އެވިޑް ކޮލެޖުގެ އަހަރީ ދުވަސް ފާހަގަ ކުރުން މިފަހަރު ތިނަދޫގައި

އެވިޑް ފަހި ދަތުރު -- ފޮޓޯ/އެވިޑް ކޮލެޖު

އެވިޑު ކޮލެޖުގެ 16 ވަނަ އަހަރީ ދުވަސް މިފަހަރު ގދ. ތިނަދޫގައި ކުލަ ގަދަކޮށް ފާހަގަ ކުރަން ނިންމައިފިއެވެ.

އެވިޑު ކޮލެޖުގެ އަހަރީ ދުވަހަކީ ސެޕްޓެމްބަރު 12 އެވެ. އެހެން ނަމަވެސް މިފަހަރު އަަހަރީ ދުވަހުގެ މުނާސަބާ ފާހަގަ ކުރަނީ މި މަހުގެ 24 އިން 28 އަށެވެ.

އެ މުއްދަތުގެ ތެރޭގައި މާލެއާއި ތިނަދޫގައި ވެސް ގިނަ ހަރަކާތްތަކެއް ހިންގަން ރާވާފައިވާއިރު، އަހަރީ ދުވަހުގެ މައިގަނޑު ހަރަކާތްތައް ކުރިއަށްގެންދާނީ ގދ. ތިނަދޫގައެވެ.

އެ ހަރަކާތްތައް ތިނަދޫގައި ކުރިއަށްގެންދަން ނިންމި ސަބަބަކީ މާލެ ފިޔަވައި އެންމެ ފުޅާކޮށް އެވިޑު ކޮލެޖުގެ ކެމްޕަހެއް ހިންގަނީ ތިނަދޫގައި ކަމަށް ވާތީއެވެ. މީގެ އިތުރުން އެވިޑު ކޮލެޖުގެ ކޯސްތައް ހުވަދު އަތޮޅަށް ފުޅާކޮށް ރައްޔިތުން މިފަދަ ކަންކަމަށް ހޭލުންތެރި ކުރުވުމަކީ ވެސް އެވިޑް ކޮލެޖުގެ އަމާޒެކެވެ.

އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަަކައި އެވިޑް ކޮލެޖުގެ އެންމެ ސީނިއާ މުވައްޒަފުން ހިމެނޭ ގޮތަށް މާލޭ ކެމްޕަހުގެ 30އަށްވުރެ ގިނަ މުވައްޒަފުން ވަނީ ތިނަދޫއަށް ގޮސްފައެވެ.

އެ މުނާސަބަތުގައި ތިނަދޫގައި ހިންގާ ހަރަކާތްތަކަށް ބަލާއިރު މިއަދު ހަވީރު "ތުއްތު އުފާ"ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަސައްކަތު ބައްދަލުވުންތަކާއި ބަހުސް އަދި ވާހަކަ ދެއްކުމުގެ މުބާރާތެއްވެސް ކުރިއަށް ގެންދިއުމަށް އެވިޑު ކޮލެޖުން ވަނީ ނިންމާފައެވެ.

އެވިޑު ކޮލެޖުގެ އަހަރީ ދުވަހުގެ ބޮޑު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރެއެވެ. ރޭގަނޑު އަށެއް ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ އެ ޖަލްސާގައި 1966 އިން 1982އަށް ތައުލީމީ ގޮތުން ގދ. ތިނަދުއަށް ހިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކަށް "އެވިޑު ކޮލެޖުގެ ތައުލީމީ ޝަރަފު" އެރުވުމަށް ވަނީ ނިންމާފައެވެ.

ހޯމަ ދުވަހު ކޮލެޖުގެ ހުރިހާ މުވައްޒަފުން ގދ. ހައޮޑިގަލާއަށް ދަތުރެއް ދިއުމަށް ވަނީ ހަމަޖެހިފައެވެ. އެ ދަތުރުގެ ތެރެއިން އެވިޑު ކޮލެޖުން އަލަށް ފެށުމަށް ހަމަޖެހިފައިވާ ހޮސްޕިޓާލިޓީ ޕްރޮގްރާމް އިފްތިތާހު ކުރާނެއެވެ. އަދި އެ ދުވަހަކީ ބައިނަލްއަގުވާމީ ޓޫރިޒަމް ދުވަސް ކަމަށްވުމާ އެކު އެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދަތުރުގެ ތެރެއިން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ރާވާފައެވެ.

މީގެ އިތުރުން އެވިޑު ކޮލްޖުގެ ސީނިއާ މެނޭޖްމެންޓުގެ ބައެއް ފަރާތްތަކުން ގދ. ގައްދޫ، ފަރެސްމާތޮޑާ، ފިޔޯރީ އަދި ރަތަފަންދޫއަށް ޒިޔާރާތްކޮށް އެ ރަށްރަށުގައި ހަރަކާތްތަކެއް ހިންގުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އެވިޑު ކޮލެޖުގެ އަހަރީ ދުވަހުގެ މައިގަނޑު ހަރަކާތްތައް ލައިވްސްޓްރީމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިކަމުގައި ގިނަ ފަރާތްތަކެއްގެ އެއްބާރުލުން ލިބެމުންދާ ކަމަށް އެވިޑު ކޮލެޖުން މައުލޫމާތު ދެއެވެ.

comment ކޮމެންޓް