ލަވެންޑަރ....... 9

ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް ހަދީސް ކުރެއްވިއެވެ." މުސްލިމަކު ގަހެއް އިންދައި ނުވަތަ ދަނޑެއް ހައްދައި ދެން ދޫންޏެއް ނުވަތަ އިންސާނެއް ނުވަތަ ޖަނަވާރެއް އެ ގަހުން ނުވަތަ އެ ދަނޑުން ކައި ބޮއެ ހަދާ ފަހަރަކު އެ މުސްލިމަކަށްޓަކާ ސަދަގާތެއް ކަމުގައި ނުވާ މުސްލިމަކު ނުވެއެވެ."

***

"އަހަރެންގެ އޯޑަރު ޑެލިވާކޮށްދީފާނަންތަ؟ މާގިނައިރު އެބަވޭ. އިންތިޒާރުކުރާކަށް ވަގުތެއްނެތް...."

ކައިލް އަނގައިން ބުނުމެއްނެތި އެ ކަރުދާސްކޮޅު ހިފައިގެން ދާން ހިނގައިގަތެވެ. ސިއެނާ އެތަނުން ނުކުމެގެން ހިނގައިގަތްއިރު ރުޅިގަނޑު އިތުރުވަމުން ދިޔައެވެ. އޭނަގެ އާ ކެމެރާ ނިކަން ސިއްރުން ޕާސްއިން ނެގިއެވެ. އަދި ކައިލްގެ ފޮޓޯތަކެއް ނެގިއެވެ. ރަހުމް ކުޑަކަމާއެކު އޭނަގެ ހުށަހެޅުން ގަބޫލުނުކުރީތީ ކައިލް ހިތާމަކުރާވަރު ކުރާނެއެވެ.

***

ޖެހިގެން އައި ދުވަހު ސްވިސް އަލްޕް ސްކޫލުގައި ޕޯސްޓަރުތަކެއް ސިއްރުންބަހައިލެވުނެވެ. އޭގެ މަތީގައި "ޖީނިއަސް ފިރިހެންކުއްޖާއަކީ މުއްސަދި ވަލީއަހުދެއް ނޫންކަމާއި ބޭކަރީއެއްގައި މަސައްކަތްކުރާ ފަގީރު ކޮޔެއް ކަމުގައި ލިޔެފައި ކައިލް ބޭކަރީގައި ބޮކި ހަރުކުރާ މަންޒަރުގެ ފޮޓޯއެއް ހުއްޓެވެ.

" ގޯޝް. އަހަރެން އަބަދު ހީކުރީ ވަރަކަށް މުއްސަދިއާއިލާއެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިކަމަށޭ"

"އޭނަ އެހާ ފަގީރުވެފައި އަބަދު މަސައްކަތްކުރަންޏާ އެހާ މަތީ ގްރޭޑް ހޯދަނީ ކިހިނެއް؟ އޭނަގެ ސިއްރަކީ ކޮބައިތަ؟"

"އަހަރެންގެ ޝައުގު ގެއްލިއްޖެ"

އަންހެންކުދިންގެ ތެރޭ ވާހަކަ ހިލެމުން ދިޔައީ ހުއިގަނޑެއްގައި އަލިފާން ރޯކޮށްލުމުން ހުޅުހިފާ ފަދައިންނެވެ. އެ ސިއްރުވެރި ފޮޓޯނެގީ ކާކުކަމެއްވެސް ނޭގި އަންހެންކުދިން އެމީހަކަށް ފެނުނުގޮތަކަށް ޚިޔާލު ފައުޅުކުރިއެވެ. ސިއެނާ އޭނަގެ ޑެސްކްގައި އިށީދެގެން އިންއިރު މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމުގެ ކުލަވަރެވެ. އޭނަގެ ރޭވުން ކާމިޔާބުވީއެވެ. އޭނަގެ ބޭނުމަކީ ސްކޫލް ހުރިހާ ކުދިން ކައިލް ބާކީކޮށްލުމެވެ. އޭރުން އެންމެ ކުޑަވެގެން އެ ފިރިހެނާ ތަންކޮޅެއް ބޮޑާކަން ކުޑަވެ ފިނި ހިތްވެސް ތަންކޮޅެއް މައިތިރިވެދާނެއެވެ. އޭނަ ބޭނުމީ ކައިލް ފައިދަށަށް ތިރިވެ އޭނައަށް އާދޭސްކޮށް އޭނަ ގަބޫލުކުރުމަށް އެދުމެވެ.

"މިއީ ކަލޭގެ ކަމެއް ދޯ..ނޫންތަ؟" އައިޒަކް ކްލާހަށް ވަނެވެ. އޭނަ އަތުގައި އޮތީ ސްކޫލް ހޯލުތެރެއިން ފެނުނު ޕޯސްޓަރެކެވެ."ތެދުވެރި ލޯބިދެކެ މިހާ އަވަހަށް ފޫހިވީ؟"

އައިޒަކް ލޯ ހަނިކޮށްލަމުން އިށީނީ ސިއެނާއާއި ޖެހިގެން ހުރި ޑެސްކްގައެވެ.

"ޝަޓަޕް އައިޒަކް. މަގޭ ކަމެއްނޫން ތީ...."

"ހޫމް ރަގަޅަށް ތިބުނީ.. ހޮޓް ޕިންކް ކާރެއްގައި ރަށް ކުޑަކުރަމުން ހަމަބުއްދި ހުރި މީހަކު ނޫޅޭނެ...." އައިޒަކް ބުނެލިއެވެ.

"ތިބުނީ ކީކޭ؟"ސިއެނާ ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ.

"ބޭކަރީ ބިއްލޫރިގަނޑަށް އެޅިފައިވާ ރިފްލެކްޝަނަށް ބަލައިލަބަލަ...." އައިޒަކް އެދުނެވެ. ސިއެނާގެ ނަޒަރުގައިވެސް އަޅައިގަތީ ބޭކަރީގެ ބިއްލޫރިގަނޑުން ކުޑަކޮށް ކާރު ފެންނަ ތަނެވެ. ސިއެނާ ހިން ދިރުވާލައިފިއެވެ.

"އަހަރެންގެ އެކަނިއެއް ނޫން ކާރެއް އޮންނަނީ....." ސިއެނާގެ މޫނުމަތިން ފެނުނު ކުށްވެރިކަމުގެ އިހުސާސްތައް އޮއްބައިލަން އޭނަ ކެއްސައިލިއެވެ.

"އަހަންނަށް އެނގިފައިވާގޮތުން ޕްރިންޓްކުރުމުގެ ޕްރިވިލެޖް އޮތީ މަ ނޫނީ ސިއެނާއަށް. ޔަގީންވާކަމަކީ މަށެއް ނޫންކަން. ހެއްވާ ތަންކޮޅަކީ ޕަބްލިޝިން ކޮމްޕެނީއެއްގެ ސީއީއޯއަކީ ކާކުގެ ބައްޕައެއްތަ؟" އައިޒަކް ބުމަ އަރުވާލިއެވެ.

"ތަންކޮޅެއް މަޑުން ވާހަކަދައްކަބަލަ އައިޒަކް..." ސިއެނާ މަރުގެ ނަޒަރަކުން ބަލައިލަމުން އަޑެއް ނެރެލިއެވެ."އާނ. އެއީ އަހަރެން. ދެން ކޮންކަމެއްތަ؟ ތިއީ ކައިލްގެ އެކުވެރިއެއްވެސް ނޫން. ވީމަ މިކަމުގެ ތެރެއަށް ނުވަދެ ހުރޭ......"

"އަހަންނަށް ހެވޭ. އެކަމަކު ފަރުވާތެރިވެގެން އުޅެބަލަ. ހީވާގޮތުން ސިއެނާގެ ބައްޕައަށް މި ކަންތައްގަނޑު އެނގިއްޖެ. މިކަހަލަ ކޫސަނި... އެކްޓަކަށް ސިއެނާގެ ބައްޕަގެ ޕްރިންޓަރ ބޭނުންކުރީމަ......" އައިޒަކް ކޮނޑުއަރުވައިލިއެވެ.

"ކިހިނެއް ބައްޕައަށް އެނގުނީ؟" ސިއެނާ ލޯ ބޮޑުކޮށްލިއެވެ. ސިއެނާގެ ބައްޕައާއި އައިޒަކްގެ ބައްޕަގެ ގުޅުން ރަގަޅުވެފައި އެ ދެއާއިލާވެސް އެހާ ގުޅެއެވެ. އަދި ވިޔަފާރީގެ ކަންތައްތަކުގައި މަސައްކަތްކުރަނީވެސް އެކީގައެވެ.

"އަހަރެމެންގެ ގެއިން ފެނުނު. އަދި އޭގެ ޕޯސްޓަރެއް އަތުގައި އޮތްހެން ހީވޭ..." އައިޒަކް އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ." ގެއަށް ދިޔައިމަ ބޮޑު ހައިޖާނުގަނޑެއް ހިނގާނެ. ތައްޔާރަށް ހުރޭ...."

އައިޒަކް ކުޑަކޮށް ހީލިއެވެ. ސްކޫލްގެ ގިނަކުދިންނަށް ޕޯސްޓަރުފެނިގެން އެ ވާހަކަ ދެއްކުމުންވެސް ކައިލް އެކަމާ ކަންބޮޑުވެގެން ނޫޅުމުން ސިއެނާ ހިތާމަކުރިއެވެ. ކްލާސްކުއްޖެއްކަމަށްވާ މިލީ ކައިލްއަށް ޕޯސްޓަރ ދެއްކިއެވެ.

"ކައިލްއާއި ބެހޭގޮތުން ކިޔާ އެއްޗެއް ބަލައިބަލަ..."

ކައިލް ހަމައެކަނި ބުނެލީ އޭގައި ދޮގެއް ނުވާ ކަމުގައެވެ. އޭނަ ފަހަރެއްގައިވެސް ކުދިން ގާތު އޭނައަކީ މުއްސަދި އާއިލާއެއްގެ ކުއްޖެއްކަމުގައި ދެކެން ނުބުނެއެވެ. އަދި އެހެން ކުދިން ދެކޭގޮތެއް އޭނައަށް މުހިއްމެއްވެސް ނޫނެވެ. ކައިލްއަށް މި އަމަލު ހިންގީ ކާކުކަން އެނގުނެވެ. އެކަމަކު މިއީ ކައިލްއަށް ޒައްރެއްގެ މިންވަރަށްވެސް މައްސަލައަކަށް ނުވުމުން ސިއެނާއާއި ކުރިމަތިލާކަށް ބޭނުމެއްނުވިއެވެ. މިކަހަލަ އަމަލު ހިންގައިގެން ސިއެނާގެ ފަޚުރަށް ލިބިފައިވާ ގެއްލުން އަދި ކައިލްގެ އެއްވެސް ޝައުގެއް ސިއެނާއަށް ނެތުމުން އެހިތަށް ޝިފާ ލިބޭނެކަމަކަށް ވަންޏާ ކުރަންވީއެވެ. އެކަމަކު އޭގެ އަނެއް ކޮޅުން ނޯރާގެ މޫނު އެ ޕޯސްޓަރުން ކޮންމެވެސް ވަރަކަށް ފެންނާން ހުރުމުން ނޯރާއަށް އެގޮތް ރަގަޅުހެއްޔޭވެސް ސުވާލު އުފެދުނެވެ. ނޭގިނަމަވެސް އެފޮޓޯ ނެގިއިރު ނޯރާވެސް އެއަށް އަރާފައި ހުއްޓެވެ. އެވަގުތު ނޯރާވެސް ބޭކަރީގައި މަސައްކތް ކުރަން ހުރީމައެވެ.

***

ރިހާނާ ގެ ތުއްތު ދަރިފުޅު މޭގައި ބޮނޑިކޮށްލަމުން ބަލަން އިނީ ލޯބިން ބަންޑުންވާފަދަ ނަޒަރަކުންނެވެ. އިސްހާގުވެސް ކާނެ އެއްޗެއް ހިފައިގެން އައީ އެވަގުތުގައެވެ. މޭޒުމަތީގައި ކާއެއްޗެހި ބެހެއްޓުމަށްފަހު އޭނަ އިށީދެލީ ސޯފާގައެވެ. އިސްހާގުގެ މޫނަށް ރިހާނާ ނަޒަރު ހުއްޓައިލިއެވެ. ވަރުބަލިކަމާއެކު އުމުރުން ދުވަސްވެ ބަލިކަށިކަމަށް ދައްކާކަމަށް ފާހަގަވިއެވެ. އޭނަގެ މެޔަށް ބާރުވެލިއެވެ. ކުށްވެރިކަމުގެ އިހުސާސްގައި އޭނަ ގެނބެނީއެވެ. އިސްހާގު އޭނައަށް ހާދަ ހެވެވެ. އަދި އެހާ ވަރަށް އަޅާލައެވެ. އެކަމަކުވެސް އިސްހާގު އޭނަދެކެ އެއްވެސް ވަރަކަށް ލޯބިނުވާކަން ދަނެއެވެ. އެ ކައިވެންޏަސް ދިހަ އަހަރުވީއިރުވެސް އިސްހާގު އެ ދުލުން ލޯބިވާ ވާހަކަ ބުނި އަޑު އޭނަ އަހާފައެއް ނެތެވެ. ފިރިޔަކާއި އަންބަކަށްވުރެ އެދެމީހުން ދުވަސްވީ އެކުވެރިންފަދައެވެ. ސަޕޯޓް ހޯދުމަށް އެކަކު އަނެކަށް އެދެވެނީއެވެ. ރިހާނާއަށް ފާހަގަވީ އިސްހާގުގެ ނަޒަރު މޭޒުމަތީގައި ހުރި ކާނޭޝަންތަކަށް ހުއްޓުފައިވާކަމެވެ.

"އޯ.....އެމާތައް. މިކާލް ޖައްސައިލި....އިސްހާގުގެ އެކުވެރިއާއާއެކީ. އޭނަގެ ނަމަކީ ކޮބައިތަ؟ ކައިލް ރަގަޅަށް ތަ މިބުނެވުނީ. އޭނަ މިމާތައް ހަދިޔާކުރީ..."ރިހާނާ ތަފްސީލު ދިނެވެ. "ކޮންފަދަ ސްވީޓް ކުއްޖެއް. އެކަމަކު އެހާ ގިނައިން ވާހަކައެއް ނުދައްކާ...."

"އާހް...ކައިލް.." އިސްހާގު ބޯ ޖަހައިލިއެވެ. ކައިލް އިސްހާގުގެ ގާތުން ދަރިފުޅުގެ ޚަބަރުވެސް ނާހައެވެ. ކައިލް އޭނަގެ އިހުސާސްތައް ދައްކުވަނީ އެހެންމީހުންނާއި ތަފާތުކޮށެވެ. އޭނަގެ މަންމަ ފަދައިންނެވެ. ބޭރުފުށުން ހީވާނީ ފިނިހިތްތަކުގެ ވެރިންހެންނެވެ. އެކަމަކު އެމީހުން އެނގޭވަރަކަށް އެމީހުންނަށްޓަކާ ހިތުގައި ކުލުނާއި ލޯބި އުފެދޭނެއެވެ. އެތަނުގައި ދެމިގެން ދިޔަ ހިމޭންކަން ބޯވެގެން ދިޔައީ ދެމީހުންވެސް އަނގައިން ނުބުނެ ތިބުމުންނެވެ. ގަރުނެއް ފާއިތުވެގެން ދިޔަހެން ހީވިއެވެ. އެންމެފަހުން ރިހާނާއަށް ނީދެވިގެން ވާހަކަ ފެށިއެވެ.

"އިސްހާގު. އެންމެ ފަހަރަކުވެސް ބޭބީ އުރާނުލާ. ދަރިފުޅު ނުނަގާނަންތަ؟" އިސްހާގުގެ ލޮލަށް ނުބަލަން މަސައްކަތްކުރަމުން ރިހާނާ ބުނެލިއެވެ. އިސްހާގު އޭނަގެ މޫނަށް ބަލަން އިނެވެ.

"ކޮންއިރަކު އަހަރެން ގާތު ބުނަނީ؟" އިސްހާގު ބުމަ އަރުވައިލިއެވެ. ނޭގޭކަމަށް ހެދިގެން އިތުރަށް ހުރެވޭކަށް ނެތެވެ."ތި ކުއްޖާގެ ބައްޕައަކީ ކާކު؟"

ނިދިފައި އޮތް މައުސޫމް މޫނަށް ބަލައިލުމާއެކު ރިހާނާގެ ލޮލުގެ އެސްފިޔަތައް ފޫދުއްވާފައި ކަރުނަ ދެމިގެންފިއެވެ." ކިހިނެއް.........." ރިހާނާއަށް ރަގަޅަށް ވާހަކަވެސް ނުދެއްކުނެވެ.

"ބޭބީއަކީ ލޭ އަޅާ ކުއްޖެއް. ތެލެސީމިއާ ކުއްޖެއް...ނޫންތަ؟" އިސްހާގު ބުނެލިއެވެ. އެކަމަކުން ޔަގީންވީ އިސްހާގުއަކީ ބައްޕަ ނޫންކަމެވެ. އޭނައަކީ ކެރިއަރެއް ނޫނެވެ. ތެލެސީމިއާ ލޭ އަޅާ ކުއްޖެއް ލިބޭނީ މަންމައާއި ބައްޕަވެސް ކެރިއަރުންނަށް ވުމުންނެވެ.

"ކޮންއިރަކު؟" އިސްހާގު ވަރުބަލިވެފައިވާ ގޮތަކަށް ނޭވާއެއް ދޫކޮށްލިއެވެ.

"އިސްހާގު އަހަރެން ވަރިކުރީ....ތިންމަސް ފަހުން އެނގުނީ..." ރިހާނާ ކުޑަވިއެވެ. ކުށްވެރިކަން އޭނަ މަރައިލަނީއެވެ.

"އަހަރެމެން ކައިވެނިކުރީ...މަގޭ ދަރިއަކަށް ބަލިވެއިން ކަމަށް ހީކޮށް..." އިސްހާގުގެ އަތް މުށްކެވުނެވެ.

"އައިމްސޮރީ އިސްހާގު.." ރައިހާނާގެ ލޮލުން ކަރުނަ އޮހިގަތްއިރު ދަރިފުޅުވެސް ބާރުބާރަށް ރޮއިގަތް ގޮތީ މަންމަގެ ހިތާމަ އިހުސާސްކުރެވިފައި ކަހަލަ ގޮތަކަށެވެ. އޭނަ ރިހާނާ ރޯތަން ބަލަހައްޓައިގެން އިރުކޮޅެއްވާންދެން އިނީ ހިމޭނުންނެވެ.

"ކުއްޖާގެ ހަގީގީ ބައްޕައަށް އެނގޭތަ؟ އޭނަ ހުރީ ދަރިފުޅާއި އަޅާލަންތަ؟" އިސްހާގު ތެދުވެފައި ރިހާނާގެ ކޮނޑުގައި އަތް ބޭއްވިއެވެ." އަހަރެން ރިހާނާ ކުށްވެރިއެއް ނުކުރާނަން. އަހަރެންވެސް ވީ އެންމެ ރަގަޅު ފިރިމީހާއަކަށް ނޫން. އަހަރެންވެސް މާފަށް އެދެން...."

އިސްހާގުގެ އަޑުގައި ތެދުވެރިކަން ހުއްޓެވެ. އޭނަ އެނބުރި ދާން ހިނގައިގަތެވެ. ރިހާނާއަށް ބޮޑަށް ސަކަރާތްވީ ކޮން ކަމަކާއި ކަމެއް ނޭގުނެވެ. އޭނައަށް ދަރިފުޅު ލިބުނީ ކައިވެނިން ބޭރުގައި ގުޅުން ހިންގުމުން ކަމެއް ނޫނީ އޭނަ އުއްމީދުކުރި ފަދައިން އިސްހާގުގެ އެއްވެސް ފަރުވާލެއް ނެތްކަމުން ކަމެވެ. އަދި އެއަށްވުރެ ނުބައިވީ އިސްހާގު މާފަށް އެދުނީތީއެވެ.

***

މަސައްކަތް ނިމުމުން ނޯރާ މޯޅިއަކަށް ދެމިލިއެވެ. އެތަނުގައި މަސައްކަތްކުރާތާ ދެ ދުވަސްވެ އަދިވެސް އެ "ރޫޑް" ފިރިހެނާގެ ނަން ނޭގޭކަމާއިމެދު އަޖައިބުވިއެވެ. އޭނަ ނަން ޓެގްކޮޅެއް އަޅައިގެނެއް ނުހުރެއެވެ. އަދި އޭނައަށް އެ ފިރިހެނާގެ ނަން ނޭގޭތީ ޖެއްސުމަށް މިކާލް ފަހަރަކު ނަމަކުން ގޮވާ އުޅެއެވެ. އޭނަ ކޮންމެހެން އެ ފިރިހެން ކުއްޖާގެ ނަން ހޯދައިގެން އެކުވެރިވާން އުޅެނީއެއްވެސް ނޫންތާއެވެ. އެކަމަކުވެސް މާމަގެ ޚަބަރު އޮޅުން ފިލުވަން ބޭނުމެވެ.ޒާފިރާ ލޯފަން ކަން އޭނަ ދަނެއެވެ. އެންމެ ފަހަރަކު ދިމާވިއިރުވެސް ޒާފިރާ އޭނަގެ އުފަން ގައުމާއި ބެހޭގޮތުން ވާހަކަދެއްކިއެވެ. އެއީ ދިވެހި ރާއްޖެއެވެ. ނޯރާގެ ބައްޕަގެވެސް އުފަން ރަށެވެ. އޭނަ ޒާފިރާ ދެއްކި ވާހަކަތައް ޝައުގުވެރިކަމާއެކު އެހިއެވެ. އަދި އެ އެރީތި ނޫ ކަނޑު ދެކެލަން ހިތް އެދުނެވެ. އަދި ދެފައިތިލަ އެ މަޑު ދޮންވެލިގަނޑުގައި ބީހިލުމަށް އެދެވުނެވެ.

ނޯރާއަށް އެއްޗެކޭ ނުބުނެވެނީސް ކައިލް ދުވަހުގެ މަސައްކަތް ނިންމާލާފައި ބޭކަރީއިން ނުކުމެގެން ހިނގައިގަތެވެ. އޭނަގެ ލޮލަކީ ދުނިޔޭގައިވާ އެންމެ ހިތާމަވެރި ލޯކަމުގައި ނުވާނަމަ އޭނަދެކެ ނަފްރަތު ކުރެވުނީހެވެ. އޭނައަށް ބެލުމުން ދެރަވެ ހިތާމަ ކުރެވުނެވެ. މީހެއްގެ މޫނުމަތިން ތާއަބަދު ހުސްކަން ފެންނަންވީ ކީއްވެހެއްޔެވެ؟ އެންމެ ފަހަރަކުވެސް ހިނިތުންވެލިތަނެއްވެސް އޭނަ ނުދެކެއެވެ. އެހާ ޅައިރު މައިންބަފައިން ގެއްލުނީމަ ހެއްޔެވެ؟ ކޮންމެވެސް ސަބަބަކާއިހެދި ނޯރާގެ ހިތް ހަމްދަރުދީން ފުރުނެވެ. އޭނައާއި ބެހޭގޮތުން އެނގެން އެހާ ޝައުގު ވެރިވި ސަބަބަކީ އެއީކަން ނޭގެއެވެ.

ބޭކަރީގެ ކުރިމަތީގައި ހުރި ބައްތި ހޮޅިދަނޑިއަކަށް ލެނގިލައިގެން ކައިލް ހުއްޓުނު މަންޒަރު ދެކެން ނޯރާ ހުއްޓެވެ. ކައިލް ކަނައަތް ފަޅިއަށް ބަލަން ހުރުމުން ނޯރާއަށް ފެނުނީ އޭނަގެ މޫނުގެ އެއް ފަޅިއެވެ. އޭނަގެ ރީތި ހަށިގަނޑަށް ފިޓްވާގޮތަށް ފަހާފައިވާ ބީޖް ފަޓްލޫނަކާއި ހުދު ޓީޝާޓަކާއެކު ގަދަ މުށިކުލައިގެ ޖެކެޓެއް ލައިގެން ހުރިއިރު އޭނައަކީ އަންހެންކުދިން ގާތު މަގުބޫލު ގަޔާވާ މީހަކާއި ވައްތަރެވެ. އެކަމަކުވެސް ކައިލް އެންމެ އަންހެންކުއްޖަކާއި ވާހަކަދައްކަނިކޮށް އޭނަ ދެކެފައެއް ނުވެއެވެ. މިކާލް އަންހެންކުދިންނާއި ސަމާސާކުރާއިރު ކައިލް އެއްގޮތަކަށްވެސް މީހުންނާއި ނުގުޅެއެވެ." ކޯންޗެއް އަދި ތިވިސްނަނީ؟" އަމިއްލައަށް ރިއަލިޓީ ޗެކްކުރަން އޭނަ ކޯތާފަތުގައި ޖެހިއެވެ. އޭނަ އެއްވެސް ފިރިހެންކުއްޖަކަށް މިހާ ޝައުގުވެރިވީ ކޮންއިރަކު ހެއްޔެވެ؟ ކައިލް ތުނބުގައި ސިގްރެޓެއް ޖެހިއެވެ. އަދި ޖީބަށް އަތް ބާނައިގެން ހާވަމުން ދިޔައެވެ. ނޯރާ ދެކުނުގޮތުން ލައިޓަރު ނެތީއެވެ. މިއީ ނޯރާއަށް ދަސްވި އޭނަގެ އާ ސިފައެކެވެ. ކައިލް ސިގްރެޓް ބޯކަމެއް އޭނަ ނުދަނެއެވެ. އޭނަގެ ހަށިގަނޑުން އެއްގޮތަކަށްވެސް އެފަދަ ވަހެއް ނުދުވައެވެ.

***

ކައިލް ސިގްރެޓެއް ބޯލަނީ މަދު ފަހަރެއްގައެވެ. ސިކުނޑި މާ ބޮޑަށް ހަލަބޮލިވުމުންނެވެ. މިރެއަކީ އެފަދަ ރެއެކެވެ. އޭނަގެ ކަނައަތް ފަރާތުން ތަންކޮޅެއް ދުރުގައި ހުރި ދިގު ގޮނޑިއެއްގައި އިށީދެލައިގެން އިން މީހަކު ފެނުނެވެ. ދުރުން ފެނުމުން ކާކުކަން ޔަގީން ނުވިޔަސް ކަޅު ހިޔަންޏެއްގެ ސިފައިގާ އެ ފެންނަ މީހާ ދަންނަ ވައްތަރެއް ޖެހިއެވެ. އެއީ ކާކުކަން އެނގެންދެން ބަލަންހުއްޓެވެ. އެއީ އިސްހާގުއެވެ. އެކަމަކު އޭނަ ސިގްރެޓް ބޮނީ ކީއްވެހެއްޔެވެ؟ އޭނަ ދެނެ ހުރިގޮތުން އިސްހާގު ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓައިލިތާ ކިތަންމެ އަހަރެކެވެ.

"ލައިޓަރު ލިބިދާނެތަ؟" ކައިލް ގޮނޑިން ޖާގަ ހޯދިއެވެ. އިސްހާގު ކުޑަކޮށް ސިހޭގޮތްވެފައި ބޫޓުން އެރިގޮތަށް ސިގްރެޓެއް ނިވާލައިފިއެވެ. އަދި ކައިލްގެ ތުނބުގައި ހުރި ރޯނުކޮށް ހުރި ސިގްރެޓްވެސް ދަމައިގެންފާ ތަޅުންމައްޗަށް ޖަހާލައިފިއެވެ.

"ސިގްރެޓް ބުއިމާއި ބެހޭގޮތުން އަހަރެން ބުނީ ކީކޭ؟" އިސްހާގު ބުމަ ކައިރިކޮށްލިއެވެ.

"ވަޓް އެ ހިޕޮކްރައިޓް....."ކައިލް ޖެކެޓްގެ ޖީބަށް އަތް ޖަހައިލަމުން އަމިއްލަ ނަފުސަށް އިވޭވަރަށް ކިޔާލައިފިއެވެ.

'ފަހުން އަދި އަހަންނަށް ޝުކުރު އަދާކުރާނެ ސަން.....އެއާއި ނުލާ ނޫޅެވޭވަރުވުމުގެ ކުރިން ހުއްޓައިލާ. ދެވިހިފުމަކީ ނުރައްކާތެރިކަމެއް." އިސްހާގު ބުނެދިނެވެ. ދެމީހުންގެ އިސްތަށިގަނޑާއި ކުޅެލާފަދަ ފިނި ވައިރޯޅިއެއް ގަސްތަކުގެ ގޮފިތަކުގައި އަޅުވާލާފައި ދަތުރުކުރިއެވެ." ކޮންމެ ކަމެއް ކުރިޔަސް ކޮންމެ އެއްޗެއް ދެކެ ރުހުނަސް މި ވަގުތީ މަންޒިލްގެ އެއްވެސް އެއްޗަކަށް ދެވިނުހިފާތި. އުފާވެރިކަން ހޯދުމަށް ހެއްދެވިފަރާތް ނޫން ފަރާތަކަށް ބަރޯސާ ނުވާތި. ސަބަބަކީ މި ދުނިޔޭގެ ކޮންމެ އެއްޗަކީ އެއްގޮތުން ނުވިއްޔާ އަނެއް ގޮތުންވެސް ހިތްދަތިކުރުވާނެ އެއްޗަކަށް ވާތީ..."

ކެއްސައިގަތްގޮތަށް ކޮށި އަރައިގަނެގެން ވާހަކަ މެދުކަނޑައިލަން ޖެހުމުން ކައިލްވެސް ކަންބޮޑުވެފައިވާ ނަޒަރަކުން ބަލާލައިފިއެވެ." ކިހިނެއްވީ؟ ކަމެއް ގޯސްވީތަ؟"

އަހަރެން ރިހާނާ ވަރިކޮށްފިން....."

ކައިލްއަށް ބުނާނެ އެއްޗެއް ނޭގުމުން ހިމޭންކަން ޚިޔާރުކުރިއެވެ.

އިސްހާގުގެ ބުރަކަށީގައި މަޑުމަޑުން ފިރުމައިލުމުން އޭނަ ކުޑަކޮށް ހުނެވެ.

"އަހަރެން ހިތާމައެއް ނުކުރަމޭ. އެނގޭތަ؟ ވަރީގެ ސަބަބަކުން ނޫން...." އިސްހާގު ބުނެދިނެވެ." ޔޫ ސީ. އަހަރެންނަށް ލޯބިވެވުނީ އެންމެ އަންހެނަކު ދެކެ. ގޯޖަސް އަންހެނެއް. ހަމައެކަނި ބަލާބެލުމަކަށް ނޫން. އަޚުލާގު އެހާ ރަގަޅު. ބިހޭވްކުރާގޮތް. އެއީ ރަގަޅު އަންހެނެއް. އަޅުވެރިވެސް މެ. އޭނައައެކު ކިޔެވި އެންމެންވެސް އޭނައަށް ފޯލްވި . އަހަންނަކީވެސް އެހުރިހާ އެންމެންގެ ތެރެއިން އެކެއް." އިސްހާގު މާޒީގައި ހިނގާ ކަންތައްތަކުގެ ޚަބަރު ކައިލްއަށް ކިޔާދެއެވެ. ކަނުލާ އަހަން އިނުމުގައި ކައިލް ވަރެއް ނެތެވެ. ކައިލް އެގޮތަށް އަޑުއަހަން އިންނަނީ ކައިލް ކުރާނެ އެހެން މަސައްކަތެއްނެތުމުން ކަމުގައި އިސްހާގު ދެކުނެވެ. އެކަމަކު ހަގީގަތުގައި ކައިލް އެ ވާހަކަތަކާއި ގަޔާވެއެވެ. އޭނަގެ ހިތުގައި އިސްހާގުއަށްޓަކާ ޚާއްސަ ކަމެއްވިއެވެ. އިސްހާގު އެހީތެރިނުވިނަމަ އޭނަ އުޅޭނީ ކޮންފަދަ ހާލެއްގައި ކަމެއްވެސް ނޭގެއެވެ.

"އަހަރެން ދެކޭގޮތުން އަހަންނަކީ ނަސީބު ގަދަ މީހެއް...ސަބަބަކީ އޭނަވެސް އަހަންނާއި ރުހުނީތީ. ދުވަސްކޮޅަކަށް ނަމަވެސް އަހަރެން ދެކެ ލޯބިވި. އޭރު އަހަންނަށް ގޭންގްތަކާއި ގުޅެވުނީ. އެ ގޭންގާއި ގުޅިގެން އުޅުނުއިރު ދީނަކީ އެއްވެސް އެއްޗަކަށް ނުވި. އާއިލާ މީހުން ފައްޅިއަށް ދާއިރު އެމީހުންގެ ފަހަތުން ދާންޖެހުމުން ދިޔައީ. އޭރުވެސް އެއިން ކޮންމެ ހަރަކާތެއް ބޭކާރު މަޖާ ކަމެއްގެ ގޮތުގައި ފެނުނީ. އެކަމަކު އަހަރެން އޭނަ ގާތުން އިސްލާމް ދީން ދަސްކުރަމުން ދިޔައީ. އަހަރެން ވައުދުވިން ގޭންގާއި ދުރުހެލިވެ އޭނައަށްޓަކާ ރަގަޅު މީހަކަށް ވާނެކަމުގައި. އޭރު އަހަރެމެންގެ އުމުރުން އެންމެ އަށާރަ. އެހާ ޅަ އެކަމަކު އަހަރެމެން ކައިވެނީގެ ވާހަކަދެއްކިން. ހުރިހާ އުފާވެރި ހުވަފެންތަކާއި ގޯލްސްތަކާއި. އެއް ދުވަހަކު މި ގޭންގްތައް ވަރުގަދަ ފައިޓަކަށް ދިޔައީ. އަދި އަހަރެންގެ ގައިގެ އެތަން މިތަނަށް ވަޅި ހަރައިލީ. އޭނަ ގާތު ވައުދުވީ ފަހުންވެސް ތިންވަނަ ގޭންގް ފައިޓްއާއި އެ ކުރިމަތިލެވުނީ. އެމީހުންނާއެކު ނޫޅޭނެކަމަށް ބުނެފައިވެސް އުޅެވުނީ. އޭނަ އަހަރެން ދެކެން ހޮސްޕިޓަލަށް އައި. ހުރިހާ ވައިރުތަކާއި ގުޅާފައި އޮތްވާ. އޭނަ ބުނީ މިހާރު ފުދޭވަރުވެއްޖެއޭ. އޭނަ އިތުރަށް އަހަންނާއި ކައިވެނި ކުރަން ބޭނުމެއް ނޫނޭ. ސަބަބަކީ ކައިވެންޏަށްފަހު އޭނަ އެކަނި ގޭގައި އަހަރެމެންގެ ދަރިންނަށް ކާންދީ ހަދަން އެކަނި އިންދާ ލެޔާއި ތެމިގެން ހުރެ އަންނަ މަންޒަރު ދެކެން ބޭނުންނުވާތީ......."

އޭނަ ދޫކޮށްލާފައި ދިޔައީތަ؟" ކައިލް ސުވާލުކުރުމުން އިސްހާގު ބޯ ޖަހައިލިއެވެ.

"އެކަމަކު ފަހުން އަހަންނަށް އެނގުނުގޮތުން އޭނަގެ ބައްޕަ މަޖުބޫރުކުރަމުން ދިޔައީ އަހަރެމެންގެ ގުޅުން ކަނޑައިލަން. ކިޔަމަންތެރި ދަރިއަކަށް ވާތޯ އޭނަ އަހަރެން ދޫކޮށްލީ. އަހަންނަށް އެނގުނު އޭނަގެ ބައްޕަ ވަރަށް ބަލިކަމާއި އިތުރު ތަދެއް ދޭން ބޭނުންނުވާކަން...."

"އޭނަގެ ބައްޕަ ނިޔާވުމުން އަހަރެން ހޯދަން އައި. އަހަރެންގެ އުޅުން އިސްލާހުވެ ރަގަޅު މަގު ޚިޔާރުކޮށްފިކަމުގެ އުއްމީދުގައި އައީ. އެކަމަކު ހަގީގަތަކީ ހަމަ ކުރީގެ އިސްހާގުއަށް ވީކަން. މަގުއޮޅިފައިވާ ޒުވާނެއް. އަދި ބޭނުން ކޮންމެ ކަމެއް ކުރަމުން. އޭރު ބުނިން އަހަރެން ހޯދުން ހުއްޓާލާފައި ރަގަޅު ބައިވެރިއެއް ހޯދައިގެން ކައިވެނި ކުރާށޭ....." އިސްހާގުގެ ލޯ ކަރުނުން ތެމުނުކަން ކައިލްއަށް ފާހަގަކުރެވުނެވެ. އޭނަ ނަޒަރު ތިރިކޮށްލީ އިސްހާގުގެ އަތަށެވެ. ރޫޖެހިފައިވިޔަސް އަދިވެސް ބާރުގަދަ އަތެކެވެ. ކުރީގެ ތަޅާފޮޅުންތަކުން އަތުގައިވާ ލެވިފައިވާ ޒަޚަމްތަކާއި ލަކުނުތައްވެސް ފެނުނެވެ. އެކަމަކުވެސް އޭނައަށް އެނގުނެވެ. އެހިތަށް ވެފައިވާ އަނިޔާއަށްވުރެ ބޮޑު އެއްވެސް އަނިޔާއެއް އިސްހާގުއަށް ޖިސްމާނީ ގޮތުން ލިބިފައިނުވާނެއެވެ.

"އެދުވަހު އޭނަ ރުއި. އޭނައާއެކު ދާން އާދޭސްކުރި. އޭރުގެ ރަހުމަތްތެރިން ދޫކޮށްލާފައި. އެކަމަކު އަހަރެން ވީ ބޮޑު މޮޔައަކަށް. އެދުވަހަކީ އަހަންނަށް އޭނަ އެއްކޮށް ގެއްލުނު ދުވަސް."

"އޭގެ އަހަރުތަކެއްފަހުން އެހެން މީހަކާއި ކައިވެނިކުރި ޚަބަރު ލިބުނު. ދެން ވަރަށް މަސައްކަތްކުރިން ހަނދާން ނައްތާލެވޭތޯ. އެދުވަސްކޮޅު ރިހާނާއާއި ދިމާވީ. އެއީ ރަގަޅު އަންހެންކުއްޖެއް. އެކަމަކު އަހަރެންގެ ހިތުގައި އެހެން އަންހެންކުއްޖަކަށް މަގާމު ދެވިފައިވާކަން އެނގޭނެ. އެކަމަކުވެސް ކައިވެނި ކުރަން އެދުނު. އަހަރެން އެއްބަސްވެ އެކަން ކުރިން. އޭނަ އުއްމީދުކުރާނީ އަހަރެންގެ ހިތް ބަދަލުވާނެކަމަށް. އެކަމަކު....އަހަންނަށް ރަގަޅު ފިރިޔަކަށް ނުވެވުނު. އެންމެ ފަހުން އޭނަގެ ދިރިއުޅުމުގެ އިތުރުން އަހަރެންގެ ދިރިއުޅުންވެސް ހަލާކުގެ ތެރެއަށް ވައްޓައިލެވުނީ. މިހާރު އުއްމީދު ކުރަނީ ރިހާނާދެކެ ލޯބިވާ ބައިވެރިޔަކު ލިބި ކައިވެނިކޮށްގެން އުފާވެރި ދިރިއުޅުމެއް ލިބުން."

"އެއީ ކާކު؟" ކައިލް ސުވާލުކުރިއެވެ." އެހާ ލޯބިވި އަންހެނަކީ ކާކު؟"

ކައިލްގެ ހިތް އަވަސްވިއެވެ. އޭނައަށް ޖަވާބު މިހާރުވެސް އެނގިއްޖެކަމަށް އޭނަގެ ހިތުގެ ކަނަކުން ބުނެލިއެވެ.

"ކައިލްގެ މަންމަ....." އިސްހާގު ހިތާމަވެރި ހިނިތުންވުމަކާއެކު ޖަވާބު ދިނެވެ." އަނާލިއާ......"

"އެހެންވިއްޔާ އެމީހާ އެނގޭތަ؟ މަންމަ ކައިވެނި ކުރި މީހާ...." އުއްމީދުން ފުރިގެންވި ގޮތަކަށް ކައިލް ސުވާލުކުރިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު