ވައިރަލް ހުން ފެތުރުން އިތުރުވެ، އައިޖީއެމްއެޗުން ފްލޫ ކްލިނިކެއް ހުޅުވަނީ

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮށްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ސަރަހައްދުގައި ވައިރަލް ހުމާއި ރޯގާ ފެތުރުން އިތުރުވުމުގެ ސަބަބުން އައިޖީއެމްއެޗުގައި ފްލޫ ކްލިނިކެއް ހުޅުވަން ނިންމައިފިއެވެ.

އައިޖީއެމްއެޗުން ބުނިގޮތުގައި ފްލޫ ކްލިނިކް ހުޅުވަން ނިންމާފައިވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ އިމާރާތުގައެވެ.

މާދަމާއިން ފެށިގެން ކޮންމެ ދުވަހަކު ވެސް ހެނދުނު 08:30 އިން ފެށިގެން ރޭގަނޑު 10:00 އަށް ފްލޫ ކްލިނިކްގެ ހިދުމަތްލިބޭނެ ކަމަށް އައިޖީއެމްއެޗްއިން ބުނެއެވެ.

އައިޖީއެމްއެޗްއިން ވަނީ ހުން އައިސް، ރޯގާގެ އެއްވެސް އަލާމާތެއް ހުރިހަމަ އެ ހޮސްޕިޓަލަށް ނުދިއުމަށް އިލްތިމާސްކޮށްފައެވެ.

އޭގެ ބަދަލުގައި ފްލޫ ކްލިނިކުން ހިދުމަތް ހޯދުމަށް އައިޖީއެމްއެޗުން ވަނީ އެދިފައެވެ.

އެޗްޕީއޭއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި މާލެ ސަރަހައްދުގައި ވޭތުވެދިޔާ ތިން މަސް ތެރޭގައި ވައިރަލް ހުމާއި ރޯގާ ފެތުރުން ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްވެފައިވުމުގެ ސަބަބުން ކުރިން ހިންގަމުން އައި ބައެއް ފްލޫ ކްލިނިކްތައް ވެސް ވަނީ ބަންދުކޮށްފައެވެ.

އެގޮތުން މިހާރު މާލޭގައި ފްލޫ ކްލިނިކް ހިންގަމުން އަންނަނީ ސެނަހިޔާގައެވެ. މީގެ އިތުރުން އޭޑީކޭ ހޮސްޕިޓަލުން އޮންލައިން ފްލޫ ކްލިނިކްގެ ހިދުމަތް ލިބޭއިރު ވިލިމާލެއާއި ހުޅުމާލޭގައި ވެސް އަންނަނީ ފްލޫ ކްލިނިކްގެ ހިދުމަތް ދެމުންނެވެ.

comment ކޮމެންޓް