ޖާބިރަށް ހަމަލާ ދިން މީހުންގެ ބަންދަށް 7 ދުވަސް ޖަހައިފި

ރައްޔިތުންގެ މަޖިލީހުގެ ކާށިިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އއ. މަތިވެރިއަށް ވަޑައިގަންނަވަނީ--

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އއ. މަތިވެރިއަށް ވަޑައިގަތުމުން ހަމަލާދިން މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ދެ މީހުންގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ކޯޓުން ޖަހައިދީފައިވާ ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ޖާބިރު މަތިވެރިއަށް ވަޑައިގަތުމުން، އޭނާއަށް ހަމަލާ ދިނުމާ ގުޅިގެން އެ ރޭ އޭނާ ވަނީ ފުލުހުންގެ ހިމާޔަތަށް ގެންގޮސްފައެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 22 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ 42 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެކެވެ.

ނަމަވެސް މީގެ ކުރިން މަތިވެރި ކައުންސިލްގެ ރަައީސް އަހުމަދު އަސްލަމް "ސަން"އަށް ވިދާޅުވީ ޖާބިރަށް އެއްވެސް މިންވަރަކަށް އަނިޔާއެއް ދީފައިނުވާ ކަމަަށެވެ. އަދި އެފަދަ އެއްވެސް އަމަލެއް ނުހިންގާނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އެ ހާދިސާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ޖާބިރު ވިދާޅުވީ، ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށްވާ އައިއެސްގެ މެންބަރުން މަތިވެރީގައި އުޅޭ ކަމަށެވެ.

މީގެ އިތުރުން މިވަގުތު އެއްވެސް ދިވެއްސަކު މަތިވެރިއަށް ދިޔުމަކީ ރަނގަޅެއް ކަމެއް ނޫން ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

comment ކޮމެންޓް