އެމްޑީޕީގެ ލީޑާޝިޕާ ދެކޮޅަށް މި ލިބުނީ ބޮޑު ކާމިޔާބީއެއް: އަކްރަމް

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މާލޭ ދާއިރާގެ ރައީސް ކަމަށް ވާދަކުރެއްވި އަކުރަމް ކަމާލުއްދީން ---

ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ލީޑާޝިޕާ ދެކޮޅަށް ވާދަކޮށް ބޮޑު ކާމިޔާބީއެއް ލިބިއްޖެ ކަމަށް މާލޭ ދާއިރާގެ ރައީސްކަމުން ބަލިވެވަޑައިގަތް އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވަމުން ގެންދަވާ އަކްރަމާ ވާދަކުރައްވައި މާލޭ ދާއިރާގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރެއްވީ މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދެވެ.

އެކަމާ ގުޅޭ ގޮތުން 'ސަން'އާ ވާހަކަ ދައްކަވަމުން އަކްރަމް ވިދާޅުވީ އިންތިހާބު އެންމެ އިންސާފުވެރިކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ވޯޓުލަމުން ދިޔައިރު މަރުކަޒުތަކުގެ ތެރޭގައި ވެސް އޭނާއާ ދެކޮޅަށް ކެމްޕެއިން ކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑު އަސްލު ކާމިޔާބުވެއްޖެ. އެއީ އަޅުގަނޑު އެކަނި ހުރީ. މުޅި ޕާޓީގެ ލީޑާޝިޕާއި މަޖިލިސްގެ މާލޭގެ އެންމެ މެންބަރެއް ފިޔަވައި އެންމެން ވެސް ތިބީ އަޅުގަނޑާ އިދިކޮޅަށް،" އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ.

އެމްޑީޕީގެ ލީޑާޝިޕްގެ ގޮތުގައި އަކްރަމް ފާހަގަ ކުރެއްވީ އެ ޕާޓީގެ ރައީސް އާއި ޗެއާޕާސަންގެ އިތުރުން ނައިބު ރައީސެވެ.

އިދިކޮޅުން އެންޓި ކެމްޕެއިން ކުރި ނަމަވެސް އަކްރަމްގެ ކެމްޕެއިން ޓީމުން އެފަދަ ކަމެއް ކޮށްފައި ނުވާނެކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އިދިކޮޅު ކެނޑިޑޭޓް އޭނާއާ ދެކޮޅަށް ޕަބްލިކް ޓީވީގައި ވެސް އެންޓި ކެމްޕެއިން ކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން އިންތިހާބުން ނާކާމިޔާބުވި ނަމަވެސް އޭނާ އެމްޑީޕީއާ ދުރަށް ވަޑައިނުގަންނަވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި އެމްޑީޕީއާ އެކު ކުރިއަށް ގޮސް އެ ޕާޓީގެ އަޑު ކެނޑުނަ ނުދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ލީޑާޝިޕުން އަކްރަމާ ދެކޮޅަށް މަސައްކަތްކޮށްފައިވާކަމަށް އޭނާ ތުހުމަތުކުރައްވާއިރު، އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނު ތާއިދު ކުރައްވާނީ ބަރުލަމާނީ ނިޒާމަށް ތާއިދު ކުރައްވާ ކެނޑިޑޭޓުންނަށް ކަމަށެވެ.

comment ކޮމެންޓް