ތިލަފުށި ކައިރިން ސަފާރީއެއް އަޑިއަށް ގޮސް، ދަތުރު ކުރި ބިދޭސީއެއް މަރުވެއްޖެ

އަޑިއަށް ދިޔަ ސަފާރީގެ ބައިތައް ފެންމައްޗަށް އަރާފައި --- ފޮޓޯ: އެމްއެންޑީއެފް

ކ. ތިލަފުށި ކައިރިން ދަތުރު ކުރަމުން ދިޔަ "ހެންޑީ ކްރޫސާ" ނަމަކަށް ކިޔާ ސަފާރީއެއް އަޑިއަށް ގޮސް، އެ ސަފާރީން ދަތުރު ކުރަމުން ދިޔަ ބިދޭސީ މީހަކު މަރުވެއްޖެއެވެ.

އެ ހާދިސާއާ ބެހޭ ގޮތުން އައިޖީއެމްއެޗްގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، އެ ހާދިސާއާ ގުޅިގެން ހަތް މީހަކު ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި އޭގެ ތެރެއިން 41 އަހަރުގެ ބިދޭސީ ފިރިހެނަކު މަރުވެފައިވާ ކަމަށެވެ.

އެ އޮފިޝަލް ވިދާޅުވީ ބާކީ ހަ މީހުންނަށް މިހާރު ފަރުވާ ދެމުންދާ ކަމަށެވެ. ނަމަވެސް އެމީހުންނާ ބެހޭ ގޮތުން އިތުރު ތަފްސީލު އަދި ދެވެން ނެތް ކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ، ހެންޑީ ކްރޫސާ ދިޔަވީ މިއަދު ހެނދުނު ބޮލިފުށި ކައިރިން މާލެއަށް ދަތުރު ކުރަމުން ދަނިކޮށް ކަމަށެވެ. އަދި އެކަމާ ބެހޭ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 9:00 ޖަހަން ކައިރިވެފައި ވަނިކޮށް ކަމަށެވެ.

އެ ރިޕޯޓާ ގުޅިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފެށި އިރު ސަފާރީ އޮތީ ތިލަފުށީގެ ހުޅަނގު ދެކުނުން ހަތަރު ނޯޓިކަލް މޭލު ބޭރުގައިއެވެ.

އެމްއެންޑީއެފްއިން އިތުރަށް ބުނީ ހެންޑީ ކްރޫސާއިން ދަތުރު ކުރީ 17 މީހުން ކަމަށެވެ. އަދި އެ އެންމެންވެސް މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ އެ ސަފާރީ ދިޔަވެ އަޑިއަށް ދިޔައީ ވިއްސާރަވެ، ކަނޑުގަދަ ވުމުގެ ސަބަބުން ކަމަށެވެ.

comment ކޮމެންޓް