ރައީސް އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސް ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުން -- ފޮޓޯ/ ރައީސް އޮފީސް

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

އެ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެން، މިދިޔަ އަންގާރަ ދުވަހު ރައީސް ވަނީ އެ މަޖިލީހުގައި ދިވެހި ބަހުން ތަގުރީރު ކުރައްވާފައިއެވެ.

އެ ތަގުރީރުގައި ދިވެހި ބަހުން ވާހަކަ ދެއްކެވުމަކީ، ބައިނަލްއަގުވާމީ މަސްރަހުގައި ރާއްޖެއަށް ބަސްބުނުމުގެ ގާބިލިއްޔަތު ލިބިގެންވޭތޯ އާއި ރާއްޖެއަކީ އެކަމަށް ކުފޫ ހަމަވާ ގައުމެއްތޯ ބައިނަލްއަގުވާމީ މައިދާނުގައި ކުރެވޭ ސުވާލުގެ ޖަވާބު ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ކޮވިޑް-19 ބަލިމަޑުކަމަށް އަލިއަޅުވާލައްވައި، އެފަދަ ބަލިމަޑުކަމެއް ތަކުރާރުވިޔަ ނުދިނުމަށް މުޅި ދުނިޔެ އދ. ގެ އާންމު މަޖިލީހަށް ބަރޯސާވާކަމަށް ވިދާޅުވެފައިއެވެ.

ހަމައެހެންމެ އެމަނިކުފާނުގެ ތަގުރީރުގައި ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކުރައްވައި، ދުނިޔެއަށް ކުރިމަތުވެފައިވާ ޓެރަރިޒަމްގެ މައްސަލަ އާއި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ވާހަކަދެއްކެވިއެވެ.

އެގޮތުން ރާއްޖެއަށް ދެމި ނޯވެވޭ ދުނިޔެއެއްގައި އެހެން އެއްވެސް ގައުމަކަށް ދެމި ނޯވެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

https://sun.mv/157151

ރައީސްގެ އެ ދަތުރުފުޅުގައި ބައެއް ގައުމުތަކުގެ ލީޑަރުންނާ މަޝްވަރާ ބައްދަލުވުންތައް ބޭއްވެވި އިރު އޭގެ ތެރޭގައި ކުވޭތުގެ ބޮޑުވަޒީރު ޝައިހް ސަބާހް ހާލިދު އަލް ހަމަދް އަލް ސަބާހު އާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ހިމެނެއެވެ.

comment ކޮމެންޓް