އައްޑޫ ސިލްސިލާ މާރާމާރީ: އަނެއްކާވެސް ދެ މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަން: އެ ސިޓީގައި ހިންގި މާރާމާރީއަކާއި ގުޅިގެން މިއަދު ވަނީ ދެ މީހުން ހައްޔަރުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީގައި ހިންގި ސިލްސިލާ މާރާމާރީތަކާ ގުޅިގެން އަނެއްކާ ވެސް ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިދިޔަ ހަފްތާގެ ހުކުރު ދުވަހު, އައްޑޫ ސިޓީގައި ދުއްވާފައި ދިޔަ ސައިކަލެއްގައި ތިބި ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވަނީ، އުމުރުން 27 އަހަރުގެ ދެ މީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިދިޔަ ހަފްތާގެ ހުކުރު ދުވަހު، ހުކުރު ގަޑީގައި އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލި މައްސަލައިގައި މީގެ ކުރިން ވަނީ 31 އަހަރުގެ ފިރިހެނަކު ވެސް ހައްޔަރު ކޮށްފައެވެ. އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

މި މަހުގެ މެދު ތެރެއިން ފެށިގެން އައްޑޫ ސިޓީގައި އަންނަނީ ސިލްސިލާ މާރާމާރީތަކެއް ހިންގަމުންނެވެ. އެ މާރާމާރީތަކުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް ބައެއް މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދީފައިވެއެވެ.

އައްޑޫ ސިޓީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ފުލުހުންގެ ހިދުމަތް ދިނުމުގައި ހުރި ދަތިތައް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވެސް ވަނީ ބުނެފައެވެ.

comment ކޮމެންޓް