އިންސައްތަ ކުދިންނަކީ ކެންސަރު ބައްޔަށް ފަރުވާ ކުރަމުންދާ ކުދިންނެެވެ.

ލުކީމިއާ އަދި ސިކުނޑިއަށް ޖޭހޭ ކެންސަރު ފަދަ ކެންސަރު ބަލީގެ ބާވަތްތަކަކީ ކުޑަކުދިންނަށް އެންމެ ގިނައިން ޖެހޭ ކެންސަރު ބަލީގެ ބާވަތްތަކެވެ. އެހެން ކަމުން މިކަންކަމާއި ގުޅޭ އެންމެ ފުރިހަމަ މައުލޫމާތު ވީހާވެސް ގިނަ ފަރާތްތަކަށް ފޯރު ކޮށްދިނުމަކީ ދިރާގު އަދި ކެންސާ ސޮސައިޓީގެ އަމާޒެކެވެ.

comment ކޮމެންޓް