ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފެއް: ވެމްކޯ

ވެމްކޯގެ މުވައްޒަފެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މުވައްޒަފަކު ގެއެއްގެ ސިޑި މައްޗަށް ކުޑަކަމުދާ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވަމުން އަންނައިރު، އެއީ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ވީޑިއޯއާ ގުޅިގެން ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ އެ ވީޑިއޯއާ ގުޅިގެން އެ މައްސަލަ ދިމާވި ގޭބިސީއަށް ޒިޔާރަތްކޮށް، މައްސަލަ ހިނގި ގޮތް ބަލާފައިވާނެ ކަމަށެވެ.

ވެމްކޯއިން ބުނީ އެ މައްސަލައާ ގުޅިގެން އެކަން މެދުވެރިވި ކަސްޓަމަރުގެ ކިބައިން އެ ކުންފުނިން މާފަށް އެދިފައިވާކަމަށާއި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

ވީޑިއޯގައި ފެންނަ ވެމްކޯގެ މުވައްޒަފަކީ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފެއް ކަމަށް ވެސް ވެމްކޯއިން ބުނެފައިވެއެވެ.

"މިމައްސަލައިގައި ޝާމިލްވާ ވެށިފާރަވެރިޔާ އަކީ ނުކުޅަދުންތެރިކަން ހުންނަ ފަރާތަކަށް ވީ ނަމަވެސް، އެފަދަ އެއްވެސް އަމަލެއް އެމުވައްޒަފުގެ ފަރާތުން ކުރިން ފާހަގަވެފައި ނުވާކަން ދަންނަވަމެވެ." ވެމްކޯގެ ބަޔާނުގައި ބުނެފައިވެއެވެ.

ވެމްކޯއިން އިތުރަށް ބުނީ މި މައްސަލަ ދިމާވި މުވައްޒަފު މިހާރު ވަގުތީ ގޮތުން ކުނި ނެގުމުގެ މަސްއޫލިއްޔަތުން އެކަހެރި ކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން މައްސަލައިގެ ހަގީގަތް އޮޅޭ ގޮތެއް ހަބަރު ނުފެތުރުމަށް ވެސް ވެމްކޯއިން ވަނީ ގޮވައިލައިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް